2021 އަދި 2022 ވަނަ އަހަރު ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކުން "ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ހާލަތު ދެނެގަންނަ ފޯމު" ފުރުމަށް އިސްލާމިކް މިނިސްޓްރީއިން އެދިއްޖެއެވެ.

އެ މިނިސްޓްރީއިން ބުނީ މި އަންނަ އާދިއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ 25 ވަނަ ދުވަހުގެ މެންދުރު 12 ގެ ކުރިން އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ ދުވަހު ކުރިން ފޯމު ހުށަހަޅާފައި ނުވާ ފަރާތްތައް ދަފްތަރުން އުނިކުރެވޭނެ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މިނިސްޓްރީއިން ބުނީ ފޯމު ބަލައިގަތުން ކުރިއަށްދާނީ އާދިއްތަ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:15 އިން 11:45 އަށް އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުން ކަމަށެވެ.

2023 ވަނަ އަހަރު ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން މި ހާލަތްތައް މެދުވެރިވެފައިވާ ފަރާތްތަކުން ވެސް "ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ހާލަތު ދެނެގަންނަ ފޯމު" ފުރުމަށް މިނިސްޓްރީއިން އަންގައެވެ.

އެގޮތުން:

  • ދަފްތަރުގައި ރަޖިސްޓްރީވީފަހުން، ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ރަށް ފިޔަވައި އެހެން ރަށަކަށް ދިރިއުޅުން ބަދަލުކޮށްފައިވާ ފަރާތްތައް
  • ދަފްތަރުގައި ރަޖިސްޓްރީވީ ފަހުން ކައިވެނީގެ ހާލަތަށް ބަދަލު އައިސްފައިވާ ( ކައިވެނި ނުވަތަ ވަރިވެފައިވާ) ފަރާތްތަށް
  • ދަފްތަރުގައި ރަޖިސްޓްރީވީފަހުން ވަޒީފާ ލިބި ދިރިއުޅުމުގެ ހާލަތު ބަދަލުވެފައިވާ ފަރާތްތަށް
  • 2023 ވަނަ އަހަރު ދަފްތަރުގައި ރަޖިސްޓްރީވީފަހުން 18 އަހަރު ފުރިފައިވާ ފިރިހެނުންނާއި 65 އަހަރު ފުރިފައިވާ މީހުންނާއި ޑިސެންބަރު 25 ގެ ނިޔަލަށް 18 އަހަރު ފުރޭ ފިރިހެނުން ނުވަތަ 65 އަހަރު ފުރޭ މީހެއް/ މީހުން ހިމެނޭ އާއިލާތައް

އިސްލާމިކް މިނިސްޓްރީއިން ބުނީ އެ ފޯމު އެ މިނިސްޓްރީގެ ވެބްސައިޓުން އަދި ކައުންޓަރުން ލިބޭނެ ކަމަށެވެ.