ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސެކްރެޓަރީ ޖެނަރަލް ޝިފާގު މުފީދު (ހިސްޓޯ) އެ ޕާޓީން ވަކިވެވަޑައިގެންފިއެވެ.

ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ފޮނުއްވެވި ސިޓީގައި ޝިފާގު ވިދާޅުވީ، އެ ޕާޓީގެ ސެކެޓްރީ ޖެނެރަލުގެ މަގާމާއި ޕާޓީގެ މެންބަރުކަމުން ވަކިވެވަޑައިގެންނެވީ ވަކި ބޭފުޅަކު ދައްކަވާ ވާހަކައަކީ އެ ޕާޓީގެ އުސޫލަށް ވެފައި ވާތީ ކަމަށެވެ.

މަނިކުފާނާއި އަޅުގަނޑު ނިސްބަތްވާ ޕާޓީ ހިނގާ މަގަކީ 'ހައްދުންމަތިން' އަންނަ މީހަކު ޕާޓީ އޮފީސް ތެރެއިން އަޑަފި ހިއްޕަވައިގެން ނުކުންނަވައި، ޕްރޮގްރެސިވް ކޮންގްރެސްގެ އެންމެ މެންބަރުންގެ މޫނަށް "ހައްޕުނޑު" ބުރުވުމުގެ ނޭއްގާނީ އުސޫލު،
ޝިފާގު

މިފަދަ ހާލަތެއްގައި މެންބަރުންގެ މޫނުމަތި މާލީސްކޮށްގެންވެސް އެ މެންބަރުންގެ މާޔޫސްކަން ފިލުވައި ދިވެހިންގެ ރާއްޖެ ދިވެހިން އެދޭ މަގަށް ގެންދެވޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ޝިފާގު ވިދާޅުވިއެވެ.

މިފަދަ ހާލަތެއްގައި މެންބަރުންގެ މޫނުމަތި މާލީސްކޮށްގެންވެސް އެ މެންބަރުންގެ މާޔޫސްކަން ފިލުވައި ދިވެހިންގެ ރާއްޖެ ދިވެހިން އެދޭ މަގަށް ގެންދެވޭނެ ކަމަށް ގަބޫލުނުކުރެވޭތީ މިސާހިތުން ފެށިގެން ޕީޕަޕްސް ނެޝަނަލް ކޮންގްރެސްގެ ސެކްރެޓަރީ ޖެނަރަލް ކަމުގެ މަގާމާއި އަދި ޕާޓީގެ މެންބަރު ކަމުން އަޅުގަނޑު އިސްތިއުފާ ދީފީ މެވެ.
ޝިފާގު

ޝިފާއުގެ މި ތުހުމަތު އަމާޒުކުރައްވާފައި ވަނީ ޕީއެންސީގެ ޗެއާޕާސަން އަބްދުއް ރަހީމް އަބްދުﷲ އަށެވެ. މިގޮތުން އަދުރޭ ބޭނުންވާ ގޮތަކަށް ޕީއެންސީ ތެރޭގައި ކަންތައްތައް ކުރައްވަމުންދާ ކަމަށް ޝިފާއު ވަނީ ތުހުމަތު ކުރައްވާފައެވެ.

ޝިފާއު އިސްތިއުފާ ދެއްވާފައިވާއިރު ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ވަރަށް އިސް މަގާމުތަކަކަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމްގެ އާއިލީ ބޭފުޅުންނަށް ހަމަޖައްސާފައިވާ ކަމަށް ގިނަ ބަޔަކު އަންނަނީ ތުހުމަތުކުރަމުންނެވެ.

ޝިފާގު ވަނީ މީގެ ކުރިން ޕީޕީއެމް އަދި ޕީއެންސީގައި ވެސް އިސް ރޯލުތަކެއް އަދާކުރައްވާފައެވެ. ރައީސް ޔާމީނުގެ ސަރުކާރުގައި ޝިފާގު ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުގައި ވެސް ހުންނެވިއެވެ.