ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމނެިވަޑައިގަންނަވާ އިސް ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ޕީޕީއެން ވަކިވެވަޑައިގެންފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ޖަމީލް ވިދާޅުވީ، ޕީޕީއެމް އިން އޭނާ ވަކިވެވަޑައިގެންފައި މި ވަނީ މިއަދު ދާދި ދެންމެ އަކު ކަމަށެވެ. ޕީޕީއެމްގައި އޭނާ ދެމިހުންނެވީ ރައީސް ޔާމީންގެ ވިސްނުންފުޅާއި ފިކުރުގެ މަތީގައި ހިންގާ ޕާޓިއަކަށް އެ ޕާޓީ އޮތުމުން ކަމަށާއި އެކަން ނެތިދިޔުމުން އޭނާވެސް ވަކިވެވަޑައިގަތީ ކަމަށެވެ. އަދި ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ރައީސް ޔާމީން އާ ދޭތެރޭގައި ކަންތައް ކުރެއްވީ އިހާނާތްތެރިކޮށް ކަމަށާއި އެހެން ކަމުން ޕީޕީއެމްގައި މިހާރު ދެމިހުންނެވުމުގެ ބޭނުމެއް ނެތީ ކަމަށް ވެސް ވިދާޅުވިއެވެ.
ޕީޕީއެމްގެ އެތެރޭގައި ހިނގަމުން އަންނަ ކަންތައްތަކަށް އަލިއަޅުއްވާލައްވަމުން ޖަމީލް ވިދާޅުވީ، ރައީސް ޔާމީންގެ ބައެއް ނިންމެވުންތަކާ ގުޅިގެން އެ ޕާޓީގެ ސެނެޓުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާ މެދު ފިޔަވަޅު އަޅައި ޕާޓީން ވަކިކުރާ ހިސާބަށް ގޮސްފައިވާ ކަމަށެވެ. އެކަމުން އެނގިގެން ދަނީ ރައީސް ޔާމީންގެ ލީޑާޝިޕާއި ސިޔާދަތާއި އިރުޝާދު އެ ބޭފުޅުން ބޭނުން ނުވާކަން ކަމަށް ޖަމީލް ވިދާޅުވިއެވެ.
ހަމައެއާކު މި ވެރިކަން [ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން] ލިބިވަޑައިގެންފައި އެވަނީ، ރައީސް ޔާމީންގެ އަސާސްތަކާއި، ރައީސް ޔާމީންގެ ވިސްނުންފުޅާއި ތަރައްގީއާއި، އެމަނިކުފާނު ރާއްޖެއަށް ގެންނެވި ބަދަލުތައް ވިއްކައިގައި ކަމަށް ޖަމީލް ވިދާޅުވިއެވެ. މިދިޔަ ކެމްޕެއިންގައި ރައީސް ޔާމީންގެ މަސައްކަތްޕުޅުތައް ވިއްކިކަން ފާހަގަ ކުރައްވަމުން ޖަމީލް ވިދާޅުވީ، ވެރިކަން ލިބިވަޑައިގަތުމުން މިއަދު ރައީސް ޔާމީންގެ އިރުޝާދު ބޭނުން ނުވާކަން [މިހާރުގެ ސަރުކާރުން] ވަރަށް ސާފުކޮށް ވަނީ ހާމަކުރައްވާފައި ކަމަށެވެ.
އެހެންކަމުން ރައީސް ޔާމީން އެ ޕާޓީން ވަކިވެވަޑައިގެން މިހާރު އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓާވާފައި ވާއިރު ރައީސް ޔަމީންގެ ސިޔާސީ ވިސްނުންފުޅާއި ތަޖުރިބާ ގަބޫލު ކުރައްވައިގެން އެމަނިކުފާނާ އެކުގައި އޭނާ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި މުސްތަގްބަލުގައި ވެސް ހުންނަވާނީ ޔާމީނާ އެކުގައި ކަމަށް ޖަމީލް ވިދާޅުވިއެވެ.