އދ. މާމިގިލި ކައިރިއަށް ފީނަން ގޮސް އުޅުނު ކުޑަކުއްޖަކު ގެއްލިއްޖެއެވެ.
ފުލުހުން ބުނީ މިއަދު މެންދުރުގެ ވަގުތެއްގައި މާމިގިލި ކައިރިއަށް 4 ކުއްޖަކު ފީނަން ދިޔަ ކަމަށެވެ. އޭގެ ތެރެއިން އެއް ކުއްޖަކު ގެއްލިފައިވާ މައްސަލަ މިރޭގެ 19:00 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދަނީ އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ. މި ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންގެ އިތުރުން އެމްއެންޑީއެފް އާއި ރަށުގެ ރައްޔިތުންވެސް ކުރަމުން ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމާއެކު ކަނޑު ދަތުރު ކުރާއިރު ސަމާލުވުމަށާއި، މޫދަށް އެރި އުޅުމުގައި ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ ނަސޭހަތްތެރިވަމުންނެވެ. އަދި ކޮންމެހެން ކުރަން ޖެހިއްޖެ ދަތުރުތައް ނޫނީ ނުކުރުމަށްވެސް އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.
އެގޮތުން ދާދި ފަހުންވެސް ވަނީ ގދ. ގައްދޫ އިން ފުރައިގެން އެ އަތޮޅު ގަމަށް، ކުޑަ ޑިންގީއެއްގައި އެކަނި ދަތުރުކުރަމުން ދަނިކޮށް އުމުރުން 79 އަހަރުގެ މީހަކު ގެއްލިފައެވެ. އެމްއެންޑީއެފް އިން ވަނީ ސިފައިންނާއި ފުލުހުން ގުޅިގެން އޭނާ ހޯދުމުގެ އޮޕަރޭޝަންގައި ގައްދޫއާއި ގަމުގެ ދެމެދުން އޮންނަ ކަނޑުއޮޅީގެ 10 މީޓަރު އަޑިން އޭނާ ދުއްވި ޑިންގީ ފެނިފައިވާކަމަށް ބުނެފައެވެ.