އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވައިފިއެވެ.
މިނިވަންދުވަހުގެ ރަސްމިއްޔާތަށް ރާއްޖެ ވަޑައިގެން ހުންނެވި މޯދީ މި ނައިބުރައީސް، މަޖިލީހުގެ ރައީސް އަދި ރައީސް ނަޝީދާ ބައްދަލުކުރައްވާފައި ވަނީ ވަކިވަކިންނެވެ.
މޯދީ ވިދާޅުވީ ނައިބު ރައީސްއާއެކު ކުރެއްވި މަޝްވަރާގައި އިންޑިއާއާއި ދިވެހިރާއްޖޭގެ އެކުވެރިކަމުގެ ގުޅުމުގެ މުހިންމު ތަނބުތަކުގެ މައްޗަށް އަލިއަޅުވާލެވުނު ކަމަށެވެ. އަދި 2 ގައުމުން އިންފްރާސްޓްރަކްޗާ، ޓެކްނޮލޮޖީ، މޫސުމަށް އަންނަ ބަދަލު، ހަކަތަ އަދި އެހެނިހެން ދާއިރާތަކުން ގާތުން މަސައްކަތް ކުރަމުންދާކަން މޯދީ ފާހަގަކުރެއްވިއެވެ.
އެކަމުން 2 ގައުމުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ފައިދާކުރާ ކަމަށާއި އުއްމީދަކީ ކުރިއަށް އޮތް އަހަރުތަކުގައި މި ގުޅުން ވަރުގަދަވެގެން ދިޔުން ކަމަށް މޯދީ ވަނީ ވިދާޅުވެފައެވެ.
އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ފުން އެކުވެރިކަމުގެ ގުޅުމުގެ ވާހަކަ މަޖިލީހުގެ ރައީސް އަބްދުއްރަހީމްއާއެކު މަޝްވަރާކުރައްވާފައިވާ ކަމަށް މޯދީ ވިދާޅުވިއެވެ. އޭގެތެރޭގައި 2 ގައުމުގެ ރައްޔިތުންގެ މަޖިލީހުގެ މެދުގައި އޮތް ގާތް ގުޅުން މޯދީ ފާހަގަކުރެއްވިއެވެ.
މޯދީ ވިދާޅުވީ 20 ވަނަ މަޖިލީހުގައި އިންޑިއާ-މޯލްޑިވްސް ޕާލަމެންޓްރީ ފްރެންޑްޝިޕް ގްރޫޕް އުފެދިފައިވުމަކީ 2 ގައުމުގެ ގުޅުމަށް އެޅޭ ރަނގަޅު ފިޔަވަޅެއް ކަމަށެވެ. އަދި ރާއްޖޭގައި ކެޕޭސިޓީ ބިލްޑިންއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިންޑިއާއިން ދެމިއޮންނާނެ ކަމުގެ ޔަގީންކަން މޯދީ ވަނީ ދެއްވާފައެވެ.
ރައީސް ނަޝީދަކީ އަބަދުވެސް އިންޑިއާ އާއި ދިވެހިރާއްޖޭގެ އެކުވެރިކަމަށް ވަރުގަދައަށް ވަކާލާތު ކުރައްވާ ބޭފުޅެއް ކަމަށް އެމަނިކުފާނާ ބައްދަލުކުރެއްވުމަށްފަހު މޯދީ ވަނީ ވިދާޅުވެފައެވެ. އަދި 'ނެއިބާހުޑް ފަސްޓް' ސިޔާސަތާއި މަހާސާގަރުގެ ތަސައްވުރުގެ އަގުހުރި ތަނބެއްގެ ގޮތުގައި އަބަދުވެސް ދިވެހިރާއްޖެ އޮންނަ އޮތުމާ ބެހޭގޮތުން 2 ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.