އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމާ ހަވާލުވެވަޑައިގެން ކެބިނެޓްވެސް އެކުލަވާލައްވާފައި ވާއިރު ދެން ގިނަ ބައެއްގެ ސުވާލަކަށް ވެފައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންގެ ގޮތުގައި ހަމަޖައްސަވާނެ ބޭފުޅުންނާ ގުޅޭ ގޮތުންނެވެ.

މި ސަރުކާރުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެމްޑީންގެ ގޮތުގައި ތިއްބަވާނެ ބައެއް ބޭފުޅުން "ދަ ޕްރެސް" އަށް އެނގިފައި ވާއިރު އޭގެ ތެރޭގައި މީގެ ކުރީގެ ޕީޕީއެމް ސަރުކާރުގައި މިނިސްޓްރީތަކުގެ އިސް މަގާމުތައް ފުރުއްވި ބޭފުޅުންނާއި މިހާރުގެ މަޖިލިސް މެންބަރުންނާއި މީގެ ކުރީގެ މަޖިލިސް މެންބަރުންގެ އިތުރުން މީގެ ކުރިން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބައެއް ކުންފުނިތައް ހިންގެވި އެމްޑީންވެސް ހިމެނެއެވެ.

އެގޮތުން އާބަންކޯގެ އެމްޑީއަކަށް ރައްޔިތުން މަޖިލީހުގެ ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު ހަމަޖައްސަވަން ވަނީ ނިންމަވާފައެވެ. ފަޒުލް އަކީ މިހާރު ޕީއެންސީގެ ޕީޖީ ލީޑަރެވެ. އަދި ވެމްކޯގެ އެމްޑީއަކަށް ރައީސް ޔާމީންގެ ވެރިކަމުގައި އެންސްޕާގެ ސީއީއޯ އަކަށް ހުންނެވި މުޖުތަބާ ޖަލީލު ހަމަޖައްސަވަން ނިންމަވާފައި ވާއިރު އެސްޓީއޯގެ އެމްޑީއަކަށް ހަމަޖައްސަވަން ނިންމާފައި ވަނީ އެ ކުންފުނީގެ ބޯޑު ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޝިމާދު އިބްރާހިމެވެ.

ސްޓެލްކޯގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުންނެވި ހުސެއިން ފަހުމީ ހަމަޖައްސަވަން ނިންމާފައި ވަނީ ސްޓެލްކޯގެ އެމްޑީގެ މަގާމަށެވެ. އަދި މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުއާޒު މުހައްމަދު ރަޝީދު ހަމަޖައްސަވަން ނިންމަވާފައި ވަނީ ފެނަކަ ކޯޕަރޭޝަންގެ އެމްޑީއަށެވެ. އެމްޕީއެލްގެ އެމްޑީއަކަށް މުހައްމަދު ވަޖީހު އިބްރާހިމް ހަމަޖައްސަވަން ނިންމަވާފައި ވާއިރު ބިލެއްދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު މުބީން ހަމަޖައްސަވަން ނިންމާފައި ވަނީ ރީޖަނަލް އެއާޕޯޓްސްގެ އެމްޑީއަކަށެވެ.

ޕިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ އެމްޑީއަކަށް ހަމަޖައްސަވާފައި ވަނީ އިސްމާއިލް ސުހައިލް (ޑޯޑީ) އެވެ. މޯލްޑިވްސް ގޭސް ގެ އެމްޑީއަކަށް ހަމަޖައްސަވަން ނިންމަވާފައި ވަނީ އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) އެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ އެމްޑީއަކަށް ޕީޕީއެމްގެ ސެނެޓްގެ މެންބަރެއްގެ ގޮތުގައި ހުންނެވި ހަމްދާން ޝަކީލް ހަމަޖައްސަވަން ނިންމަވާފައި ވާއިރު ހައްޖު ކޯޕަރޭޝަންއަށް ހަމަޖައްސަވަން ނިންމަވާފައި ވަނީ ޕީޕީއެމްގެ ކުރީގެ އެސްޖީ މުހައްމަދު ޝަކީލެވެ.

ކުރީގެ ސިޓީ ކައުންސިލަރު އަހުމަދު ޝަމާހު ރަޝީދު މިފްކޯގެ އެމްޑީއަކަށް ހަމަޖައްސަވަން ނިންމަވާފައި ވާއިރު ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަނަށް (އެމްއެފްއެމްސީ) ހަމަޖައްސަވަން ނިންމަވާފައި ވަނީ އެންސީއޭގެ ކުރީގެ ވެރިޔާ އަހުމަދު ނާޒިމެވެ. އަދި އެމްއޭސީއެލްގެ އެމްޑީގެ މަގާމަށް ކަސްޓަމްސްގެ ކުރީގެ ކޮމިޝަނަރު އިބްރާހިމް ޝަރީފް މުހައްމަދު އައްޔަންކުރަން ނިންމަވާފައި ވާއިރު އެމްޓީޑީސީގެ އެމްޑީއަކަށް އައްޔަންކުރަން ނިންމަވާފައި ވަނީ އަހުމަދު ނިޔާޒެވެ.

އެމްޑީއިން އަދި ސީއީއޯއިންގެ ގޮތުގައި އަންހެނުން ތިބި އެސްއޯއީތައް:

  • އެމްއައިޓީޑީސީ - ހައްވާ ޝިއުނާ ހާލިދު
  • އެމްއެމްޕީއާރްސީ - ކޮކޯ ކަލެކްޝަންގެ ޑިރެކްޓާ އޮފް ސޭލްސް އައިޝަތު ސުހައިލާ
  • އެންސްޕާ - ޕީޕީއެމްގެ ސްޕޯކްސްޕާސަން އަދި މަޝްހޫރު ނޫސްވެރިޔާ ހީނާ ވަލީދު
  • ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) - ބްރޯޑްކާސްޓިން ކޮމިޝަން އޮފް މޯލްޑިވްސް (ބްރޯޑްކޮމް) ކުރީގެ މެމްބަރު ޒީނާ ޒާހިރު
  • އާސަންދަ - އާމިނަތު ޒީނިޔާ
  • އެސްޑީއެފްސީ - ފާތިމަތު ތައުފީގު
  • ޓްރޭޑް ނެޓް ކޯޕަރޭޝަން - ބީއެމްއެލްގެ ކުރީގެ ޗެއާޕާސަން ސައީދާ އުމަރު

އެމްޑަބްލިއުއެސްސީގެ އެމްޑީއަކަށް އަބްދުލް މަތީނު މުހައްމަދު ހަމަޖައްސަވަން ނިންމަވާފައި ވާއިރު އެމްޓީސީސީގެ އެމްޑީއަކަށް ހަމަޖައްސަވަން ނިންމަވާފައިވަނީ ޒިޔާދު ލަތީފެވެ. އަދި އާރްޑީސީ އެމްޑީއަކަށް ކުރީގެ ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރު ހަމަޖައްސަވަން ނިންމަވާފައިވާއިރު އައިލެންޑް އޭވިއޭޝަންގެ އެމްޑީއަކަށް ހަމަޖައްސަވަން ނިންމަވާފައިވަނީ އިބްރާހިމް އިލްޔާސްއެވެ.