ހަމާސް އާއި އިޒްރޭލާ ދެމެދު ގާއިމުކޮށްފައި ވާ ވަގުތީ ސުލްހަ އިތުރު 2 ދުވަހަށް ދަންމާލަށް ދެފަރާތުންވެސް އެއްބަސް ވެފައި ވާ ކަމަށް ގަތަރުން ބުނެފިއެވެ.
ގަތަރު މެދުވެރިއެއްގެ ދައުރު އަދާ ކޮށް ގާއިމު ކޮށްފައި ވާ 4 ދުވަހުގެ ސުލްހައިގެ އެއްބަސްވުން މާދަމާ އަށް ހަމަލާ އިރު, އިތުރު 2 ދުވަހަށް ދަންމާލަން އިޒްރޭލާއި ހަމާސް އިން އެއްބަސްވެފެފައި ވާ ކަމަށް ގަތަރުން އިއުލާން ކުރި ނަމަވެސް އިޒްރޭލުން އަދި ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ.
ނަމަވެސް 2 ދުވަސް އިތުރު ކުރާކަން އެމެރިކާއިން ވެސް ވަނީ ޔަގީން ކޮށްދީފައެވެ. އިތުރު ތަފްސީލެއް ހާމަ ނުކޮށް ވައިޓްހައުސް އިން ބުނީ ސުލްހައިގެ މުއްދަތު އިތުރު ކުރަން އެއްބަސްވެފައި ވާ ކަމަށެވެ.
އެމެރިކާ އަކީ އިޒްރޭލުން ގާޒާ އަށް ދޭ ހަމަލާތަކުގައި އިޒްރޭލުގެ ބައިވެރިއެކެވެ. ހަމަލާތައް ކުރިއަށް ގެންދަންވެސް މީގެ ކުރިން ތާއީދު ކުރަމުން ދިޔައީ އެމެރިކާއިންނެވެ.
އިޒްރޭލާއި ހަމާސް އާ ދެމެދު ވަގުތީ ސުލްހަ ގާއިމުކޮށް ދެފަރާތުން ރަހީނުން ބަދަލުކުރަމުން ދާ އިރު, އެއްބަސް ވެފައިވަނީ 4 ދުވަސް މަތިން އިޒްރޭލުގެ 50 މީހުންނާއި ހަމާސް އިން ރަހީނު ކުރި އެހެނިހެން ގައުމުތަކުގެ މީހުން ދޫކޮށްލުމަށެވެ. އިޒްރޭލުން އެއްބަސްވެފައި ވަނީ ހަމާސް އިން ދޫކޮށްލައި އިޒްރޭލުގެ ކޮންމެ މީހަކަށް ޕަލަސްތީނުގެ 3 މީހުންގެ މަގުން ގޮސް 150 މީހުން ދޫކޮށްލުމަށެވެ. އަދި އިތުރު ވާ ކޮންމެ ދުވަހަކަށް ހަމާސް އިން 10 މީހުން ދޫކޮށްލާނަމަ ހަމަލާތައް އަލުން ނުފަށާނެ ކަމަށް ބުނެއެވެ. ނަމަވެސް އިތުރު ރަހީނުން ދޫކުރާނެ ކަމަކަށް ނުބުނެއެވެ.
އިޒްރޭލުގެ ޖަލުތަކުގައި ހަނގުރާމައިގެ ކުރިން ބަންދުކޮށްފައި ތިބި 3000 މީހުންނާ އެކު މިހާރު ވެސް ޖުމްލަ 8300 މީހުން އެބަތިއްބެއެވެ.
ހަމަލާތައް ހުއްޓާލާފައި އޮންނަ ވަގުތު ގާޒާއަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކައިރި ގައުމުތަކުން ކުރަމުން ގެންދާ އިރު ގަތަރުން ވަނީ އެހީގެ ސާމާނާއެކު 4 ފްލައިޓް މިއަދު ފޮނުވާފައެވެ. މީގެ އިތުރުން މިސްރުގެ ރަފާ ބޯޑަރުގައި އޮތް އެހީގެ ޓްރަކްތައް ވެސް މިއަދު ވަނީ ގާޒާއަށް ވަދެފައެވެ. ނަމަވެސް ރެޑްކްރެސެންޓުން ބުނީ, މިއަދު ގާޒާގެ އުތުރަށް އެހީގެ ތަކެތި ފޯރުކޮށްދެވިފައި ނުވާ ކަމަށެވެ.