ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މަގާމުން އިސްތިއުފާ ދެއްވުމުން، އެ މަގާމަށް މެންބަރަކު އިންތިހާބުކުރުމަށްޓަކައި މަޖިލީހުގެ ޖަލްސާ އެއް މިރެއަށް ތާވަލު ކޮށްފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދިޔައީ އީވާ މަގާމުން ވަކިކުރުމުގެ ގަރާރުގެ މަސައްކަތެވެ. އެމްޑީޕީން ހުށަހެޅި ގަރާރަށް ވާހަކަ ދައްކަވައި ނިންމަވާލައްވަމުން އީވާ ވަނީ މަގާމުން އިސްތިއުފާދެއްވި ކަމުގެ ސިޓީ ހުށަހަޅުއްވާނެ ކަން ހާމަކުރައްވައިފައެވެ.

އީވާ އިސްތިއުފާދެއްވައި ހުށަހެޅުއްވި ސިޓީ ލިބިވަޑައިގެންނެވި ކަން ތަޅުމުގައި އިއުލާނު ކުރައްވައި، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، އީވާ ވަކިކުރުމަށް ހުށަހެޅި ގަރާރުގެ މަސައްކަތް މި ހިސާބުން ނިމުނީ ކަމަށާއި، އީވާ އިސްތިއުފާ ދެއްވުމުން އާ ނައިބު ރައީސް އިންތިހާބު ކުރުމަށް މިރޭ 8:30 ގައި ޖަލްސާ އެއް އޮންނާނެ ކަމަށެވެ.

އެހެންވެ ހުސްވެފައިވާ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް އެމްޑީޕީން ތިން މެންބަރަކު ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކަމަށް، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ސްޕޯކްސްޕާސަން އަދި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު، މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވިއެވެ. އެ ތިން މެންބަރުންނަކީ:

  • ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
  • އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
  • ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް

މުހައްމަދު ވިދާޅުވީ، އެ ތިން ބޭފުޅުންގެ ތެރެއިން މަޖިލީހުގެ ނައިބު ރައީސް ކަމަށް އެމްޑީޕީން ވާދަކުރާ ބޭފުޅަކު ކަނޑައެޅުމަށްޓަކައި މިއަދު ހަވީރު ސިއްރު ވޯޓެއް ނަގައި، ޕާލިމެންޓްރީ ގްރޫޕުން ގޮތެއް ނިންމާނެ ކަމަށެވެ.

އީވާގެ އިތުބާރު ނެތް ކަމަށް އެމްޑީޕީން ދެވަނަ ފަހަރަށް ވެއްދީ 50 މެންބަރުންގެ ސޮޔާ އެކު މިދިޔަ މަހުގެ 13 ވަނަ ދުވަހުގައެވެ. މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރުމަށް ނިންމައި، ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ގަރާރެއް އެންމެ ފުރަތަމަ ހުށަހެޅީ މިދިޔަ ޖޫން މަހުގެ ހަތްވަނަ ދުވަހުގައެވެ. ނަމަވެސް އެމްޑީޕީން ވަނީ ސެޕްޓެމްބަރު މަހު އެ މައްސަލަ އަނބުރާ ގެންގޮސްފައެވެ.