ދައުލަތް ހިންގުމަށް ކަނޑައަޅާފައިވާ ބަޖެޓުގެ ތެރެއިން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއހަަރަށް ކަނަޑައަލާފައިވާ ބަޖެޓް ހުސްވެ ހަރަދު މައްޗަށް ގޮސްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުން ދައްކައިފިއެވެ.
މިއަހަރު ދައުލަތުގެ ބަޖެޓުން އީސިއަށް ކަނޑައަޅާފައި ވަނީ 32.4 މިލިއަން ރުފިޔާއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބަށް ބަލާއިރު، މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް އިލެކްޝަން ކޮމިޝަނުން ވަނީ ޖުމްލަ 35.9 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތާ ހަމައަށް އީސީން ވަނީ 59.2 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.
މިދިޔަ އަހަރުގެ އެ މުއްދަތާ ހަމައަށް ބަލާއިރު އީސީން ކޮށްފައިވާ ހަރަދުތައް މަދުވެފައި ވީ ނަމަވެސް އީސީއަށް ކަނޑައަޅާފައިވާ ބަޖެޓް މި ވަނީ ހުސްވެ އިތުރަށް ހަރަދުކޮށްފައެވެ. މިދިޔަ އަހަރުތެރޭ ގެ މި މުއްދަތުގެ ދެތޭރެގައި އީސީން 59.2 މިލިއަން ހަރަދުކޮށްފައިވާ އިރު، އީސީއަށް މިދިޔަ އަހަަރު ކަނޑައަޅާފައި ވަނީ 93.6 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އީސީއަށް ދީފައިވާ ބަޖެޓް ހުސްވެފައިވާ އިރު މިއަހަރު ތެރޭ އީސީއިން ކުރާ ހަރަދުތަކަށް ބަލާއިރު، 5 ޕާޓީއަކަށް ފައިސާ ދޫކުރަން ވަނީ ނިންމާފައެވެ. އެގޮތުން އީސީގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން މިދިޔަ އަހަރުގެ ނިޔަލަށް 10،000 މެންބަރުން ހަމަވި 5 ސިޔާސީ ޕާޓީއަކަށް ޖުމްލަ 27،981،256 ރުފިޔާ ދޫކުރަން ވަނީ ނިންމާފައެވެ. މި ފައިސާ ދޫކުރަން ފަށާނެ ވަކި ތާރީހެއް އީސީން ހާމަކޮށްފައި ނުވެއެވެ.