ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި ދިވެހި ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް)އިން އިންތިޒާމުކުރި "އީދުހަވީރު 1446"ގެ ހަރަކާތްތައް މިއަދު އަދި މާދަމާ ވެސް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ އީދު ހަވީރުގެ ހަރަކާތްތައް މިއަދު އަދި މާދަމާ ހަވީރު 4:00 އިން 6:00 އަށް ޖުމުހޫރީ މައިދާން ސަރަހައްދުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިއްޔެ ބޭއްވި އީދު ހަވީރުގެ ހަތަކާތްތަކަށް ވެސް ވަނީ އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައެވެ. ސަރުކާރުގެ ގިނަ މުއައްސަސާ ތަކަކާއި ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކެއް ގުޅިގެން ބޭއްވި މި އީދުހަވީރުގެ ހަރަކާތްތައް އަމާޒުކޮށްފައިވަނީ ކުޑަކުދީންނަށެވެ.

އެމްއެންޑީއެފްއިން ބުނެފައި ވަނީ މާލޭގައި މިފަދަ ހަވީރެއް އިންތިޒާމުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އިސްލާމީ މުހިންމު މުނާސަބާގެ އުފަލުގައި ވީހާވެސް ގިނަ ދިވެހި އާއިލާތަކެއް އެއް ތަނަކުން ބައްދަލުވެ، އިޖުތިމާއީ ރޫހު އާލާކުރުން ކަމަށެވެ. އަދި ދިވެހީންގެ މެދުގައި އޮތް އެއްބަޔަކު އަނެއް ބަޔަކާ ބައްދަލުވެ ސަލާންގަލާންކޮށް، މުނިފޫހިފިލުވައި ހަދިޔާ ބަދަލުކުރުންފަދަ ރީތި އާދަތަކަށް ދިރުން ގެނެސްދިނުން ކަމަށެވެ.

މި އީދު ހަވީރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ބައިވެރިވެ ވަޑައިގެންނެވިއެވެ.