ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހްމަދު ސަލީމްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް، ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މަޖިލީހަށް ވައްދައިފިއެވެ.

23 މެންބަރުންގެ ސޮޔާ އެކު އަސްލަމާއި ސަލީމްގެ މައްޗަށް ހުށަހެޅި މައްސަލައިގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ، ގާނޫނުއަސާސީގެ 75 ވަނަ މާއްދާގައި މަޖިލީހުގެ މެންބަރުން އަމަލުކުރަންވާނީ ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަޔަށް އިސްކަންދީގެން ކަމާއި، ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުންކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އަސްލަމް އެ މާއްދާ އާ ތަކުރާރުކޮށް ހިލާފުވެވަޑައިގެންފައިވާ ކަމަށެވެ.

އެ ކޯލިޝަނުން ހުށަހެޅި މައްސަލަ އިތުރަށް ތަފްސީލުކޮށް ބުނީ، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 200 ވަނަ މާއްދާގައިވާ ގޮތުން:

- މަޖިލީހުގެ ކޮމިޓީއެއްގެ މަސައްކަތެއް ނިންމިގޮތް ތައްޔާރުކުރާ ރިޕޯޓެއް މަޖިލީހުގެ ރައީސަށް ލިބުމުން، އެންމެ އަވަހަށް ބާއްވާ ޖަލްސާއެއްގެ އެޖެންޑާގައި އެ ރިޕޯޓާ މެދު ގޮތެއް ކަނޑައެޅުން ހިމަނަން ވާނެ ކަމަށް

- ރިޕޯޓަށް ބަހުސްކުރުމަށް މަޖިލީހުގައި ތަމްސީލުކުރާ ކޮންމެ ޕާޓީއެއްގެ އެއް މެންބަރަކަށާއި މިނިވަން އެއް މެންބަރަށް ޖުމްލަ 30 މިނެޓުގެ ފުރުސަތެއްދީ ތަޅުމުގައި ވޯޓަށް އަހަންވާނެ ކަމަށް

- މަޖިލީހުން ރުހުންދިނުން ފެންނަ ކަމަށް ނުވަތަ ނުފެންނަ ކަމަށް ބަޔާންކޮށް ލިޔެފައިވާ ކޮމިޓީގެ ރިޕޯޓަކާ ބެހޭ ގޮތުން މަޖިލީހުގައި ވޯޓެއް ނަގަން ވާނީ އެ ރިޕޯޓެއް މެންބަރުންނަށް ފޮނުވުމަށް ފަހު ތިން ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު ކަމަށް

އެކަމަކު މިދިޔަ މަހުގެ 10 ވަނަ ދުވަހު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ވަޒީރުންނަށް ރުހުން ދިނުމަށް ފެންނަ ކަމަށް ނިންމައި، އެ ކޮޮމިޓީގެ މެންޑޭޓުގެ ދަށުން ހުށަހެޅި ނަމަވެސް، އަސްލަމާއި ސަލީމް އެ މައްސަލަ ތާވަލުކުރެއްވީ ކޮމިޓީގެ ރިޕޯޓު ލިބުނުތާ އަށް ދުވަސް ފަހުން ކަމަށާއި، ރިޕޯޓަށް ބަހުސްކުރާނެ ފުރުސަތެއް ނުދެއްވައި، ކޮމިޓީ އަށް ރިޕޯޓު ފޮނުވާލެއްވީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށް، އެ މައްސަލައިގައި ބުންޏެވެ.

އެހެންކަމުން އަސްލަމާއި ސަލީމްގެ މައްޗަށް އިތުބާރުނެތް ކަމަށް ހުށަހަޅަން ނިންމީ ކަމަށް، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހުށަހެޅި މައްސަލައިގައި ބުންޏެވެ.

ވަކިވަކިން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހުށަހެޅި ދެ މައްސަލައިގައި، އެ ކޯލިޝަން ތަމްސީލުރައްވާ 18 މެންބަރުންގެ އިތުރުން ދެން ސޮއިކުރެއްވީ:

- މުހައްމަދު ނާޒިމް - ދަނގެތި ދާއިރާ (އެމްއެންޕީ)

- އަބްދުﷲ ރިޔާޒް - ތިމަރަފުށި ދާއިރާ (އެމްއެންޕީ)

- މުހައްމަދު ނަޝީދު އަބްދުﷲ - ނޮޅިވަރަމް ދާއިރާ (އަމިއްލަ)

- އަހްމަދު ސިޔާމް މުހައްމަދު - މީދޫ ދާއިރާ (އެމްޑީއޭ)

- އަހްމަދު އާމިރު - ކުޑަހުވަދޫ ދާއިރާ (އެމްޑީއޭ)