މޫސުމީ ނޭދެވޭ ބަދަލުތަކާ ކުރިމަތިލުމުގައި އެންމެ ކުރީ ސަފުގައި ތިބެގެން ހަރަކާތްތެރިވާން ޖެހޭ ފަރާތްތަކުން، އީޖާދީ ހައްލުތައް ހޯދުމަށް، މިހާރުގެ ހާލަތަށް ވުރެ ފުޅާކޮށް އަދި ހާލަތުން ބޭރުން ވިސްނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ގޮވާލައްވައިފިއެވެ.

ނައިބު ރައީސް މިހެން ވިދާޅުވެފައި މި ވަނީ ހަވާއީގެ ހޮނޮލޫލޫގައި ބޭއްވި "ބްލޫ ޕްލެނެޓް އެލަޔަންސް ފެލޯޝިޕް ޕްރޮގްރާމް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި، ހާއްސަ މެހުމާނެއްގެ ގޮތުގައި ވާހަކަފުޅު ދައްކަވަމުން، ހުސައިން މުހައްމަދު ލަތީފް ވަނީ ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ ހާއްސަ ނާޒުކު ކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖެއަށް ކުރިމަތިވެފައިވާ މޫސުމީ ނުތަނަވަސް ކަމަކީ، ދިރިއުޅުމުގެ ހަގީގަތަކަށް މިހާރު ވެފައިވާއިރު، ދިމާވާ ގޮންޖެހުންތަކާއެކު ވެސް، މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި ދިވެހިރާއްޖެއިން އެންމެ ކުރީ ސަފުގައި ދެމި ތިބޭނެ ކަމުގެ އަޒުމު ނައިބު ރައީސް އާކުރެއްވިއެވެ.

ދިވެހިރާއްޖޭގެ "ތަރޑް ނެޝަނަލީ ޑިޓަމައިންޑް ކޮންޓްރިބިއުޝަން" (އެންޑީސީ) އާއެކު ފަހުން އިއުލާނު ކުރި، "2024-2033 އެނަޖީ ރޯޑްމެޕް" ގެ މައްޗަށް ނައިބު ރައީސް އަލިއަޅުއްވައި ލެއްވިއެވެ. މި ޕްލޭންގައި 2028 ވަނަ އަހަރުގެ ނިޔަލަށް އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުން ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 ޕަސެންޓް އުފެއްދުމަށް އަމާޒު ހިފާފައިވާއިރު މިއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި އަމާޒަކީ ތެލަށް ބަރޯސާވާ މިންވަރު ދަށްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ގައުމީ އެޖެންޑާގެ މައިގަނޑު އަސާސެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކުދި ޖަޒީރާ ގައުމުތަކުން ކުރިމަތިލާން ޖެހިފައިވާ ހުރަސްތަކަކީ އީޖާދީ ހިޔާލުތަކުގެ މަގެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ބްލޫ ޕްލެނެޓް އެލަޔަންސް ފެލޯޝިޕް ޕްރޮގްރާމްއަކީ ޖަޒީރާ ގައުމުތަކަށް މައުލޫމާތު ހިއްސާކޮށް، އީޖާދީ ހައްލުތައް އުފެއްދުމަށާއި ދުނިޔޭގެ މޫސުމީ ނޭދެވޭ ބަދަލުތަކާ ގުޅޭ ހަރަކާތްތައް ވިލަރެސް ކުރުމަށް މުހިންމު މަންސައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މި ޕްރޮގްރާމްގައި ޕޮލިސީ މާހިރުން، ޔުޓިލިޓީ ލީޑަރުން، އަދި މުޖުތަމައުގެ ހައްލުތަކަށް ވަކާލާތުކުރާ ފަރާތްތައް އެއްތަނަކަށް ގެނެސް، ޖަޒީރާ ގައުމުތަކަށް، މޫސުމީ ނޭދެވޭ ބަދަލުތަކުން ކުރިމަތިވާ ކާރިސާތަކަށް ތައްޔާރުވުމާއި ސާފު ހަކަތައިގެ ހައްލުތައް ތަންފީޒުކުރުމަށް އެކުގައި މަސައްކަތް ކުރުމަށް މަގުފަހިވެގެންދާ ކަމުގައި ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ޓެކްނޮލޮޖީގެ ދާއިރާއިން ބޭރަށް ނިކުމެ ވިސްނުމަށެވެ. މުޖުތަމައުތަކަށް ބަދަލު ގެނެވޭ ފަދަ، ދުނިޔޭގެ މޫސުމީ ނޭދެވޭ ބަދަލުތަކާ ގުޅޭ މަޝްވަރާތަކަށް ބަދަލު ގެނެވޭނެ ފަދަ އީޖާދީ ސިޔާސަތުތަކާއި، މާލީ އެހީ ހޯދުމުގެ ނިޒާމްތަކަށް އަމާޒު ހިފުމަށް ނައިބު ރައީސް ވަނީ ހިތްވަރުދެއްވާފައެވެ.