މި ހިނގާ 2025 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހު މާލެ ސަރަހައްދުގައި 1،000 އަށްވުރެ ގިނަ އެކްސިޑެންޓު ހިނގާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މަގުމަތީ އެކްސިޑެންޓުތައް ހިނގާ މިންވަރު އިތުރުވަމުންދާ މި ދަނޑިވަޅުގައި ފުލުހުން މިއަދު ވަނީ މާލެ ސިޓީ، ސިނަމާލެ ބްރިޖް އަދި ހައިވޭ ސަރަޙައްދުތަކުގައި ހިނގާފައިވާ އެކްސިޑެންޓުތަކުގެ ތަފާސް ހިސާބުތައް އާންމުކޮށްފައެވެ.

އެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މާލޭ ސިޓީއާއި ސިނަމާލެ ބުރިޖާއި ހައިވޭގައި 1101 އެކްސިޑެންޓު ހިނގައިފައިވާއިރު، އޭގެ ތެރެއިން 61 އެކްސިޑެންޓުގައި މީހުންނަށް ސީރިއަސް އަނިޔާތައް ވަނީ ލިބިފައެވެ. އެގޮތުން މަހެއްގެ މައްޗަށް 200 އެއްހާ އެކްސިޑެންޓުތައް ހިނގާފައިވާ ކަމަށް އެ ތަފާސް ހިސާބުތަކުން ފެނެއެވެ.

6 މަސް ދުވަހު އެކްސިޑެންޓު ހިނގާފައިވާ މިންވަރު:

  • ޖެނުއަރީ - 151 އެކްސިޑެންޓް
  • ފެބްރުއަރީ - 215 އެކްސިޑެންޓް
  • މާޗް: 187 - އެކްސިޑެންޓް
  • އޭޕްރިލް - 161 އެކްސިޑެންޓް
  • މެއި - 207 އެކްސިޑެންޓް
  • ޖޫން - 180 އެކްސިޑެންޓް

މި އެކްސިޑެންޓުތަކުގެ ތެރެއިން 17 ޕަސެންޓު އެކްސިޑެންޓު ހިނގީ ސިނަމާލެ ބުރިޖުގައެވެ. މާލޭގައި 83 ޕަސެންޓުގެ އެކްސިޑެންޓު ހިނގާފައިވާއިރު ގިނަ އެކްސިޑެންޓުތައް ހިނގައިފައިވަނީ ދުވާލުގެ އެކި ވަގުތުގައެވެ. އެގޮތުން 745 އެކްސިޑެންޓު ދުވާލު ހިނގާފައިވާއިރު 356 އެކްސިޑެންޓު ހިނގާފައި ވަނީ ރޭގަނޑުގެ ވަގުތުތަކުގައެވެ.

އެންމެ ގިނައިން އެކްސިޑެންޓު ހިނގާފައި ވަނީ ކާރާއި ސައިކަލާއި ޖެހިގެންނެވެ. އެގޮތުން ސައިކަލާއި ކާރު ޖެހުން: 295 އެކްސިޑެންޓް ހިނގާފައިވާއިރު ސައިކަލާއި ސައިކަލު ޖެހިގެން 267 އެކްސިޑެންޓް ހިނގާފައި ވެއެވެ. އަދި ކާރަކާއި ކާރެއް ޖެހިގެން 89 އެކްސިޑެންޓް ހިނގިއިރު ސައިކަލަކާއި ޕިކަޕެއް ޖެހިގެން 59 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

އެކްސިޑެންޓުތައް ހިނގާ މިންވަރު އިތުރުވަމުންދާކަން ފާހަގަކޮށް ފުލުހުން ވަނީ އެފަދަ ނުރައްކާތެރި ހާދިސާތައް މަދުކުރުމަށް އެންމެން ވެސް ޓްރެފިކް ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި، މަގުތައް ރައްކާތެރިކުރުމަށް އެކުގައި މަސައްކަތް ކުރުމަށް އިލްތިމާސްކޮށްފައެވެ.