ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހްމަދު ސަލީމް މަގާމުން ވަކިކުރުމަށް ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ މެންބަރުން ހުށަހެޅި މައްސަލައިގައި ދެ ބޭފުޅުންނަށް ނޯޓިސް ފޮނުވައިފިއެވެ.

މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު މީޑިއާތަކަށް މިއަދު ފޮނުއްވި މެސެޖެއްގައި ވަނީ، އަސްލަމާއި ސަލީމަށް ނޯޓިސް ފޮނުވާފައިކަން ހާމަކުރައްވައިފައެވެ.

އަސްލަމާއި ސަލީމް ވަކިކުރުމަށް މިދިޔަ މަހުގެ ފަހުކޮޅު ހުށަހެޅި މައްސަލައިގައި ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ މެންބަރުން ބުނީ، ގާނޫނުއަސާސީގެ 75 ވަނަ މާއްދާގައި މަޖިލީހުގެ މެންބަރުން އަމަލުކުރަންވާނީ ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަޔަށް އިސްކަންދީގެން ކަމާއި، ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުންކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް ދެ ބޭފުޅުން ވެސް އެ މާއްދާ އާ ތަކުރާރުކޮށް ހިލާފުވެވަޑައިގެންފައިވާ ކަމަށެވެ.

މިދިޔަ މަހުގެ 28 ގައި ހުށަހެޅި މައްސަލަ އިތުރަށް ތަފްސީލުކޮށް އެ ކޯލިޝަނުން ބުނީ، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 200 ވަނަ މާއްދާގައިވާ ގޮތުން:

  • މަޖިލީހުގެ ކޮމިޓީއެއްގެ މަސައްކަތެއް ނިންމިގޮތް ތައްޔާރުކުރާ ރިޕޯޓެއް މަޖިލީހުގެ ރައީސަށް ލިބުމުން، އެންމެ އަވަހަށް ބާއްވާ ޖަލްސާއެއްގެ އެޖެންޑާގައި އެ ރިޕޯޓާ މެދު ގޮތެއް ކަނޑައެޅުން ހިމަނަން ވާނެ ކަމަށް
  • ރިޕޯޓަށް ބަހުސްކުރުމަށް މަޖިލީހުގައި ތަމްސީލުކުރާ ކޮންމެ ޕާޓީއެއްގެ އެއް މެންބަރަކަށާއި މިނިވަން އެއް މެންބަރަށް ޖުމްލަ 30 މިނެޓުގެ ފުރުސަތެއްދީ ތަޅުމުގައި ވޯޓަށް އަހަންވާނެ ކަމަށް
  • މަޖިލީހުން ރުހުންދިނުން ފެންނަ ކަމަށް ނުވަތަ ނުފެންނަ ކަމަށް ބަޔާންކޮށް ލިޔެފައިވާ ކޮމިޓީގެ ރިޕޯޓަކާ ބެހޭ ގޮތުން މަޖިލީހުގައި ވޯޓެއް ނަގަން ވާނީ އެ ރިޕޯޓެއް މެންބަރުންނަށް ފޮނުވުމަށް ފަހު ތިން ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު ކަމަށް

އެކަމަކު މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ވަޒީރުންނަށް ރުހުން ދިނުމަށް ފެންނަ ކަމަށް ނިންމައި، އެ ކޮޮމިޓީގެ މެންޑޭޓުގެ ދަށުން ހުށަހެޅި ނަމަވެސް، އަސްލަމާއި ސަލީމް އެ މައްސަލަ ތާވަލުކުރެއްވީ ކޮމިޓީގެ ރިޕޯޓު ލިބުނުތާ އަށް ދުވަސް ފަހުން ކަމަށާއި، ރިޕޯޓަށް ބަހުސްކުރާނެ ފުރުސަތެއް ނުދެއްވައި، ކޮމިޓީ އަށް ރިޕޯޓު ފޮނުވާލެއްވީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށް، އެ މައްސަލައިގައި ބުންޏެވެ.

އެހެންކަމުން އަސްލަމާއި ސަލީމްގެ މައްޗަށް އިތުބާރުނެތް ކަމަށް ހުށަހަޅަން ނިންމީ ކަމަށް، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހުށަހެޅި މައްސަލައިގައި ބުންޏެވެ.

ވަކިވަކިން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހުށަހެޅި ދެ މައްސަލައިގައި، އެ ކޯލިޝަން ތަމްސީލުރައްވާ 18 މެންބަރުންގެ އިތުރުން ދެން ސޮއިކުރެއްވީ:

  • މުހައްމަދު ނާޒިމް - ދަނގެތި ދާއިރާ (އެމްއެންޕީ)
  • އަބްދުﷲ ރިޔާޒް - ތިމަރަފުށި ދާއިރާ (އެމްއެންޕީ)
  • މުހައްމަދު ނަޝީދު އަބްދުﷲ - ނޮޅިވަރަމް ދާއިރާ (އަމިއްލަ)
  • އަހްމަދު ސިޔާމް މުހައްމަދު - މީދޫ ދާއިރާ (އެމްޑީއޭ)
  • އަހްމަދު އާމިރު - ކުޑަހުވަދޫ ދާއިރާ (އެމްޑީއޭ)