ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް ހާއްސަ ލޯޔަލްޓީ ޕްރޮގްރާމް "ބީއެމްއެލް ރިވޯޑްސް" އަށް ލޯކަލް ގިފްޓް ވައުޗާ އަދި އެއާލައިން މައިލްސް އެކްސްޗޭންޖް އިތުރުކޮށްފިއެވެ.

މި ބަދަލާއެކު ހޮޓެލް، ފްލައިޓް އަދި ގިފްޓް ކާޑުގެ އިތުރުން، ބީއެމްއެލް ރިވޯޑްސް ފޮއިންޓް ބޭނުންކޮށްގެން ކަސްޓަމަރުންނަށް ގަތަރު އެއާވޭސް، އެއާ އޭޝިއާ އަދި ސްރީލަންކަން އެއާލައިންސް ފަދަ އެކިއެކި އެއާލައިންސްތަކުގެ ފްރީކުއެންޓް ފްލެޔާ މައިލްސް ހޯދޭނެ ކަމަށް ބީއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ބުނީ ރިވޯޑްސް ޕޮއިންޓް ބޭނުންކޮށްގެން މެންގޯ، އެޑިޑާސް، މިނީސޯ، ތައިވޮކް، ކޮކޯއަ ޓްރީސް، ހަމީދިއާ އަދި ސޮނީ ސްޕޯޓްސް ފަދަ ރާއްޖޭގެ ރީޓެއިލް ފިހާރަތަކުގެ ވައުޗާތައް ވެސް މިހާރު ލިބޭނެ ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓާ ކާލް ސްޓުމްކަ ވިދާޅުވީ ބީއެމްއެލް ރިވޯޑްސް ޕްރޮގްރާމްއަށް ރިޑީމް ކުރެވޭ އާ ގޮތްތައް އިތުރުކޮށް، ކަސްޓަމަރުންނަށް ރިޑީމްކުރުމުގެ އިތުރު ފުރުސަތަކެއް ހޯދައިދެވުނުކަމީ ލިބޭ އުފަލެއް ކަމަށެވެ. ބީއެމްއެލްގެ ލޯޔަލްޓީ ޕްރޮގްރާމަކީ ރާއްޖޭގައި މިގޮތަށް ކާމިޔާބުކަމާއެކު ހިނގަމުންދާ އެންމެ ބޮޑު ޕްރޮގްރާމް ކަމަށާއި ފްލައިޓް، ހޮޓެލްސް، ގިފްޓް ކާޑުގެ އިތުރުން މިހާރު އެއާލައިން މައިލްސް ރިޑީމް ކުރެވޭ ގޮތް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމެރިކަން އެކްސްޕްރެސް، ވިސާ އަދި މާސްޓާކާޑުގެ ކްރެޑިޓް ކާޑު ބޭނުންކުރާ އަމިއްލަ ފަރުދުންނަށް ބީއެމްއެލް ރިވޯޑްސްއަށް ރަޖިސްޓާ ކުރެވޭނެއެވެ. ރަޖިސްޓާ ކުރުމަށްފަހު ކްރެޑިޓް ކާޑު ބޭނުންކޮށްގެން ކަސްޓަމަރުން ކުރާ ވިޔަފާރިތަކަށް ޕޮއިންޓް ލިބޭނެއެވެ.

އެގޮތުން ލިބޭ ޕޮއިންޓް ބޭނުންކޮށްގެން އެއާލައިންސް، ހޮޓެލްސް، ކާރު ކުއްޔަށް ނެގުމުގެ އިތުރުން އަލަށް އިތުރު ކުރެވުނު ރާއްޖޭގެ އެކި ބްރޭންޑްތައް، އެމޭޒަން، ގޫގުލް ޕްލޭ، އެޕަލް ފަދަ ފާހަގަކޮށްލެވޭ ބްރޭންޑްތަކުގެ ގިފްޓް ކާޑުވެސް ހޯދުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.