މީގެ ކުރިން އަރުވަން މަސައްކަތް ކުރި 2 ސެޓެލައިޓެއް ފެއިލްވި ފަހުން 3 ވަނަ ސެޓެލައިޓެއް އުތުރު ކޮރެއާއިން އަރުވައިފިއެވެ.

ސެޓެލައިޓްގެ ކާމިޔާބީ ފާހަގަ ކުރުމަށް ބޭއްވި ހަފްލާއެއްގައި އެގައުމުގެ ލީޑަރު ކިމް ޖޮންގް އުން ވިދާޅުވީ، ކާމިޔާބު ކަމާއެކު ޖަސޫސީ ސެޓެލައިޓް އެރުވިއްޖެ ކަމަށާއި މިހާރު ބޭނުން ކުރަން ފަށާފައި ވާ އިރު ދުނިޔޭގެ ކޮންމެ ތަނެއް ބަލާލުމުގެ ގާބިލުކަން އެގައުމުގެ ސިފައިންނަށް މިހާރު ލިބިފައި ވާ ކަމަށެވެ.

އަދި މިހާރު ގުއާމްގައި އޮންނަ އެމެރިކާގެ ބޭސް އަށް ފާރަލާން ފަށާފައި ވާ ކަމަށާއި ސެޓެލައިޓުގެ އެހީގައި އެއްކުރެވެ މައުލޫމާތަކީ އަސްކަރީ ރޭވުންތަކަށް މުހިންމު މައުލޫމާތު ތަކެއް ކަމަށެވެ.

"މިހާރު އަހަރެމެނަށް ޖައްވީ ބާރުވެރިކަންވެސް ލިބި ސްޕޭސް ޕަވާއަކަށް ބަދަލުވީ"
ކިމް

5 އަަހަރުގެ މަސައްކަތުން ޖައްވަން ފޮނުވަން ތައްޔާރު ކުރި 2 ސެޓެލައިޓެއް މީގެ ކުރިން ވަނީ ގޮވާފައެވެ. 3 ވަނަ އެތި މި އެރުވީ، ދާދި ފަހުން ކިމް ރަޝިއާއަށް ވަޑައިގެން ރަޝިއާގެ ސްޕޭސް ޓެކްނޮލޮޖީ ޕްރޮގްރާމު ބައްލަވާލައްވައިފައި ވަނިކޮށެވެ. އަދި އެ ދަތުރުގައި ކޮރެއާގެ ޖައްވީ ދިރާސާތަކަށް ބޭނުންވާ ސެޓެލައިޓް އުދުއްސާލަން ބޭނުންވާ ޓެކްނޮލިޖީ ފޯރުކޮށްދޭނެ ކަމަށް ރަޝިއާއިން ވެސް ބުންޏެވެ.

މި ސެޓަލައިޓުގެ މައްސަލައިގައި ދެކުނު ކޮރެއާއިން، އުތުރު ކޮރެއާއާއެކު ކުރަމުން ދިޔަ އަސްކަރީ މުއާމަލާތްތައް ހުއްޓާލާފައި ވާ އިރު ޖަޕާނުން ބުނެފައި ވަނީ، އެ ސެޓެލައިޓް އެރުވުމުގައި ރަޝިއާއިން އެހީތެރިކަން ފޯރުކޮށްދީފައި ވާ ކަމަށް ބެލެވޭ ކަމަށެވެ.

މި ސެޓެލައިޓު އެރުވުން އދ އާއި އެމެރިކާ ހިމެނޭހެން ޖަޕާނުން ވަނީ ކުށްވެރި ކޮށްފައެވެ.

ނަމަވެސް އުތުރު ކޮރެއާ އަކީ ބަޔަކު ދައްކާ ވާހަކައެއް އަޑުއަހާ ގައުމަކަށް ނުވާ އިރު، އދ އާއި ހުޅަނގުގެ ގައުމުތަކުން ފާޑުކިޔައި އަދި ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީދީ ތިއްބާ، އެތައް މިސައިލަކާއި ނިއުކްލިއާ ވޯހެޑްތައް ވެސް ދަނީ ޓެސްތް ކުރަމުންނެވެ.

އެގައުމުން ބުނަމުން ދަނީ އެ ހުރިހާ ޓެސްޓަކީ، ދުޝްމަނުންގެ ފަރާތުން އަތުވެދާނެ ނުރައްކަލަކުން ގައުމު ސަލާމަތް ކުރުމަށް ވަމުންދާ ތައްޔާރީތައް ކަމަށެވެ.