ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އިސްތިއުފާދެއްވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ތާވަލުކޮށްފައި އޮތީ މަޖިލީހުގެ ނައިބު ރައީސް ކަމުން އީވާ ވަކިކުރުމުގެ ގަރާރުގެ މަސައްކަތް އެކަންޏެވެ. އެހެންކަމުން އެ ގަރާރުގެ މަސައްކަތް ފަށްޓަވައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ދިފާއުގައި ވާހަކަ ދެއްކެވުމުގެ ފުރުސަތު އީވާ އަށް ދެއްވައިފައެވެ.

"މަޖިލީހުގެ ނައިބުކަމަށް ނާގާބިލޭ ބުނެވޭނެ އެއްވެސް މެންބަރަކު ނެތް، ގާނޫނުތަކާ ހިލާފެއް ނުވަން!"

ދިފާއުގައި ވާހަކަ ދައްކަވަމުން އީވާ އެންމެ ފުރަތަމަ ވެސް ވިދާޅުވީ، މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް އޭނާ ނާގާބިލޭ ބުނެވޭނެ އެއްވެސް މެންބަރެއް އަދި ސިޔާސީ ޕާޓީ އެއް ނޯންނާނެ ކަމަށެވެ. ހަމަ އެހެންމެ މަޖިލީހުގެ ނައިބު ކަމުގައި ހުންނަވައި ގާނޫނުއަސާސީ އާއި މަޖިލީހުގެ ގާނޫނުތަކާއި ގަވައިދުތަކާ ހިލާފުވެވަޑައިގެންފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ އަށް އަލިއަޅުވާލައްވައި މިއަދު ވެސް އީވާ ވަނީ، ސުޕްރީމް ކޯޓުން އެ މައްސަލައިގައި ކުރި ހުކުމާ ހިލާފުވެވަޑައިގެންފައި ނުވާ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވައިފައެވެ.

އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، އީވާ ވިދާޅުވި ގޮތުގައި، އަމީން އާންމު ފާތިމަތު ނިއުޝާ ސިޓީ ފޮނުއްވައި ރިޔާސަތު ބަލަހައްޓަވަން އެދިވަޑައިގެންނެވި ޖަލްސާގައި އެކަނި ކަމަށާއި، ނިއުޝާ ސިޓީ ނުފޮނުއްވާ ހިސާބުން ފެށިގެން ނަޝީދު ވަކިކުރުމުގެ ގަރާރު އެޖެންޑާކޮށްފައިވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާފައި ނުވާނެ ކަމަށެވެ.

"ތާރީހަށްޓަކައި މި ދަންނަވަނީ، އަޅުގަނޑު ސުޕްރީމް ކޯޓުގެ ހުކުމަކާ ހިލާފުވެފަކަ ނޯންނާނެ، އަދި އެ ޖަލްސާ ސުޕްރީމް ކޯޓުގެ ހުކުމާ ހިލާފަށް މަޖިލިސްގެ ގަވައިދާ ހިލާފަށް، އަޅުގަނޑު މިތާ ހާޒިރުވެ އިންދާ އެހެން މީހަކަށް ރިޔާސަތު ހަވާލުކޮށްގެން ރައީސް ނަޝީދު މަގާމުން ވަކިކުރުމުގެ ޖަލްސާ ކުރިއަށް ގެންގޮސްފައި ވާނީ،" އީވާ ވިދާޅުވިއެވެ.

ކުށަކީ ސަރުކާރާ ދެކޮޅަށް އަޑުއުފުލުން، ސިފަކުރެއްވީ ސަރުކާރު ގެއްލުމުން ދޭ "އަދަބެއް"ގެ ގޮތުގައި

އީވާ ވިދާޅުވި ގޮތުގައި، މަޖިލީހުގެ ނައިބު ރައީސަކީ ވަކި ޕާޓީއެއްގެ ގަވައިދާ ގުޅުވައި އިންތިހާބުކޮށް، މަސައްކަތް ކުރަން ޖެހޭނެ މީހެއް ނޫނެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތުން އޭނާ ނައިބުކަމަށް އިންތިހާބުކޮށްފައި ހުއްޓާ މަގާމުން މިއަދު ވަކިކުރަނީ އެމްޑީޕީގެ އަޣުލަބިއްޔަތު އޮވެ، އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން ނެރުނު އެތެރޭގެ ވިޕްލައިނަކުންނެވެ.

"ހަގީގަތަކީ މަނިކުފާނު، ނާގާބިލު، ކިބުރުވެރި ސަރުކާރަކާ ދިމާލަށް އަޅުގަނޑު ނާގާބިލު، ކިބުރުވެރި ސަރުކާރެކޭ ބުނީ، ހަގީގަތަކީ އެ ސަރުކާރުން މާ ބޮޑަށް އަޅުގަނޑާ ނުރުހުނީ، އަދި އަޅުގަނޑު ވެސް އެ ސަރުކާރާ މާ ބޮޑަށް ނުރުހުނީ،" މަޖިލީހުގެ ނައިބުގެ މަގާމުން އެމްޑީޕީން ވަކިކުރަން ހުށަހަޅާފައި ވަނީ އޭރުގެ ސަރުކާރާ ދެކޮޅަށް އަޑުއުފުއްލެވުމުން ދޭ އަދަބެއްގެ ގޮތުގައި ސިފަކުރައްވައި އީވާ ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ، ސަރުކާރުން އޭރު ކުރި ކަންކަމާ ދެކޮޅަށް އަޑުއުފުއްލަވަން ފެއްޓެވީމާ މިދިޔަ ސަރުކާރުންނާއި އެމްޑީޕީން 'އަދަބު' ދޭނެ ކަން ކުރިއާލާ އެނގިވަޑައިގަންނަވާ ކަމަށެވެ.

"ނާޖާއިޒު ކަންކަން ކުރުމަށް ވުރެ ނާޖާއިޒު ކަންކަން ކުރީމާ، އެ ވާހަކަ ދެއްކީމާ ދައްކާ މީހަކަށް އަދަބު ދެވިދާނެ، އެހެން ނަމަވެސް މަގާމެއް ދިފާއުކުރުމަށްޓަކައި ބޭއިންސާފުން ދާ ގަޑީގައި ދޫ ބަންދުކޮށްގެން އިނުން އެއީ އަޅުގަނޑު ދަންނަ ތަރުބިއްޔަތެއް ނޫން،" އޭނާ ވިދާޅުވިއެވެ.

"ހަގީގަތަކީ އެ ވައްކަމުގެ ހާލީގައި އަޅުގަނޑު ތާށިނުކުރެވުނީ، އެއީ އެމްޑީޕީން އަޅުގަނޑަށް މިއަދު މި ދޭ އަދަބަކީ"

އޭރު ހައްގުތައް ކަށަވަރުކުރެއްވުމަށް އިހްތިޖާޖުގައި، "ޑިމޮކްރެޓްސް" އަކީ އޭގެ އެއް މަސައްކަތް!"

އީވާ ވިދާޅުވީ، ދިވެހިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށާއި، އާއިލާތަކަށާއި ޒުވާނުންނަށާއި އަންހެނުންނަށާއި މަސައްކަތްތެރިންނަށް ފާގަތި މުސްތަގުބަލެއް ހޯދައިދިނުމަށްޓަކައި ކުރެއްވި އަދި ކުރައްވާނެ އެއްވެސް މަސައްކަތެއް އޭނާގެ މަގާމަށް ބިނާވެފައި ނޯންނާނެ ކަމަށެވެ. މިހެން ވިދާޅުވެ، އީވާ ވަނީ މީގެ ކުރިން ކުރެއްވި މަސައްކަތްތަކަށް އަލިއަޅުވާލައްވައިފައެވެ.

އެގޮތުން އޭރު ޔުނިވާސިޓީގައި ތައުލީމް ހާސިލްކުރައްވަމުން ގެންދެވިއިރު ރައްޔިތުންގެ ހައްގުތަކަށް ވަކާލާތުކުރެއްވުމަށް އިހްތިޖާޖަށް ނުކުމެވަޑައިގެންނެވި ކަމާއި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކުރުމުގެ އުންމީދުގައި މަސައްކަތްކުރެއްވި ކަން އީވާ ފާހަގަކުރެއްވިއެވެ.

"ހައްގާއި ރައްކާތެރިކަމާއި މިނިވަން ފަނޑިޔާރުގެއަކާއި އަދި ގިނަ ޕާޓީ އެކުލެވޭ މިނިވަން ސިޔާސީ ނިޒާމަކާއި 18 އަހަރުގެ ކުދިންނަށް ވޯޓުލުމުގެ ހައްގު ހޯދައިދިނުމަށްޓަކައި ދިވެހި ރައްޔިތުން ނުކުމެ ކުރި އިހުތިޖާޖުގައި އަޅުގަނޑު ވެސް މި މަޖިލީހުގައި (މަޖިލީހުގެ ކުރިމަތީގައި) ހުރީ އިހުތިޖާޖަށް،"

އަލަށް އުފެއްދި 'ޑިމޮކްރެޓްސް' އަކީ އޭގެ ނަތީޖާ ކަމަށާއި، ދިވެހިންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް އޭނާ ވިދާޅުވިއެވެ.

"'ބޮޑު ފަޅި' ދޫކޮށްލީ އާރާއި ބާރަށް ވުރެ އަސާސްތައް އިސްކޮށް ކުރިއަށް ދިއުމަށްޓަކައި"

"ފައްސިއަށް ދާ އޮޑިއެއްގެ ދިރުނބާކޮޅުގަ އިނުމަކީ ވަރަށް ފަސޭހަ ކަމެއް، ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތާ އެކު އަޅުގަނޑުމެންނަށް ވެސް މިތާ ތިބެވުނީސް އަދި އަޅުގަނޑަށް އެ ނައިބު ރައީސްކަމުގައި ވެސް އިނދެވުނީސް، ފައްސިއަށް ދާ އޮޑިއެއްގެ ދިރުނބާކޮޅުގަ އިނުމަކީ ވަރަށް ފަސޭހަ ކަމެއް، އެހެންނަމަވެސް އިންސާފުން އެއްކިބާވެގެން ދާ ގަޑީގައި ހަށްޓަށް ފަސޭހަވާ ގޮތް އެކަނި ހެދުން އެއީ އަޅުގަނޑުގެ ހަށްޓަށް ވެސް ފަސޭހަ ގޮތް،"

"އެހެންނަމަވެސް އެއީކީ ވެސް އަޅުގަނޑު ދަންނަ ތަރުބިއްޔަތެއް ނޫން،" އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، ބޮޑު މެޖޯރިޓީ އާއި ސަރުކާރާއި އެމްޑީޕީ ދޫކުރައްވައި ނުކުންނެވިއިރު ދެން ވަޑައިގަންނަވާ މިސްރާބު ސާފު ކަމަށާއި، އެމްޑީޕީ ދޫކޮށްލެއްވީ ގަބޫލުނުކުރެވޭ ތަނެއްގައި ހުންނަވަން ބޭނުންވެވަޑައިނުގަންނަވާތީ ކަމަށެވެ.

އެމްޑީޕީ ދޫކޮށްލެއްވީ އީވާ ވިދާޅުވި ގޮތުގައި، ހައްގަށް އިއާދަވާނެ ކަމާއި އާރާއި ބާރަށް ވުރެ އަސާސްތައް އިސްކުރައްވައި ކުރިއަށް ވަޑައިގަތުމާއި އިންސާފާއި ހައްގަށް މަސައްކަތްކުރެއްވުމާއި، އެ ކަންކަމަކީ ތާ އަބަދަށް ސިޔާސީ މަސައްކަތަކުގެ ބިންގަލަށް ވާން ޖެހޭނެ ކަމަށް ގަބޫލުކުރާ ބަޔަކު ތިބި ކަމުގެ އުންމީދުގައެވެ.

"މި މަޖިލީހަކީ ދެ ފުށް ފެންނަ މަސައްކަތްތެރި މަޖިލީހަކަށް ހެދުނު"

ދިފާއުގައި ވާހަކަ ދެއްކެވުމަށް ލިބުނު ފުރުސަތުގައި ދެއްކެވި ވާހަކަ ކުރުކޮށްލެވުމުގެ ކުރިން އީވާ ވަނީ މަޖިލީހުގެ ރިޔާސަތުގައި އިންނަވައި ކުރެއްވި ބައެއް ކަންކަން ފާހަގަކުރައްވައިފައެވެ.

އެގޮތުން:

  • ދެ ފުށް ފެންނަ، މެންބަރުންގެ ހަރަދުތައް ކޮންޓްރޯލް ކުރެވުނު މަޖިލީހަކަށް ހެދިއްޖެ
  • އިދާރީ މުވައްޒަފުންނަށް ގިނަ ތަމްރީނު ދެވިއްޖެ
  • ކޮވިޑްގެ ހާލަތުގައި އޮންލައިންކޮށް މަޖިލިސް ބޭއްވުނު
  • ޕްރެކްޓިސް ޕާލިމެންޓް ބާއްވައި، އިޝާރާތުގެ ބަހުން މަޖިލިސް ގެނެވޭ ގޮތް ހެދުނު
  • މައިނޯރިޓީ އަށް ފުރުސަތު ދެވުނު

އެއްވެސް ހިފެހެއްޓުމެއް ނެތި ޕްރެސް ކޮންފަރެންސް ބާއްވަން ފުރުސަތު ދެވުނުވާހަކަ ކުރުކޮށްލައްވަމުން އީވާ ވަނީ މަޖިލީހުގެ ނައިބު ކަމުން އިސްތިއުފާދެއްވި ކަން އަންގަވައި، ސިޓީ ހުށަހަޅުއްވާފައިވާ ކަން ހާމަކުރައްވައިފައެވެ. އަދި އަސްލަމް ވަނީ އީވާގެ ސިޓީ ލިބިވަޑައިގެންފައިވާ ކަން މަޖިލީހުގައި އިއުލާނު ކުރައްވައިފައެވެ.