މާލެ މަގުތަކުގައި ޒިކުރު ލިޔެފައިވާ ބޯޑު ހަރުކުރަން ފަށައިފިއެވެ.

އެ މަސައްކަތަކީ މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އަދި އެ މަސައްކަތުގައި ހަރަކާތްތެރިވަމުންދަނީ އެ ކައުންސިލްގެ މުވައްޒަފުންނެވެ.

ސިޓީ ކައުންސިލުން މާލެ ސިޓީ ޒީނަތްތެރިކުރުމުގެ ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. ބޮޑުތަކުރުފާނު މަގުގައި ކަދުރު ރުއް އިންދާފައިވާއިރު އެ މަގަށް އިތުރު ފުރިހަމަކަމެއް ވަނީ ލިބިފައެވެ. އަދި ބޮޑުތަކުރުފާނު މަގުގައި ބަންގި ގޮވާ ގަޑިތަކާއި އެކި އެކި ކުދި ކުދި ނޯޓިސް ފޯރުކޮށްދޭ ކަހަލަ ބޯޑުތަކެއްވެސް ބެހެއްޓިއެވެ.

މިދިޔަ އަޟްހާ އީދުގައި ކައުންސިލުން ވަނީ ކުލަ ބޮތްކާއި ގިޑިގެތަކުން މާލެތެރެ ޒީނަތްތެރިކޮށްފައެވެ.އީދު ފާހަގަކުރުމުގެ ގޮތުން މާލޭގައި ސިޓީ ކައުންސިލުން އުޟްހިޔާ ކަތިލާ އާންމުންނަށް ބަހާފައިވާއިރު މާލެ އާއި ވިލިމާލޭގައި ޖުމްލަ 22 ގިޑިގެ އާއެކު 2224 ބޮކި ވަނީ ދިއްލާފައެވެ. މިއީ އީދަކަށް މާލޭގައި އެއްފަރާ މިހާ ގިނަ ބޮކި ދިއްލި ފުރަތަމަ ފަހަރުކަން ފާހަގަ ކުރެވެއެވެ.

ބައެއް މަގުތަކުގައި ގިޑިގެ ތަކުގައި ވަނީ "އީދު މުބާރަކު" ޖަހާ ދިއްލާލާފައެވެ. ބައެއް ގިޑިގެތަކުގައި މަލާމެލި ސިފަވާނެ ހެން ކުލަތަކުން ވަނީ ދިއްލާލާފައެވެ.