ހުޅުމާލޭ ފޭސް 2 ސަރަހައްދުގައި ވިޔަފާރި ކުރާ ފަރާތްތަކުގެ ޝަކުވާތައް ހައްލުކޮށްދެއްވާނެ ކަމަށް އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
ފަޒުލް މިއަދު ވަނީ ހުޅުމާލޭ ފޭސް 2 ބީޗް ސަރަހައްދަށާއި ހިޔާ ޕާކް ސަރަހައްދަށް ޒިޔާރަތް ކުރައްވައި އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވައި، އެސަރައްދުގައި ވިޔަފާރި ކުރާ ފަރާތްތަކުގެ ޝަކުވާ އައްސަވާ އެކަންކަން ހައްލު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ފަޒުލް ދެއްވި ކަމަށް އާބަންކޯއިން ބުނެއެވެ.
އާބަންކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފަޒުލް އައްޔަން ކުރެއްވިއިރު، އޭނާ ވަނީ 2015 ވަނަ އަހަރުން ފެށިގެން ނޮވެމްބަރު، 2018 ގެ ނިޔަލަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް އަދާ ކުރައްވާފައެވެ.
އާބަންކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފަޒުލް އައްޔަނު ކުރެއްވުމާ ހަމައަށް އޭނާ ހުންނެވީ ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުގެ މަގާމުގައެވެ.
ފެލިދޫ ދާއިރާގެ މެންބަރުގެ މަގާމުން އިސްތިއުފާ ދެއްވިކަން އަންގަވާ ރައްޔިތުން މަޖިލީހަށް ފޮނުއްވި ސިޓީގައި ފަޒުލް ވަނީ އާބަންކޯގެ އެމްޑީގެ މަގާމަށް އައްޔަން ކުރައްވާފައި ވާތީ ރައްޔިތުންގެ ގާތުން ގައުމަށް ހިދުމަތް ކުރެއްވުމުގެ މާތް ނިޔަތުގައި އެ މަގާމާ ހަވާލުވެވަޑައިގަތުމަށް އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.