ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ ޕާޓީއަށް ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ކިޔަން ނިންމަވައިފިއެވެ.

އެ ނަމުގައި އެކްސްގައި ލޯގާއާއެކު މިރޭ ހަދާފައިވާއިރު އެއީ އަލަށް ހަދަން ނިންމާފައިވާ ޕާޓީގެ ނަމާއި ލޯގޯކަން ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވަނީ ވިދާޅުވެފައެވެ.

އެ ޕާޓީގެ ލޯގޯގައި ބޭނުންކޮށްފައި ވަނީ ދަނބާއި ހުދު ކުލައެވެ.

ޕީޕީއެމްއާއި ޕީއެންސީއާ އެކުވެ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށް މަސައްކަތްތަކެއް ކުރިއެވެ. އަދި އިންތިހާބު ކާމިޔާބު ކުރައްވާ ޕީއެންސީއަށް ގިނަ އަދަދެއްގެ ބަޔަކު ވެއްދުމަށް ޕީއެންސީއިން ފެށި މަސައްކަތުގައި ޕީޕީއެމް ދޫކޮށް، އެ ޕާޓީއަށް ގުޅެމުންދާކަން ރައީސް އަބްދުﷲ ޔާމީންވެސް ވަނީ ފާހަގަކުރައްވާ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެކުގައި މަސައްކަތް ކުރަމުންދިޔަ ދެ ޕާޓީ ކަމަށްވިޔަސް ދާދިފަހުން ޕީއެންސީއިން ވަކި އޮފީހެއް ހަދައިގެން މަސައްކަތް ކުރަން ފަށާފައިވާއިރު މިދިޔަ އަންގާރަ ދުވަހުގެ ރޭ ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު މަސްރަހު ވަނީ ހޫނުވެފަވެއެވެ. އެ ޕްރެސް ބާއްވާފައިވަނީ ޕީޕީއެމްގެ އިސް ފަރާތްތަކަށް ނުވާއިރު އެ ޕްރެސްގައި ޕީޕީއެމް ހިންގުން ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި ކުރީގެ ކަސްޓަމްސް ކޮމިޝަނަރު އައްބާސް އާދިލް ރިޒާއާ ހަވާލުކޮށްފައި ވާކަން އިއުލާން ކޮށްފައެވެ.

އެ ޕްރެސް ބޭއްވީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް ތުހުމަތުކޮށް ޖެހިގެން އައި ބުދަ ދުވަހު މަލީހު ވަނީ އެ ޕާޓީއިން ސަސްޕެންޑްކޮށް، އެ ޕާޓީއިން ވަކިވެސް ކޮށްފައެވެ.

ޕީޕީއެމްގެ ރައީސްގެ ގޮތުގައި ހުންނެވި ރައީސް ޔާމީން އެ ޕާޓީއިން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމަވާފައިވާ ކަން އިއުލާން ކޮށްފައި ވަނީ މި މަހުގެ 23 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. އެއާއެކު ޕާޓީ އުފެއްދުމުގެ މަސައްކަތް ބުރާސްފަތި ދުވަހުގެ ރޭ ފަށައިގެން ކުރިއަށްގެންގޮސްފައިވާއިރު މާދަމާ އެ ޕާޓީ އުފެއްދުމަށް އީސީއަށް ފޯމު ހުށަހަޅާނެ ކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ.

ޕާޓީ އުފައްދަން މަސައްކަތް ފެށުމާއެކު ސަރުކާރާ ދެމެދު ގިނަ ބަހުގެ ހަމަލާތަކެއްވެސް ވަނީ އަމާޒުވެފައެވެ. ޔާމީނަށް މުއިއްޒާއި އަދުރޭ ނުގުޅުއްވާ ކަމަށް ދެކެވޭ ވާހަކަތައް ސަރުކާރުން ދޮގު ކުރިޔަސް ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަނީ ތަކުރާރުކޮށް އެ ކަން ދޮގުކުރައްވަމުންނެވެ.