އިހަވަންދިއްޕޮޅުގެ އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޕްރޮޖެކުޓްގެ މަސައްކަތްތައް ވަަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މި މަޝްރޫއު އަކީ ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހަފްތާ 14 ޕްލޭންގައިވެސް ހިމަނުއްވާފައިވާ މަޝްރޫއެކެވެ.

ސައީދު ވިދާޅުވީ ރައީސް މުއިއްޒުގެ ހަފްތާ 14ގައި ހިމެނޭ ބައެއް މަސައްކަތުގެ ތެރެއިން، ލ. ގާދޫ ކައިރީ ތަރައްގީ ކުރާ ކޮމާޝަލްޕޯޓާއި، ލޮޖިސްޓިކްސް ހިމެނޭގޮތައް އިހަވަންދިއްޕޮޅުގެ އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޕްރޮޖެކުޓް އަދި މާލޭ ކޮމާޝަލްޕޯޓުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ.

އިހަވަންދިއްޕޮޅު މަޝްރޫއަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ތަސައްވުރު ކުރި މަޝްރޫއެކެވެ. އޭރު މަޝްރޫއުގެ ކުރެހުމުގެ މަސައްކަތްތަކެއް ކުރިއަށް ގެންދިޔަ ނަމަވެސް، އޭރުވެސް އަދި ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި މި މަޝްރޫއު އޮތީ ނުފެށިއެވެ.

ނަމަވެސް ނިމިދިޔަ ސަރުކާރުގެ ފަހުކޮޅު ރިޔާސީ އިންތިހާބުގެ ކެމްޕެއިން އާ ދިމާކޮށް، އިހަވަންދިއްޕޮޅުގައި ޕޯޓް ސިޓީ އެއް ޑިވެލޮޕް ކުރުމަށް މަޝްރޫއެއް ހިންގަނީ ކަމަށާއި އޭގެ ދަށުން ބަންކަރިން ފެސިލިޓީއެއް ގާއިމް ކުރުމަށް އެސްޓީއޯ އިން މެދުއިރުމަތީގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނީގެ ގޮތުގައި ހިމެނޭ ގަތަރުގެ އާބަކޮން ޓްރޭޑިންގް އެންޑް ކޮންޓްރެކްޓިންގް އާއެކު އެއްބަސްވުމެއްގައި ސޮއި ކުރިއެވެ. އޮގަސްޓް 10، 2023 ގައި ބޮޑު ރަސްމިއްޔާތެއް ބާއްވައި ސޮއިކުރި އިރު އެ މަޝްރޫއަށް ވީގޮތެއް މިއަދާ ހަމައަށް ސާފެއް ނުވެއެވެ.

އިހަވަންދިއްޕޮޅު މަޝްރޫއުގެ ދަށުން މީގެ ކުރިން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތަކީ ބޮޑު ޓްރާންސްޝިޕްމަންޓް ބަނދަރެއް ހެދުން، އެއާޕޯޓެއް އެޅުން، ޔޮޓް މެރީނާއެއްގެ އިތުރުން ކްރޫޒް ހަބަކާއި ޑޮކްޔާޑް އަދި ބަންކަރިން ފެސިލިޓީއެއް ތަރައްގީ ކުރުމެވެ.

އިހަންވަންދިއްޕޮޅަކީ ރައީސް މައުމޫންގެ ވެރިކަމުގައި ވެސް ބަންކަރިން ފެސިލިޓީއެއް ތަރައްގީ ކުރާ ވާހަކަ ދެއްކި ތަނެކެވެ. ނަމަވެސް މިއަދާ ހަމައަށް އެއްވެސް ކަމެއް ހިނގާފައެއް ނުވެއެވެ.