މި ސަރުކާރުގައި ރެނދު އަޅުވާ، ބަޣާވާތް ކުރަން ފުރުސަތު ނުދޭނެ ކަމަށް ޕީއެންސީ އިން ބުނެފިއެވެ.

ޕީއެންސީއިން މިފަދައިން ބުނެފައިވަނީ ޕީޕީއެމްއާ ޕީއެންސީއާ ދެމެދު ގޮތް ގުޅުން ހީނަރުވެ، ދެ ޕާޓީގެ ދެމެދުގައި ކޯޅުން ގަނޑެއް އުފެދެމުންދާ ދަނޑިވަޅެއްގައެވެ.

އެގޮތުން ޕީއެންސީ އިން ބުނީ މި ސަރުކާރު ގެނައީ ވަރަށް ފޮނި އުންމީދާއެކު ކަމަށާއި މި ސަރުކާރުގަ ރެނދު އަޅުވާ ބަޣާވާތް ކުރަން އުޅޭ ބަޔަކަށް އެ ފުރުސަތު ނުދޭނެ ކަމަށެވެ.

ޕީއެންސީއަކީ ޕީޕީއެމްގެ ހިޔަނި ޕާޓީގެ ގޮތުގައި އޮތް ޕާޓީއަކަށް ވިޔަސް އެކަން މިހާރު ވަނީ މުޅިން ބަދަލުވެފައެވެ. ޕީޕީއެމްއާއި ޕީއެންސީއާ އެކުވެ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށް މަސައްކަތްތަކެއް ކުރިއެވެ. އަދި އިންތިހާބު ކާމިޔާބު ކުރައްވާ ޕީއެންސީއަށް ގިނަ އަދަދެއްގެ ބަޔަކު ވެއްދުމަށް ޕީއެންސީއިން ފެށި މަސައްކަތުގައި ޕީޕީއެމް ދޫކޮށް، އެ ޕާޓީއަށް ގުޅެމުންދާކަން ރައީސް އަބްދުﷲ ޔާމީންވެސް ވަނީ ފާހަގަކުރައްވާ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެކުގައި މަސައްކަތް ކުރަމުންދިޔަ ދެ ޕާޓީ ކަމަށްވިޔަސް ދާދިފަހުން ޕީއެންސީއިން ވަކި އޮފީހެއް ހަދައިގެން މަސައްކަތް ކުރަން ފަށާފައިވާއިރު މިދިޔަ އަންގާރަ ދުވަހުގެ ރޭ ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު މަސްރަހު ވަނީ ހޫނުވެފަވެއެވެ. އެ ޕްރެސް ބާއްވާފައިވަނީ ޕީޕީއެމްގެ އިސް ފަރާތްތަކަށް ނުވާއިރު އެ ޕްރެސްގައި ޕީޕީއެމް ހިންގުން ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި ކުރީގެ ކަސްޓަމްސް ކޮމިޝަނަރު އައްބާސް އާދިލް ރިޒާއާ ހަވާލުކޮށްފައިވާކަން އިއުލާންކޮށްފައެވެ.

އޭގެ އިތުރުން ޕީޕީއެމްގެ ޖެނެރަލް ސެކެޓްރީގެ މަގާމުގައި ހުންނެވި މުހައްމަދު ތޮލާލު އުޒުރުވެރިވާ ކަމަށާއި ތަރުޖަމާނު ހީނާ ވަލީދު މަގާމުން އިސްތިއުފާ ދެއްވާފައިވާކަމަށް ވަނީ އިއުލާންކުރައްވާފައެވެ. އެހެންނަމަވެސް އެކަމަށް އެ ދެ ބޭފުޅުންވެސް ވަނީ އިންކާރުކުރައްވާފައެވެ. އެހެންނަމަވެސް ތޮލާލު ސްޕޯސް ކޮމިޝަނަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށް ޕީޕީއެމްއިން ވަނީ ވަކިވެވަޑައިގެންފައެވެ. އަދި ހީނާގެ ބަދަލުގައި އެ މަގާމަށް އައްބާސް ހަމަޖެއްސެވުމަށް ރައީސް ޔާމީން ލަފާދެއްވާފައިވާކަން އައްބާސް ވަނީ މިދިޔަ ހޯމަ ދުވަހު ހީނާއަށް އަންގާފައެވެ.