ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކޮރަޕްޝަންގެ މައްސަލައިގައި އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ދައުވާ ކުރާނެ ކަމުގެ އިޝާރާތެއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝަމީމް ވިދާޅުވީ އެ އޮފީހުން އަމުރު ކޮށްގެން އެފްއޭއެމްއިން ފައިސާ ނަހަމަގޮތުގައި ބޭނުންކުރެވެމުންދާ މައްސަލައެއް ބަލަމުންދާ ކަމަށާއި އެ މައްސަލާގައި އެމްއެމްއޭ އަދި ފުލުހުންގެ ފަރާތުންވެސް ތަހުގީގުކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާ ނުވަތް ދެ ހަފްތާއެއްގެ ތެރޭގައި ކޯޓަށް އެ މައްސަލަ ހުށަހަޅޭ ވަރަށް އެ މައްސަލާގައިވެސް ހެކި ހޯދިދާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

އެ މައްސަލާގައި ތުހުމަތުކުރަނީ އެތަނުގެ އިސްވެރިންނަށް ކަމަށާއި މައިގަނޑު ތުހުމަތުކުރެވެނީ ބައްސާމްގެ މައްޗަށް ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި އެ ތުހުމަތަކީ އެފްއޭއެމްއަށް ފީފާއިން ފޮނުވާ ފައިސާ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް އެކި ކަންކަމަށް ބޭނުންކުރަމުންދާތީ ކުރެވޭ ތުހުމަތުތައް ކަން ފާހަގަކުރައްވާ ޝަމީމް ވިދާޅުވީ އެކި ގޮތްގޮތަށް އެ ފައިސާ ދައުރުވެފައިވާ ތަން ފެންނަ ކަމަށެވެ.

ޝަމީމް ވިދާޅުވީ އެފްއޭއެމްގެ މައްސަލާގައި އިތުރަށް ބަލަންޖެހޭ ކަންކަން އެބަ ހުރި ކަމަށާއި ލިޔުންތައް ބަލަހައްޓާފައި ހުރީ އާންމު ގޮތެއްގައި އިންސާނުން ލިޔުން ބަލަހައްޓާ ގޮތަކަށް ނޫން ކަމަށެވެ. އަދި އެހެންކަމުން ބައެއް ކަހަލަ ދަތިތަކެއް ކުރިމަތިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް އިތުރަށް ވިދާޅުވީ މާލީ އިދާރާތަކުން ލިބިފައި ހުރި މައުލޫމާތުތަކުން ދައުވާކުރެވޭ ވަރުގެ މައުލޫމާތު އެބަ ހުރި ކަމަށެވެ.