ތުރުކީވިލާތުގައި ދިރިއުޅޭ ދިވެހިންނަށް ދެވެން އޮތް ހުރިހާ ލުއި ފަސޭހައެއް ހޯއްދަވައިދެއްވަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ތުރުކީވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ތުރުކީވިލާތުގެ ނޭޝަންސް ލައިބްރަރީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ ތުރުކީވިލާތުގައި ދިރިއުޅެމުންދާ ދިވެހިން ބޭނުންވާ ކަންތައްތަކާއި އަދި އެފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ބައްލަވާ އެކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
މިގޮތުން، ތުރުކީވިލާތުގައި ދިރިއުޅެމުންދާ ދިވެހިން ވަނީ އެފަރާތްތަކަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވާ ކަންކަމާއި، އެގައުމުގައި ކުރިމަތިވާ ގޮންޖެހުންތައް ރައީސް އާ ހިއްސާކޮށްފައެވެ. އޭގެތެރޭގައި ތުރުކީވިލާތުގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތަކާއި، ރާއްޖެއިން ބޭރުގައި ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓްތަކުން ފައިސާ ނެގޭ އަދަދު މިހާރު ކަނޑައަޅާފައިވާ މިންގަނޑުގެ ސަބަބުން ދިމާވާ އުނދަގޫތައް ވަނީ ހިއްސާކޮށްފައެވެ.
މީގެ އިތުރުންވެސް އެކިއެކި ތަމްރީނުތައް ފުރިހަމަ ކުރުމަށްޓަކައި އެ ގައުމުގައި ތިބި ފަރާތްތައް، ޗުއްޓީގައި ދިވެހިރާއްޖެއަށް އަނބުރާ އައުމަށް ކުރިމަތިވާ ގޮންޖެހުންތަކާއި އަދި ތަމްރީނުގެ ފުރުސަތުތަކާއި، ސްކޮލާޝިޕް ފުރުސަތުތައް ދިވެހިންނަށް އިތުރަށް ފަހިކޮށްދިނުމަށް ދިވެހިން ވަނީ ރައީސްގެ އަރިހުގައި އެދިވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ އެމްބަސީއެއް ތުރުކީވިލާތުގައި ހުޅުވުމަށްކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ބޭންކް އޮފް މޯލްޑިވްސް އިން މިހާރު ކަނޑައަޅާފައިވާ މިންގަނޑަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވަމުންދާ ކަމުގައި ރައީސް ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ތުރުކީވިލާތުގެ އިސްބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމުގައި 2024 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެއަށް ހާއްސަކޮށް 30 ސްކޮލާޝިޕް ފުރުސަތު ދޭނެކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ. އަދި މި ސްކޮލާޝިޕްއަށް އަންނަ ޖެނުއަރީ މަހު ފުރުސަތު ހުޅުވާލާނެކަމަށް ތުރުކީވިލާތުގެ އިސްބޭފުޅުން ވިދާޅުވެފައިވާކަމަށްވެސް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.
މި ސަރުކާރުން ރާއްޖޭން ބޭރުގައި ކިޔަވާ ހުރިހާ ކުދިންނަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދިނުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމަށާއި، ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށްގެން އެކަންކަން ފަސޭހަކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުންވެސް ސަރުކާރުގެ ފުރިހަމަ ސަޕޯޓް ބޭރުގައި ކިޔަވާ ހުރިހާ ކުދިންނަށް ލިބޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ތުރުކީވިލާތަކީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށާއި، ރާއްޖެއަށް ފައިދާހުރި އެކި ދާއިރާތަކުން އެހީތެރިވެދޭ ގައުމެއްގެ ގޮތުގައި ފާހަގަކުރައްވަމުން ރައީސްވަނީ މުސްތަޤުބަލުގައި ތުރުކީވިލާތާ އެކު މިހާރަށްވުރެ ގާތްގުޅުމެއް އުފެއްދޭނެކަމުގެ ޔަގީންކަން އޮތްކަމުގައި ވިދާޅުވެފައެވެ.