އދ. ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖާ އޮތީ ފޫޅުވެސް ނުކަނޑާ ކަން "ދަ ޕްރެސް" އަށް އެނގިއްޖެއެވެ.
600 އެއްހާ އާބާދީގެ ދިގުރަށަކީ ލޯކަލް ޓޫރިޒަމް ފުޅާވެފައި އޮތް ރަށަކަށްވާއިރު އެ ރަށުގެ ގެސްޓް ހައުސް ވިޔަފާރީގައި ބިދޭސީއިންވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.
އެ ރަށުން "ދަ ޕްރެސް" އާ ވާހަކަދެއްކި މީހަކު ބުނީ އެ ކުއްޖާގެ މަންމަ ކަމަށް ތުހުމަތުކުރެވެނީ އެ ރަށުގެ ގެސްޓް ހައުސްއެއްގައި މަސައްކަތް ކުރަމުން ގެންދާ ބިދޭސީއަކަށް ކަމަށާއި އެ ވާހަކަތައް އެ ރަށުގެ ތެރޭގައި ދެކެވޭ ކަމަށެވެ. އަދި އެ ގެސްޓް ހައުސް ހިމެނޭ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
އޭނާ ބުނީ އެ ފަދަ އަމަލީ އެ ރަށުގެ ރައްޔިތަކު ކޮށްފާނެ އަމަލެއް ނޫން ކަން ޔަގީން ކަމާއެކު ބުނަން އެނގޭ ކަމަށެވެ. އަދި އެ ރަށުން ވާހަކަ ދެއްކި އިތުރު ބައެއްގެ ވާހަކަވެސް ހުރީ ހަމަ މިފަދަ ގޮތަކަށެވެ.
އެ ގެސްޓް ހައުސްގެ އިތުރުން ކުއްޖާގެ ހަށިގަނޑު ބާއްވާފައިވާ އެ ރަށުގެ ސިއްހީ މަރުކަޒުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. އެ ކުއްޖާ ފުރަތަމަ ފެނިފައިވަނީ މިއަދު ހެނދުނު ކުނިކޮއްޓަށް ދިޔަ އެތަނުގެ ބިދޭސީ މުވައްޒަފަކަށެވެ. އެ ކުއްޖާ ފެނުނު މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ދަ ޕްރެސް" އަށް ކިޔައިދިން ގޮތުގައި އެ ކުއްޖާ އޮތީ ކުނި އުކާލަން ބޭނުންކުރާ ކަޅު ކޮތަޅަކަށްލާފައި ކަމަށާއި އެ ކުއްޖާގެ ފޫޅު ވެސް ނުކަނޑާ ކަމަށެވެ.
އެ ކުއްޖާ ވިހޭތާ މާގިނަ އިރުވެފައި ނުވާނެކަން ފާހަގަކުރަމުން އެ މީހާ ބުނީ ބެލެވޭ ގޮތުގައި އެންމެ އަވަހަށްވެސް އެކަން ކޮށްފައިވަނީ ރޭގެ ދަންވަރު ނުވަތަ އެއަށްވުރެ ފަހުން ކަމަށެވެ.
ދިގުރަށުގެ ކުނި ކޮއްޓަކީ ގެ ތަކާ ވަރަށް ދުރު ހިސާބެއްގައި ހުންނަ ތަނަކަށްވާއިރު އެތަނަށް ކުނި އުފުލަނީ ވެހިކަލްގައެވެ. އެ ސަރަހައްދަށް ހިނގާފައި ދާނަމަ ގިނަ ވަގުތު ހޭދަވާނެ ކަމަށް އެ ރަށުން ވާހަކަދެއްކި މީހުން ބުނެއެވެ.
އެ ހާދިސާއާ ގުޅިގެން މިއަދު ހެނދުނު ފުލުހުން ބުނީ ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު އެރަށު ކުނިގޮނޑުން ފެނިފައިވާކަމުގެ މައުލޫމާތު މިއަދު ހެނދު 09:20 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މިމައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް އެރަށުގައި މިހާރު ހަރަކާތްތެރިވަމުންދާ ކަމަށާއި އެ ކުއްޖާ މަރުވެފައިވާކަމަށް ކުއްޖާ ބެއްލެއްވި ޑޮކްޓަރު ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް މައުލޫމާތު ދިނެވެ.