ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ހިންގާ އޮފީސް އިމާރާތް ހުސްކުރުމަށް އެ އިމާރާތުގެ ވެރިފަރާތުން އަންގައިފިއެވެ.
ޕީޕީއެމްގެ އޮފީސް ހިންގަމުންދަނީ ހެންވޭރު ހުރަފާ ގޭގައެވެ.
ޕީޕީއެމްގެ އޮފީސް ހުސްކުރުމަށް އެ އިމާރާތުގެ ވެރިފަރާތުން އަންގާފައި ވަނީ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމް ދޫކުރެއްވުމާ ގުޅިގެންނެވެ. ޕީޕީއެމްގެ އޮފީސް އިމާރާތް ކުއްޔަށް ދީފައިވާނީ ރައީސް ޔާމީންގެ އެދިވަޑައިގަތުމުގެ މަތިންނެވެ.
ތަން ހުސްކުރަން އަންގާ ފޮނުވި ސިޓީގައި ދެފަރާތުން ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެންނަ ކަމަށް ވަނީ ބުނެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އޮފީސް އިމާރާތުގެ ވެރިފަރާތަކީ ރައީސް ޔާމިންއަށް ތާއީދު ކުރާ ފަރާތެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އޮފީސް ހުސްކުރުމަށްފަހު، ރައީސް ޔާމީން އަލަށް އުފައްދަވާ ޕާޓީގެ އޮފީސް އިމާރާތެއްގެ ގޮތުގައި އެތަން ބޭނުން ކުރާނެއެވެ.
ޕީޕީއެމްއިން ވަކިވެވަޑައިގެން ރައީސް ޔާމީން ވަނީ އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފައެވެ. އެގޮތުން މިހާރު އާ ޕާޓީގެ ނަމާއި ލޯގޯ ފައިނަލްކުރުމުގެ އިތުރުން އަސާސީ ގަވައިދުގެ ޑްރާޕްޓް މިހާރު ވަނީ ނިންމާފައެވެ. އަދި އާ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަންއަށް މާދަމާ ހުށަހަޅަން އަންނަނީ ތައްޔާރު ވަމުންނެވެ.
ތަން ހުސްކުރަން އަންގާފައި ވަނީ އެ އޮފީހުގައި ޕީޕީއެމްގެ ސެނެޓު ބައްދަލުވުމެއް މިރޭ ބޭއްވުމަށް އެ ޕާޓީއިން ރާވާފައި ވަނިކޮށެވެ.