ހަމާސް އާއި އިޒްރޭލާ ދެމެދު ރަހީނުން ބަދަލު ކުރުމަށް ހަމަލާތައް ހުއްޓާލާފައި ބޭއްވިތާ 7 ދުވަސް ފަހުން އިޒްރޭލުން ގާޒާއަށް ބޮން އަޅަން ފަށައިފިއެވެ.
މިއަދު ކިއުއާރު ކޯޑު ހިމަނާ, ގާޒާގެ މެޕް [ޗާޓު] އާއެކު އިޒްރޭލުން ވަނީ ގާޒާގެ ދެކުނުގައި އޮންނަ ހާން ޔޫނިސްގެ އުތުރުރާއި ދެކުނަށް އިންޒާރުގެ ލީފްލެޓް އަޅާފައެވެ. އޭގާއި ބުނެފައި ވަނީ, އެމީހެއްގެ ސަލާމަތް ހޯދަން ބޭނުމިއްޔާ މެޕްގައި ފާހަގަ ކޮށްފައި އޮތް ސަރަހައްދު ދޫކޮށް ދިނުމަށެވެ.
އެއާއެކު ބޮން އަޅަން ފަށާފައި ވާ އިރު މިހާތަނަށް 54 މީހަކު ޝަހީދުވެފައި ވާ ކަމަށް ގާޒާގެ ސިއްހީ ވުޒާރާއިން މައުލޫމާތު ދެއެވެ. އޭގެ ތެރޭގައި ޝުޖައިއްޔާ އަވަށުން ޝަހީދުވި 15 މީހަކާއި ކުޑަކުދިން ވެސް ހިމެނޭ ކަމަށް އޮފިޝަލުން ބުނެއެވެ.
އިޒްރޭލުން ގާޒާއަށް އަލުން ހަމަލާ ދޭން ފަށާފައި ވާ އިރު, އިޒްރޭލުގެ ބޮޑުވަޒީރާ ބައްދަލުކުރައްވަން ބަޑައިގެން އުޅުއްވާ އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވިދާޅުވެފައި ވަނީ, ހަމަލާ ދޭ އިރު އާންމުންނަށް އަމާޒު ނުވާނެހެން ހަމަލާ ދިނުމަށް އިޒްރޭލުން ކޮންމެހެންވެސް ސަމާލުކަން ދޭން ވާނެ ކަމަށެވެ. އެވަރުންވެސް ހަމަލާތައް ހުއްޓާލަކަށް އޭނާ ވިދާޅެއް ނުވެއެވެ.
މިހަމަލާތަކާ ގުޅިގެން ލުބުނާނުގެ ހިޒުބުއްލޯ އިން ބުނީ, ކުރިންވެސް ހަމަލާ ދިނީ އަދި އަލުން ހަމަލާތައް ފެށީވެސް އެމެރެކާއިން އަންގައިގެން ކަމަށެވެ.
އިތުރަށް އެޖަމާއަތުން ބުނީ ފަލަސްތީނުގެ ރައްޔިތުން މަރާ އަދި މުޅި ސަރަހައްދަށް ހަނގުރާމަ ފުޅާކުރަން އިޒްރޭލާއި އެމެރިކާއިން ކުރާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށާއި އެ ސަރަހައްދުގެ ބާރު އެދެފަރާތަށް ދުވަހަކުވެސް ނުލިބޭނެ ކަމަށެވެ.
ހަމަލާތައް އަލުން ފެށުން އެކިއެކި ގައުމުތަކުން ކުށްވެރި ކުރަމުން އަންނަ އިރު ފްރާންސުގެ އިތުރުން ޖަރުމަނުންވެސް މިފަހަރުވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ ކުރިންވެސް ހަމަލާތައް ހުއްޓާލަން ފުރާންސުން ގޮވާލި ނަމަވެސް ޖަރުމަނުން ބުނަމުން ދިޔައީ ހަމަލާތައް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. ނަމަވެސް މިއަދު ޖަރުމަނުން ބުނެފައި ވަނީ ހަމަލާތައް ހުއްޓާލާފައި އޮންނަން މުއްދަތު އިތުރު ކުރަން ތާއީދު ކުރާ ކަމަށެވެ.
ގާޒާއަށް ދިމާވެފައި ވާ އިންސާނީ ކާރިސާގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ އދ ގެ އިދާރާތަކުންވެސް ވަނީ ހަމަލާތައް އަލުން ފެށުމުން ކަންބޮޑުވުން ފާޅުކޮށް ހަމަލާތައް ހުއްޓާލާފައި އޮތް މުއްދަތުގައި އާއިލާތައް އެއްތަންވެ, ތުއްތު ކުދިންގެ މޫނުމަތިންވެސް އުފާވެރިކަން ފާޅުވަމުން ދިޔަ ކަމަށާއި ނަމަވެސް އަލުން ހަމަލާތައް ފެށުމުން ބިރުވެރިކަން އަނބުރާ އިއާދަވެއްޖެ ކަމަށް ބުނެފައެވެ. އަދި ހަމަލާތައް ހުއްޓާލައި އިންސާނީ އެހީއަށް ޖާގަ ދިނުމަށް އެ އިދާރާތަކުން ވަނީ ގޮވާލާފައެވެ.
އޮކްޓޯބަރު 7, 2023 ގައި ހަމަލާތައް ފެށިފަހުން މިހާތަނަށް 6150 ކުޑަކުއްޖަކު އިޒްރޭލުން ވަނީ ޝަހީދު ކޮށްލާފައެވެ. ހުޅަނގު އައްސޭރިއާއި ގާޒާ ހިމެނޭހެން ޝަހީދު ކޮށްލި މީހުންގެ އަދަދު 15,000 އަށް ވަނީ އަރައިގެން ގޮސްފައެވެ.
ހުސްވި ހަފްތާގައި ހަމަލާތައް ހުއްޓާލައި ރަހީނުން ބަދަލުކުރުން ކުރިއަށް ގެންގޮސްފައި ވާ އިރު, އަދިވެސް ހަމާސްގެ ބެލުމުގެ ދަށުގައި އިޒްރޭލުގެ 137 ރަހީނުން ތިބިކަމަށް ހަބަރުތައް ބުނެއެވެ. ހަމަ އެއާއެކު އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ރަހީނުން ދޫކުރަމުން ދިޔަ ނަމަވެސް އަދަދުތައް މަދު ނުވާ ކަމަށާއި, ފާއިތުވި ހަފްތާގެ ތެރޭގައި ދޫކުރި މީހުންނާ އެއްވަރަކަށް ހުޅަނގު އައްސޭރީން މީހުން ރަހީނުކޮށްގެން އިޒްރޭލުގެ ޖަލުތަކަށް ވަނީ ގެންގޮސްފައި ކަމަށް ވެސް ހަބަރުތައް ބުނެއެވެ.
މިހަމަލާތަކާ ގުޅިގެން އިޒްރޭލުން ބުނީ, ހަމާސްގެ އަތްދަށުގައި ތިބި ރަހީނުން މިނިވަން ކުރުމަށް ވާހަކަ ދެއްކުން ކުރިއަށް ދިޔަ ނަމަވެސް އެހެން ގޮތްގޮތުންވެސް އެމީހުން މިނިވަން ކުރެވޭނެ ކަން އެނގޭކަމަށެވެ. އަދި ހަމަލާތައް އަލުން ފެށީ ހަމާސް ނައްތާލަން ކަމަށާއި އެގޮތުން ދެކުނުގެ ސަރަހައްދުތަކަށް ހަމަލާ ދިނުން މިހިންމު ކަމަށެވެ.
މިއަދުގެ ހަމަލާތަކުގައި ރަފާ, ޖަބަލިޔާ, މަގާޒީ, ނުސެއިރަތު ހިމެނޭހެން މުޅި ގާޒާ ސްޓްރިޕްގެ އެތަން މިތަނަށް ވަނީ ބޮން އަޅާފައެވެ.
މިހަމަލާ ތަކާ ގުޅިގެން ހަމާސް އިން އެއްޗެއް ބުނިކަން އަދި ސާފެއް ނުވެއެވެ.