ސިޔާސީ ޕާޓީއަކަށް ދަނބު ކުލަ ދިނުމަކީ ނާދިރު ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ކުލައެއްގެ ގޮތުގައި ދަނބުކުލަ ބޭނުންކުރަމުންދާއިރު އެ ކުލައަކީ އިލެކްޝަންސް ކޮމިޝަނުންވެސް ބޭނުން ކުރަމުން އަންނަ ކުލައެވެ.

މީގެ ކުރިން އީސީގެ ރައީސްގެ މަގާމުގައި އަހުމަދު ޝަރީފް ހުންނެވިއިރު ވަނީ އެ ކޮމިޝަނުން ދަނބު ކުލަ ބޭނުންކުރަމުންދާތީ އެއްވެސް ސިޔާސީ ޕާޓީއަކަށް އެ ކުލަ ނުދޭން ނިންމާފައެވެ.

މިއަދު "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ހަބީބް ވިދާޅުވީ ދަނބު ކުލައަކީ އީސީގެ ކުލަ ކަމުން އެ ކުލަ ސިޔާސީ ޕާޓީއަކަށް ދިނުމަކީ ވަރަށް ނާދިރު ކަމެއް ކަމަށާއި އެ ކޮމިޝަނުން އަލަށް ހަދާ ވެބްސައިޓްވެސް އެއްކޮންވެސް ބޭނުންކޮށްފައި ވާނީ ދަނބު ކުލަ ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަން ކުލައެއް ޕާޓީއަކަށް ދީފިއްޔާ އެ ޕާޓީއަކާއި އިލެކްޝަންސް ކޮމިޝަން ނޫން ތޯ އޮންނާނީ"
ހަބީބް

ޕީޕީއެމްއާއި ޕީއެންސީއާ އެކުވެ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށް މަސައްކަތްތަކެއް ކުރިއެވެ. އަދި އިންތިހާބު ކާމިޔާބު ކުރައްވާ ޕީއެންސީއަށް ގިނަ އަދަދެއްގެ ބަޔަކު ވެއްދުމަށް ޕީއެންސީއިން ފެށި މަސައްކަތުގައި ޕީޕީއެމް ދޫކޮށް، އެ ޕާޓީއަށް ގުޅެމުންދާކަން ރައީސް އަބްދުﷲ ޔާމީންވެސް ވަނީ ފާހަގަކުރައްވާ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެކުގައި މަސައްކަތް ކުރަމުންދިޔަ ދެ ޕާޓީ ކަމަށްވިޔަސް ދާދިފަހުން ޕީއެންސީއިން ވަކި އޮފީހެއް ހަދައިގެން މަސައްކަތް ކުރަން ފަށާފައިވާއިރު މިދިޔަ އަންގާރަ ދުވަހުގެ ރޭ ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު މަސްރަހު ވަނީ ހޫނުވެފަވެއެވެ. އެ ޕްރެސް ބާއްވާފައިވަނީ ޕީޕީއެމްގެ އިސް ފަރާތްތަކަށް ނުވާއިރު އެ ޕްރެސްގައި ޕީޕީއެމް ހިންގުން ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި ކުރީގެ ކަސްޓަމްސް ކޮމިޝަނަރު އައްބާސް އާދިލް ރިޒާއާ ހަވާލުކޮށްފައި ވާކަން އިއުލާން ކޮށްފައެވެ.

އެ ޕްރެސް ބޭއްވީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް ތުހުމަތުކޮށް ޖެހިގެން އައި ބުދަ ދުވަހު މަލީހު ވަނީ އެ ޕާޓީއިން ސަސްޕެންޑްކޮށް، އެ ޕާޓީއިން ވަކިވެސް ކޮށްފައެވެ.

ޕީޕީއެމްގެ ރައީސްގެ ގޮތުގައި ހުންނެވި ރައީސް ޔާމީން އެ ޕާޓީއިން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމަވާފައިވާ ކަން އިއުލާން ކޮށްފައި ވަނީ މި މަހުގެ 23 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. އެއާއެކު ޕާޓީ އުފެއްދުމުގެ މަސައްކަތް ބުރާސްފަތި ދުވަހުގެ ރޭ ފަށައިގެން ކުރިއަށްގެންގޮސްފައިވާއިރު އިއްޔެ ވަނީ ޕާޓީގެ ނަމާއި ޕާޓީ އުފައްދާ ފަރާތުގެ ހުއްދައަށް އެދި އީސީއަށް ހުށަހަޅާފައެވެ.

ޕާޓީ އުފައްދަން މަސައްކަތް ފެށުމާއެކު ސަރުކާރާ ދެމެދު ގިނަ ބަހުގެ ހަމަލާތަކެއްވެސް ވަނީ އަމާޒުވެފައެވެ. ޔާމީނަށް މުއިއްޒާއި އަދުރޭ ނުގުޅުއްވާ ކަމަށް ދެކެވޭ ވާހަކަތައް ސަރުކާރުން ދޮގު ކުރިޔަސް ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަނީ ތަކުރާރުކޮށް އެ ކަން ދޮގުކުރައްވަމުންނެވެ.