ދިވެހި ފިރިހެނަކު ރާއްޖެއިން ބޭރުގައި އިންޑޮނޭޝިއާގެ އަންހެނަކާ ކައިވެނި ކުރިތާ ހަތަރު މަސް ފަހުން އަންހެން މީހާއަށް ލިބުނު ދަރިއެއްގެ ބައްޕަ މަދަނީ މިންގަނޑުން ސާބިތު ކުރެވޭނެ ކަމަށް ކަނޑައަޅަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފިއެވެ.
އެ މައްސަލައިގައި ކުއްޖާ އަކީ ދިވެހި ރައްޔިތެއް ކަމަށް ކަނޑައަޅައި ގާނޫނުއަސާސީން ދިވެއްސަކަށް ލިބިދޭ ހުރިހާ ހައްގެއް އެ ކުއްޖާއަށް ހޯދައިދިނުމަަށް ދައުލަތުން އެންމެ ފުރަތަމަ ދިޔައީ ސިވިލް ކޯޓަށެވެ.
އެކަމަކު އެ މައްސަލަ ސިވިލް ކޯޓުގައި ކުރިއަށްދަނިކޮށް ކުއްޖާގެ ނަސަބު ސާބިތުކުރަން ދައުލަތުން އެހެން މައްސަލައެއް ސިވިލް ކޯޓަށް ހުށަހެޅިއެވެ. އެހެންކަމުން ސިވިލް ކޯޓުން ނިންމީ ނަސަބު ސާބިތުކުރުމުގެ ބައި ނިމިގެން ނޫނީ ދިވެހި ރައްޔިތުކަމާ މެދު ގޮތެއް ކަނޑަނޭޅޭނެ ކަމަށެވެ.
އެ ކުއްޖާގެ ބައްޕައަކީ ދިވެހި ފިރިހެން މީހާކަން މަދަނީ މިންގަނޑު ސާބިތުކުރަން ދައުލަތުން ހުށަހެޅި މައްސަލާގައި ފެމިލީ ކޯޓާއި ހައި ކޯޓުން ވެސް ނިންމީ އެގޮތަށް ދަރިންގެ ނަސަބު ސާބިތު ނުކުރެވޭނެ ކަމަށެވެ.
އެމައްސަލާގައި އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ މައްސަލަ އިތުރަށް މުރާޖާ ކުރުމަށްފަހު އެ މައްސަލަ އަނބުރާ ގެންދަން ނިންމާފައިވާ ކަމަށެވެ.