ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ މި ހިނގާ ދައުރު އެއްހަފްތާ އަށް ދަންމާލަން ރިޔާސަތުން ހުށަހަޅައިފިއެވެ.
މިއަދުގެ ޖަލްސާ ފަށްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މިހާރު މި ހިނގާ ދައުރު ނިމެން އޮތީ އަންނަ ހުކުރު ދުވަހަށް ކަމަށެވެ. އެހެން ނަމަވެސް މި ދައުރުގައި ރައްޔިތުންގެ މަޖިލީހުން ކުރަން މުހިންމު މަސައްކަތްތަކެއް ހުރުމާއެކު މި ހިިނގާ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް މި ދައުރުގެ މުއްދަތު އިތުރުކުރުމަށް ގަސްތުކުރައްވާ ކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ.
އެހެންކަމުން ޖަލްސާގެ ވޯޓަށް އަހާ ވަގުތު ދައުރު ދަންމާލަން ފެނޭތޯ ވޯޓަށް އަހާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
މަޖިލީހުގެ ގަވައިދު ބަޔާންކުރާ ގޮތަށް، ހަފްތާއަކު ތިން ދުވަހު ގަވައިދުން މަޖިލީހުގެ ޖަލްސާތައް ބާއްވަން ޖެހޭއިރު، މަޖިލީހުގެ މި ދައުރުގައި ބައެއް ހަފްތާތަކުގައި ތިން ޖަލްސާ ބާއްވާފައި ނުވާކަން ފާހަގަ ކުރެވެއެވެ. މި ކަމާއި ގުޅިގެން މަޖިލީހުގެ ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކޮށްފައިވީ ނަމަވެސް އޭރު މަޖިލީހުގެ ރިޔާސަތުންވަނީ ޖަލްސާތައް ކެންސަލް ކުރަނީ ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތުމުންކަމަށް ބުނެފައެވެ. އަދި ޖަލްސާތައް ކުރިއަށް ނުގެންދިޔަ ނަމަވެސް ކޮމިޓީތަކުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ރިޔާސަތުންވަނީ ހާމަކޮށްފައެވެ.
މީގެ ކުރިން ވެސް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ނިންމުމަށްޓަކައި ދައުރު ދަންމާލާފައި ވެއެވެ.