މި ވެރިކަމަކީ ރައްޔިތުންނަށް ލާބަޔާ މަންފާހުރި ވެރިކަމަކަށް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ސާބިތުވެ ހުންނަވާނެ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ހުސައިން މިފަދައިން ވިދާޅުވެފައި ވަނީ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމްއިން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފައިވާ ދަނޑިވަޅެއްގައެވެ.

ނައިބު ރައީސް ވިދާޅުވީ މި ވެރިކަމަކީ އެމަނިކުފާނު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް އެތައް ރައްޔިތުންގެ ބައިވެރިވުމާއި ބުރަ މަސައްކަތުން ގެނެވުނު ވެރިކަމެއް ކަމަށެވެ. އަދި ރައްޔިތުން އިހްތިޔާރުކުރެއްވީ ރައީސް މުއިއްޒުގެ ތަސައްވުރު ކަމަށާއި އެމަނިކުފާނު އިސްކުރައްވަނީ ރައްޔިތުންގެ މަސްލަހަތު ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.

އެހެންކަމުން މި ވެރިކަމަކީ ރައްޔިތުނަށް ލާބައާއި މަންފާހުރި ނަފާވެރި ވެރިކަމަކަށް ހެދުމަށް ރައީސް މުއިއްޒުއާއެކު ސާބިތުވެ ހުންނާނެކަމުގެ ޔަގީންކަން ނައިބު ރައީސް ވަނީ ދެއްވާފައެވެ.

ރައީސް ޔާމީން އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެއްޓެވުމާއެކު، ސަރުކާރުގެ ވަޒީރުން އަދި އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން އަންނަނީ ރައީސް މުއިއްޒުއާއެކު ތިއްބެވިކަން ހާމަަ ކުރައްވަމުންނެވެ. އަދި ރައީސް ޔާމީންގެ ސަޕޯޓަރުން އަންނަނީ ރައީސް މުއިއްޒުއަށް ފާޑު ވިދާޅުވެ ސޯޝަލް މީޑިއާގައި ވެސް ތަފާތު ޝުއޫރުތައް ފާޅު ކުރަމުންނެވެ.

ނައިބު ރައީސް ހުސައިން ފުރަތަމަ ހުންނެވީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައެވެ. އެއަށްފަހު، ވަނީ ޕީއެންސީއަށް ބަދަލުވެފައެވެ.