ދާދިފަހުން ޕީޕީއެމުން ވަކިވެވަޑައިގެންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ނެތި ބާއްވާ އެ ޕާޓީގެ ފުރަތަމަ ސެނެޓު ބައްދަލުވުން މާދަމާ ރެއަށް ތާވަލުކޮށްފިއެވެ.
މާދަމާ ރޭ 9 ޖަހާއިރު އޮންނަ ބައްދަލުވުމުގައި މަޝްވަރާކުރަން ހަމަޖެހިފައި ވަނީ ޕީޕީއެމުން މަޖިލީހަށް ތައްޔާރުވުމާ ގުޅޭ ގޮތުންނެވެ.
އަންނަ މާޗް މަހު އޮންނާނެ ކަމަށް ބެލެވޭ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕީޕީއެމާއި ޕީއެންސީ ގުޅިގެން މަސައްކަތްކުރުމަށް އޮތީ ނިންމައިފައެވެ. އިންތިހާބަށް ނެރޭނެ ކެނޑިޑޭޓުން ކަނޑައެޅުމަށްޓަކައި އަންނަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ޕްރައިމަރީ އެއް ބާއްވައި އޭގެ އެއް މަސް ކުރިން ޕްރައިމަރީ އަށް ކުރިމަތިލުމަށް ހުޅުވާލުމަށް އެ ކޯލިޝަނުން ވަނީ ނިންމައިފައެވެ.
މަގާމުގެ ހުވާކުރެއްވުމުގެ އެއް މަސް ކުރިން 'ސަންގު ޓީވީ'ން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ނިމިދިޔަ ރިޔާސީ އިންތިހާބަށް ފަހު ރައްޔިތުންގެ ވިސްނުން ހުރީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާ އެކީ ކުރިއަށްދާ ގޮތަށް ކަމަށާއި، އަދި ގައުމަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް އެ ކޯލިޝަނަށް ފުރުސަތު ދިނުމަށް ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ ސަރުކާރުން ކޮށްދޭން ހުރި ކަންކަން ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ގިނަ މެންބަރުން ތިބުން މުހިންމެވެ.
"ދެން އެންމެ ބޮޑަށް ބޭނުންވަނީ ޓޫ ތާޑް މެޖޯރިޓީ ހާސިލްކުރެވޭ ވަރަށް މެންބަރުން ހޮވުން، މާނައަކީ 60 އަށް ވުރެ ގިނަ މެންބަރުން ޕީޕީއެމް-ޕީއެންސީގެ އަދި އަޅުގަނޑުމެންނާ ގުޅިފަ ތިބި ބޭފުޅުންނާ އެކީގަ އަޅުގަނޑުމެންގެ ކޯލިޝަނަށް އިރާދަކުރެއްވިއްޔާ ސުޕަ މެޖޯރިޓީ އޭ މި ކިޔާ ގޮތަށް ޓޫ ތާޑް މެޖޯރިޓީ އިރާދަކުރެއްވިއްޔާ ލިބޭ ވަރަށް މަސައްކަތްކުރުން،" އެމަނިކުފާނު ވިދާޅުވިއެވެ.