މަސްމާރުކޭޓު ހިންގާ ކުންފުންޏަށް އެ ތަން ކުއްޔަށް ދީފައި އޮތީ މާލޭ ސިޓީ ކައުންސިލުގެ ބިޑު ކޮމިޓީން ކަނޑައެޅި އަގަށްވުރެ ކުޑަކޮށް ކަމަށް، މާލެ ސިޓީގެ މޭޔަރު އާދަމް އާދިމް ވިދާޅުވެއްޖެއެވެެ.

މާލޭގެ މަސްމާރުކޭޓު ހިންގާ ކުންފުންޏަށް އެ ތަން ކުއްޔަށް ދިނީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު، މާލޭގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރުއެވެ.

އެފްޖޭ ޑިޒައިން ކިޔާ ކުންފުންޏަކާ ހަވާލުކޮށްފައިވާ، މަސްމާރުކޭޓާއި ގުޅޭ ގޮތުން މާލެ ސިޓީ ކައުންސިލުން މިދިޔަ ހަފުތާގައި ބޭއްވި އާންމު ޖަލްސާގައި މޭޔަރު އާދަމް އާޒިމް ވިދާޅުވީ މަސް މާރުކޭޓު ދީފައިވާ މުއްދަތު އިތުރު އެއް އަހަރަށް އިތުރު ކުރުމަށް ކުރިން ނިންމާފައިވާކަމަށެވެ. އެހެންނަމަވެސް، އެތަނުގެ މުއްދަތު އިތުރުކުރުމުގެ ކުރިން ބެލިބެލުމުން މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެެ.

އެގޮތުން ބިޑު ކޮމިޓީން އެތަން ކުއްޔަށް ދޫކުރަން ނިންމާފައި އޮތީ މަހަކު 130،000 ރުފިޔާ އަށް ނަމަވެސް އެ އެއްބަސްވުން ހަދާފައި އޮތީ 70،000 ރުފިޔާއަށްކަމަށް އާދަމް އާޒިމް ވިދާޅުވިއެވެ. އަދި އެތަނުގެ ކަރަންޓު ބިލަށް 437،926ރ. ނުދައްކާ އޮތްކަން ފާހަގަކޮށް އާދަމް އާޒިމް ވިދާޅުވީ އެކަންކަން ހާމަވީ ކުރިން ނުފެންނަ ލިޔުންތަކުން ކަމަށެވެ. އަދި އެކަމުގައި ކައުންސިލުން އިތުރަށް ބަލަން ޖެހޭ ކަންކަން އެބަހުރިކަމަށް އާދަމް އާޒިމް ވިދާޅުވިއެވެ.

ކައުންސިލްގެ މިދިޔަ ދައުރުގައި މަސްމާރުކޭޓު ކުއްޔަށް ދީފައި އޮތީ ކަނޑައަޅާފައިވާ އަގަށް ވުރެ ކުޑަކޮށްކަން އެނގުމުން އެއްބަސްވުމުގެ މުއްދަތު އިތުރުނުކޮށް، އަލުން ބީލަމަށް ހުޅުވާލައިގެން ކޮންޓްރެކްޓަރެއް ހޯދަން އާދަމް އާޒިމް ވަނީ ހުށަހަޅުއްވާފައެވެ. މީގެ އިތުރުން ކައުންސިލުގެ އެ ބައްދަލުވުމުގައި ވަނީ، އެ މައްސަލަ ބެލުމަށް އެކައުންސިލުގެ ލޭންޑް ކޮމިޓީއަށް ފޮނުވައިގެން ދިރާސާކުރަން ނިންމާފައެވެ.