ސައިކޮލޮޖިކަލް ސަސްޕެންސް ޖޯންރާގެ ފިލްމުތަކަކީ ހަގީގަތުގައި ވެސް ސިކުނޑިއާ ކުޅެލާ ފިލްމުތަކެކެވެ. "އެސްކޭޕް ރޫމް" އަކީ ވެސް އެފަދަ ފިލްމެކެވެ. ފިލްމު ފެށިގެން ނިމެންދެންވެސް ޝައުގުވެރިކަމާއެކު ބަލަން އިނދެވުނެވެ. ފިލްމުތެރެއަށް ގޮސް ހުސްވެގެންނެވެ.

ކާން ނުކުން ދެ ކޮއްކޮމެންވެސް މި ފިލްމު ފެނި ފިލްމު ބަލަން ޖައްސާލިއެވެ. ފިލްމު ނިމިގެންދިޔައިރުވެސް އެދެމީހުންވެސް ތިބީ ފިލްމުގެ ތެރެއަށް ވަދެވިފައެވެ. ފިލްމު ނިމިގެންދިޔައިރު އުފާވީ މި ފިލްމުގެ ދެވަނަ ބައެއްވެސް ރިލީޒްކޮށްފައިވާތީއެވެ.

  • ތަރިން

ޓައިލާ ރުސެލް (ޒޯއީ)، ލޯގަން މިލާ (ބެން)، ޑެބޯރާ އޭން ވޯލް (އަމޭންޑާ)، ނިކް ޑޮޑާނީ (ޑެނީ)، ޓައިލާ ލެބިން (މައިކް) އަދި ޖޭ އެލިސް (ޖޭސަން) އެވެ.

  • މައިގަނޑު ވާހަކަ

މި ހަ މީހުންނަކީ ވެސް އެމީހުންގެ ދިރިއުޅުމުގައި ގާތް އެކުވެރިންނެއް ނޫނެވެ. ވަކި ވަކި އަމިއްލަ ދިރިއުޅުމެއް އުޅެމުންދިޔަ މި ހަ މީހުންގެ ދިރިއުޅުން ބަދަލުވެގެންދިޔައީ ގޮތް ނޭނގޭ ޕާރްސަލެއް އެމީހުންނަށް އައި ހިސާބުންނެވެ. ކޮންމެ މީހަކުވެސް އެމީހަކު އެންމެ އިތުބާރު ކުރާ މީހާގެ ނަމުގައި ޕާރްސަލެއް އައުމުން އޭގައި އޮތީ ކޮންއެއްތޯ ބަލާނެއެވެ.

ޕާރްސަލްގައި އޮތީ ކުޑަވަރެއްގެ ފޮށްޓެކެވެ. ކޮޅުތައް ބެދިފައިވާ ފޮށި ހުޅުވޭނެ އެއްވެސް ގޮތެއް ނެތެވެ. ނަމަވެސް ވަރަށް ހާލުން އެންމެން ވެގެން އެ ފޮށި ހުޅުވައެވެ. އޮތީ ދައުވަތު ކާޑެކެވެ. ގޭމް ރޫމުގެ ދައުވަތު ކާޑެވެ. މޮޅުވާ މީހަކަށް 10،000 ޑޮލަރު ލިބޭނެ ކަމަށް އޭގައި ބުނެފައިވެއެވެ. ވިސްނުމެއްނެތި އެންމެންވެސް އެ ގޭމުގައި ބައިވެރިވާން ނިންމިއެވެ. ދާން ހަމަޖެހިފައިވާ ތަނަށް އެ ހަމީހުން ވެސް ދިޔައެވެ.

އެމީހުންނަށް ނޭނގުނީ އެއީ އެމީހުންގެ ދިރިއުޅުން ބަދަލުވެގެންދާނެ ގޮތެވެ.

ކޮންމެއަކަސް އެ ހަ މީހުން އެއްވިއެވެ. ވެއިޓިން ރޫމްގައި އެންމެން ތިއްބެވެ. އެހެން އިނދެ ގިނައިރު ވާންފެށުމުން އެންމެންގެ ހިތަށް ނުތަނަވަސްކަންވެރިވިއެވެ. ފިލްމުގައި ޑެނީ އަކީ އެންމެ ގިނައިން އެސްކޭޕް ގޭމް ރޫމް އެންމެ ގިނައިން ކުޅެފައި ހުރި މީހާއެވެ. 93 ގޭމު ކުޅެ ކާމިޔާބުކޮށްފައިވާކަމަށް އޭނާ ބުނެއެވެ.

އެމީހުން ތިބި ވެއިޓިން ރޫމަކީ ވެސް އޭގެ ގޭމު ރޫމެއް ކަން އެންމެ ފުރަތަމަ އެނގުނީ ވެސް ޑެނީ އަށެވެ. ހަ މީހުން މަސައްކަތް ކުރަން ފެށިއެވެ. ގޭމުގެ ހިންޓު ހޯދަން އެންމެ މަސައްކަތްކުރިއެވެ.

ގަޑިދާ ވަރަކަށް އެ ކޮޓަރިތެރެ ހޫނުވަމުން ދިޔައެވެ. ވަރަށް ހާލުން ހިންޓުތައް އެއްކުރުމަށްފަހު ފުރަތަމަ އެސްކޭޕް ރޫމުން ސަލާމަތްވެ ދެވަނަ ރޫމަކަށް ދެވެއެވެ. އެ ތަންވެގެންދިޔައީ ކުރީ ކޮޓަރިއާ ހިލާފަށް ވަރަށް ފިނި ތަނަކަށެވެ. ސްނޯވެހޭ ތަނަކަށެވެ.

އެތަނުގައި ހޭދަވާ ކޮންމެ ސިކުންތެއް އެމީހުން ދިޔައީ ގުނަމުންނެވެ. ފިނިކަމުން ގަނޑުވެފައި ތިބި ނަމަވެސް އެންމެން މަސައްކަތްކުރީ އެތަނުން ސަލާމަތްވެ ތިން ވަނަ ރޫމަށް ދިޔުމަށެވެ. ނަމަވެސް ދެ ވަނަ ރޫމްތެރެއިން ޑެނީ މަރުވުމުން އެމީހުންނަށް އެއީ އާދައިގެ ތަނެއ ނޫންކަން އިހުސާސްވިއެވެ. ކަންދިމާކުރި ގޮތުން ޑެނީ މަރުވިއިރު އެންމެންވެސް އޭނާ ސަލާމަތްކުރަން މަސައްކަތްކުރިއެވެ.

ކޮންމެއަކަސް ހިންޓު ހޯދައިގެން ތިން ވަނަ ރޫމަށް އެމީހުންނަށް ދެވެއެވެ. ސިކުނޑީގެ ވިސްނުން ބޭނުންކޮށްގެން ހިންޓު ހޯދައިގެން އެތަނުން ސަލާމަތްވާން އެންމެން މަސައްކަތްކުރާއިރު އެމީހުންނަށް ނޭނގުނީ އެތަނުން ސަލާމަތްވާނީ އެކަކު ކަމެވެ. ތިން ވަނަ ކޮޓަރި އަކީ ރެސްޓޯރަންޓެއްގެ ބާއެކެވެ. ބިލިޔާޑު ކުޅޭތަނެއް ހުރި އިރު މި ރޫމުގެ ބޮޑު ހިންޓަކަށްވީ ބިލިޔާޑުގެ އަށްވަނަ ބޯޅައެވެ.

މި ކޮޓަރިތެރެއިން އެންމެން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި އަމެންޑާ މަރުވެއެވެ. އުސް އިމާރާތަކުން ތިރިއަށް ވެއްޓެއެވެ. ހަތަރުވަނަ ކޮޓަރި އާ ހަމައަށް ދިޔައިރު ބާކީ ތިބީ ހަތަރު މީހުންނެވެ. ފަހަރަކު ގޭމް ރޫމެއް ކުޅެމުން ދިޔަވަރަކަށް ގޭމުގެ ބައިވެރިންގެ ތެރެއިން ކޮންމެވެސް އެކަކު ވަކިވެއެވެ. މާނައަކީ މަރުވެއެވެ.

ޝައުގުވެރި، އަވަސް މަންޒަރުތަކެއް ފެނިގެންދިޔަ މި ފިލްމު ކުރިއަށް ދިޔަވަރަކަށް އެންމެފަހުން ސަލާމަތްވަނީ ކާކުތޯ ބެލުމަށް ފިލްމު ބަލާލާށެވެ. ގޭމްގެ ރޫލްތައް ބަދަލުކޮށް ސަލާމަތްވަނީ ކާކުތޯ ބެލުމަށް ފިލްމު ބަލާލާށެވެ. އަމިއްލަ މީހާ ސަލާމަތްވުމަށް ބާކީ ހުރި މީހާ މަރާލަނީ ކޮންކޮން ބައެއްތޯ ބެލުމަށް ފިލްމު ބަލާލާށެވެ. މިކަހަލަ އެސްކޭޕްރޫމެއް ތައްޔާރުކޮށް އެ ހަ މީހުން ލައްވައި އެ ގޭމް ކުޅުވުމުގެ މަގްސަދު ފިލްމު ނިމިގެންދިޔައިރު ހާމަވެގެންދިޔައެވެ. ހަމަގައިމުވެސް މި ފިލްމުގައި ފޫހިވާނެ ފުރުސަތެއް ނުލިބިއެވެ.

ފިލްމުގައި އެމީހުން ގޭމް ނިންމަމުންދާއިރު އަމިއްލަ މީހާ ވެސް ދިޔައީ އެ ގޭމު ސިކުނޑިން ކުޅެމުންނެވެ. ހަމަ ފިލްމުތެރޭގައި އުޅެވުނު ފަދައެވެ. ފިލްމުގެ ދެވަނަ ބައިގެ ރިވިއު ގެނައުމުގެ ކުރިން ފުރަތަމަ ބައި "އެސްކޭޕް ރޫމް" ބަލާލާށެވެ. ފިލްމު ނެޓްފްލިކްސް އިން ބެލޭނެއެވެ.