ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ އާދިއްތަ ދުވަހަށް އެޖެންޑާ ކޮށްފައިވާ ކަން މަޖިލީހުގެ މެންބަރުންނަށް އަންގައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކަން އެންގުމަށް މަޖިލީހުގެ އަމީންއާންމު ފާތީމަތު ނިއުޝާ، މެންބަރުންނަށް މިއަދު ވަނީ ސީޓީއެއް ފޮނުއްވާފައެވެ.

އެ ސިޓީގައި ވަނީ މަޖިލީހުގެ ގަވާއިދުގެ 206 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ މުއްދަތު ދިނުމަށް ފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާ އަށް އެ ގަރާރު ހުށަހަޅަންވާނެ ކަމަށް މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ނ)ގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަމީންއާންމު ވަނީ އެ މާއްދާ އާއި އެއްގޮތަށް ޑިސެމްބަރު 3 ވަނަ ދުވަހު ބާއްވާ ޖަލްސާ އަށް އީވާ ވަކިކުރުމުގެ މައްސަލަ އެޖެންޑާ ކުރާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން އާއްމު ކޮމިޓީން ވަނީ މަޖިލީހުގެ ގަވާއިދުގެ (ޅ) އާއި (ކ) އަށް ރިއާޔަތްކޮށް އެ ގަރާރުގެ ބަހުސްކުރުމުގެ ޖުމްލަ ވަގުތަކީ 2 ގަޑިއިރު ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި އެ 2 ގަޑިއުރުގެ ތެރޭގައި އީވާ އަށް ޖަވާބުދާރީވުމަށްޓަކައި ބަހުސް ފަށާއިރު 30 މިނިޓުގެ 1 ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބާކީ އޮތް 1 ގަޑި އިރާއި 30 މިނިޓް މަޖިލީހުގެ ގަވާއިދުގެ 101 ވަނަ މާއްދާގެ (ށ)ގައި ބަޔާންކުރާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން މެންބަރުންނަށް ވަގުތު ދޭން ވަނީ ނިންމާފައެވެ.

އެހެންކަމުން ކޮންމެ މެންބަރަކަށް 3 މިނިޓަށް ވުރެ އިތުރު ނުވާނެ ގޮތުގެ މަތިން 1 ފުރުސަތު ދިނުމަށް މަޖިލީހުގެ އާއްމު ކޮމިޓީން ވަނީ ކަނޑައަޅާފައެވެ.

މަޖިލީހުގެ ގާނޫނުގައިވާ ގޮތުން މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރުމަށް ހުށަހެޅޭނީ މަޖިލީހުގެ މެންބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންބަރުންގެ ސޮއި ހަމަކޮށްގެންނެވެ. 19 ވަނަ މަޖިލީހުގައި ތިއްބަވަނީ 87 މެންބަރުން ކަމުން، މަޖިލީހުގެ ރައީސް ނުވަތަ ނައިބު ވަކިކުރުމަށްޓަކައި 21 މެންބަރުންގެ ސޮއި ހަމަކުރަން ޖެހޭނެއެވެ.

އީވާ މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރުމަށް ނިންމައި، ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ގަރާރެއް އެންމެ ފުރަތަމަ ހުށަހެޅީ މިދިޔަ ޖޫން މަހުގެ ހަތްވަނަ ދުވަހު، މަޖިލީހުގެ ރައީސްކަމުން ނަޝީދު އޭރު ވަކިކުރުމަށް ހުށަހެޅި ގަރާރާ އެކީގައެވެ. ނަމަވެސް ދެ ބޭފުޅުން މަގާމުން ވަކިކުރުމަށް މަޖިލީހަށް ވެއްދި ގަރާރުތައް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ވަނީ އަނބުރާ ގެންގޮސްފައެވެ.

އެކަމަކު އޭގެ ފަހުން ނަޝީދު މަގާމުން ވަކިކުރުމަށް ގަރާރު ހުށަހަޅާފައި އޮއްވާ އެންމެ ފަހުން އެމަނިކުފާނު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

އެއަށް ފަހު ދެވަނަ ފަހަރަށް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. 50 މެންބަރުންގެ ސޮއިއާ އެކު ހުށަހަޅާފައިވާ އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރު މަޖިލީހުން ބަލައިގަނެ، އެ މައްސަލައިގެ ނޯޓިސް އީވާ އާއި މެންބަރުންނަށް ފޮނުވާފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ.