ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގަތުމާއި އާ ސިޔާސީ ޕާޓީއެއް އުފެއްދެވުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ނޭވާ ހޮޅިއަށް އެޅުނީ ކަމަށް ގަބޫލު ކުރުމަކީ ގޯހެއް ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މިރޭ ސަންގު ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، އާ ސަރުކާރެއް އެފެދިގެން އަންނަ އިރު ފުރަތަމަ މަރުހަލާ އަކީ އެހާމެ ބުރަ ދުވަސްވަރެއް ކަމަށާއި އެއީ ރައީސް ޔާމީނަށް ވެސް އެނގިވަޑައިގަންނަވާނެ ކަންކަން ކަމަށެވެ. ރައީސް ޔާމީން އެދިވަޑައިގަންނަވާ ގޮތަކަށް ކަމެއް ނުވާ ކަމަށް ވިދާޅުވެ، ސަރުކާރު ބަދަލުވިތާ ހަތް ވަރަކަށް ދުވަސްތެރޭ ޕީޕީއެމުން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ރައީސް ޔާމީން ނިންމެވި ނިންމެވުމަކީ ރަނގަޅު ނިންމެވުމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސް ޔާމީން ޕީޕީއެމާ ދުރަށް ވަޑައިގެން، ސީޔާސީ ޕާޓީއެއް ހައްދަވައިގެން މަސައްކަތް ކުރެއްވުމަކީ އަޅުގަނޑުމެންނަށް އެންމެ ފަސޭހާ ގޮތެއް ނޫން. އެކަމަކު އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ނޭވާ ހޮޅިއަށް އެޅުނީ ކަމަށް ހީފުޅުވާނަމަ އެއީ ވަރަށް ބޮޑު ގޯހެއް"
އަބްދުއްރަހީމް އަބްދުﷲ

އަބަދުވެސް ދުނިޔޭގައި އުޅެން ޖެހޭނީ ގޮންޖެހުންތަކެއް ހުރި ކަމަށް ގަބޫލުކޮށްގެން ކަމަށާއި އެފަދަ ކަންތައްތަކެއް ކުރިމަތި ވާނެ ކަން ދަނެގެން ކަމަށް އަދުރޭ ވިދާޅުވިއެވެ.

ދިވެހި ރައްޔިތުން ނިންމީ ކުރިއަށް އޮތް 5 އަހަރު ރައްޔިތުން ގޮވައިގެން ކުރިއަށް ވަޑައިގަންނަވާނީ ޑރ. މުއިއްޒު ކަމަށް އަދުރޭ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ޑރ. މުއިއްޒުާއި އެ މަނިކުފާނުގެ ޓީމަށް އިތުބާރު އެބަ އޮތް ކަމަށާއި ރައްޔިތުންނަށް ފޯރުކޮށް ދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށް ދިނުމުގައި ދެމިހުންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި އެބޭފުޅުން އެތިއްބެވީ ގައުމީ މަސައްކަތެއް ކުރައްވަން ނިކުމެވަޑައިގެން ކަމަށާއި ޒާތީ ޖަދަލު ކުރައްވަން ނޫން ކަމަށް އަދުރޭ ވިދާޅުވިއެވެ.

ސީޔާސީ ގޮތުން ހިޔާލު ތަފާތުވުންތަކެއް އުފެދިގެން އައިސްފައިވާ ސަބަބާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، މި ހުރިހާ ކަމެއްގެ އެންމެ އަޑީގައި ހުންނެވީ ރައީސް ޔާމީންގެ ވަކީލު ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ކަމަށެވެ.

އެ ބޭފުޅުން ބޭނުންފުޅުވެވަޑައިގަތީ ސަރުކާރުގެ އިސް މަގާމެއް ކަމަށާއި އެ ފަދަ މަގާމެއް ލިބިވަޑައި ނުގަތުމުން، ރައީސް ޔާމީންގެ ނާޖާއިޒް ފައިދާ ނެންގެވީ ކަމަށް އަދުރޭ ވިދާޅުވިއެވެ.

މާޒީގައި ކަން ހިންގާފައިވާ ގޮތަށް އަލިއަޅުއްވާ ލައްވަމުން އަދުރޭ ވިދާޅުވީ، ރައީސް ޔާމީނަށް އަނިޔާ ދެއްވި ބޭބޭފުޅުންނަކީ މަލީހާއި ޖަމީލް ކަމަށެވެ. އެ މަނިކުފާނުގެ ވެރިކަން ވައްޓާލުމުގައި ވެސް އިސްކޮށް އެ ދެބޭފުޅުން މަސައްކަތް ކުރެއްވި ކަން ފާހަގަ ކުރައްވަމުން އަދުރޭ ވިދާޅުވީ، ޖަމީލް ހުންނެވީ ވެރިކަމުގެ ދަހިވެތިކަމުގައި ކަން ހާމަވި ކަމަށެވެ.

އެކަމުގައި މައްސަލަަތައް ނެރެގެން ޖަމީލް ރައީސް ޔާމީނަށް އެ ދެއްވަނީ އަނިޔާ ކަމަށާއި މަލީހާއި ޖަމީލް އެމަނިކުފާނަށް އިހްލާސްތެރި ނުވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.