ލޮކްޑް އިން ސިންޑްރަމް އަކީ ބައްޔެއް ކަމެއް މީގެ ކުރިން އެނގިފައެއް ނުވެއެވެ. ނަމަވެސް ހޮލީވުޑް ފިލްމު "ލޮކްޑް އިން" ބެލުމުން އެ ސިންޑްރަމް އަކީ ބައްޔެއްކަން އެނގުނެވެ. މި ފިލްމުގައި ކިޔައިދެނީ އެ ބަލިޖެހިފައިވާ މީހެއްގެ ވާހަކައެވެ. ލޮކްޑް އިން ސިންޑްރަމް އަކީ މުޅި މީހާ ޕެރަލައިޒްވެ ހަށިގަނޑުގެ އެއްވެސް ގުނަވަނެއް ގުނޑާނުލެވޭ ބައްޔެކެވެ. ހަމައެކަނި ލޮލުގެ އިޝާރާތުން ވާހަކަދެއްކޭ މި ބަލީގައި ހަމައެކަނި ހަރަކާތްކުރާނީ ލޮލުގެ ހަރަކާތުން ކޮންޓްރޯލުކުރާ މަސްތަކެވެ.

  • ތަރިން

ރޯޒް ވިލިއަމްސް (ލީނާ)، ފޭކް ޖެންސަން (ކެޓްރިން)، އެލެކްސް ހަސެލް (ޑރ ރޮބާޓް ލޯރަންސް)، ފިން ކޯލް (ޖޭމީ) އަދި އަނަ ފްރިއެލް (ނާސް ނިކީ މެކެންޒީ)އެވެ.

  • މައިގަނޑު ވާހަކަ (ސްޕޮއިލާ ނުލާ)

ފިލްމު ފެށިގެންދިޔައީ ނަރުސް ނިކީ އޭނާގެ ޕޭޝަންޓު ކެޓްރިން އާ މުއާލާތްކުރަން މަސައްކަތްކުރާ މަންޒަރުންނެވެ. އޭބީސީޑީ އަކުރުތައް ބޭނުންކޮށްގެން ނަރުސް ކެޓްރިން އަށް މުއާމަލާތްކުރިއިރު ބުނަން ބޭނުންވާ ބަހެއްގެ އަކުރު ބުނުމުން ކެޓްރިން ލޯމަރާލައެވެ. ނަރުސް މީހާގެ ބުރަ މަސައްކަތުން ހާމަވީ ކެޓްރިން ބޭނުންވީ "މާޑާ" މި ބަސް ބުނުމަށެވެ. އެއީ މި ފިލްމުގެ ފެށުމެވެ. ވަރަށް ބޮޑަށް އަނިޔާވެފައިވާ އަންހެން މީހެއް ހޮސްޕިޓަލަށް ގެނައެވެ. ކެޓްރިން އާއެކު އޭނާ އެޑޮޕްޓް ކޮށްފައިވާ ދަރިފުޅު ލީނާ އައެވެ. ނަރުސް ނިކީ ލީނާ އާ ސުވާލުކުރުމުން ލީނާގެ ހަނދާންތައް ކުރިއަށް ޖެހެލިއެވެ. އެއީ މީގެ 10 ވަރަކަށް އަހަރުކުރިއެވެ.

ލީނާ އާއި ކެޓްރިންގެ ދޮންދަރިފުޅު ޖޭމީ އުޅުނީ އެކުއެކީގައެވެ. އެންމެ ގާތް އެކުވެރިޔާ މަރުވުމުން އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ލީނާ، ފޯސްޓާ ކުރަން ކެޓްރިން ނިންމިއެވެ. އަދި އެކަން އޭނާ ކުރިއެވެ. ކެޓްރިންގެ ފިރިމީހާ މަރުވުމާއެކު ކެޓްރީނާއަށް އޭނާގެ ދޮންދަރި ޖޭމީ ބަލަންޖެހުނެވެ. ފިރިމީހާ މަރުވުމާއެކު ކެޓްރީން ނަފްސާނީ ބަލިމަޑުކަމާ ކުރިމަތިލާންޖެހެއެވެ. އޭނާގެ މުޅި ދިރިއުޅުންހެން އެކަނިވެރިވިއެވެ. އޭނާ ހަވާލުވެ ހުންނަ ދެދަރިންނަށް ވެސް އެއްވެސް ސަމާލުކަމެއް ނުދެވޭ ހާލަތުގައި ހުރިއިރު ޖޭމީގެ ހުރިހާ ކަމެއް ބަލަހައްޓަމުން އައީ ލީނާއެވެ. ޖޭމީ އަކީ އެޕިލެޕްސީ ހުންނަ ކުއްޖެކެވެ. ފިޓުޖެހޭ ޖޭމީގެ ހުރިހާ ކަމެއް ބަލަހައްޓަމުން ދިޔައީ ލީނާއެވެ. ދެ މީހުން ބޮޑުވަމުން އައި ވަރަކަށް ދެމީހުންވެސް އެކަކު އަނެކާއެކީ އުޅެން ބޭނުންވުމުގެ ސަބަބުން ދެމީހުން ކައިވެނިކުރިއެވެ. ނަމަވެސް ޖޭމީގެ ބައްޔަށް އެއްވެސް ލުއިކަމެއް ނުލިބުނެވެ. ޖޭމީގެ ޕާސަނަލް ޑޮކްޓަރު ރޮބާޓް އަންނަނީ އެހިސާބުންނެވެ. ޖޭމީއަށް ދޭންވާ ބޭސްތަކާ އެއްޗެހި ނިންމަނީ ވެސް އޭނާއެވެ. 24 ގަޑިއިރުހެން ގޭތެރޭ އަބަދު ބަންދުވެ އިންނަން ޖެހުމުން ލީނާ އެކަނިވެ ފޫހިވާ ގޮތްވެއެވެ. ފިރިމީހާ ހުއްޓެއް ކަމަކު އެއްވެސް އަޅާލުމެއް ލީނާ އަކަށް ނުލިބެއެވެ. ޖޭމީ އޭނާ ގެންގުޅެމުން އައީ ނޯކަރެއްހެންނެވެ. އެކަނިވެރިވުމުގެ ސަބަބުން މަޑުމަޑުން ބޭރުތެރެއަށް ނުކުންނަށް ފެށި ލީނާ އަށް ރޮބާޓް ދެކެ ލޯބިވެއެވެ. އަދި ދެމީހުން އެކަނި ބައްދަލުކުރަން ފަށައެވެ.

ރޮބާޓްގެ މޮޅު ރޭވުމަކުން ޖޭމީ މަރާލައެވެ. އެއީ ލީނާއަށް ބަރުދާސްތުކުރަން ދަތިވި ކަމެކެވެ. ކުޑައިރުގެ އެންމެ ގާތް އެކުވެރިޔާ އަދި ފިރިމީހާ ވަކިވީއެވެ. އެކަން ކުރީ ރޮބާޓްކަން އެނގިހުރެ ފުލުހުންނަށް އެކަން ސިއްރުކުރީ ލީނާ، ރޮބާޓްދެކެވާ ލޯތްބެއްގެ ސަބަބުންނެވެ. ރޮބާޓް އާއި ކެޓްރީން ދެމެދު އޮންނަ ގުޅުން ލީނާ އަށް ފަޅާއަރައެވެ. ގެ ދޫކޮށް ދާން ބޭނުންވި ނަމަވެސް އެކަން ހުއްޓުވީ ރޮބާޓެވެ. ލީނާ، ކެޓްރީން ދެކެ އިންތިހާއަށް ނަފުރަތުކުރެއެވެ. ލީނާ ގެއިން ނުކުތުމުން ކެޓްރީން އާއި ރޮބާޓް އޭނާގެ ފަހަތުން ދިޔައެވެ. ލީނާ އަށް ނޭނގުނީ ރޮބާޓްގެ ކިބައިން ލީނާ ސަލާމަތްކުރުމަށް ކެޓްރީން މަސައްކަތްކުރިކަމަށެވެ. ކެޓްރީން މަރާލުމަށް ރޮބާޓް ގަސްތުގައި ކާރުން އޭނާގެ ގަޔަށް އަރައެވެ. އަދި ލީނާ ގާތު ހަގީގީ ނުބައި މީހަކީ ކެޓްރީން ކަން އަންގައިދޭން މަސައްކަތްކުރެއެވެ. އެ ކާރު އެކްސިޑެންޓުގެ ސަބަބުން ކެޓްރީން އަށް ލޮކްޑް އިން ސިންޑްރަމް ޖެހުނެވެ. ފިލްމު ކުރިއަށްދާ ވަރަކަށް ހަގީގަތް އެނގެން ފެށިއެވެ. މި ފިލްމަކީ ސައިކޮލޮޖިކަލް ތުރިލާ އެކެވެ. ފިލްމުގައި ދެން ކަންތައްތައްވެގެންދާ ގޮތް ބެލުމަށް ފިލްމު ބަލާލާށެވެ. މި ފިލްމު ނެޓްފްލިކްސް އިން ބެލޭނެއެވެ.