އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ އުދުވާނީ ހަމަލާތަކުގައި ޝަހީދުވާ ކުދިންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ގޮސް މިހާތަނަށް 6000 ކުދިން ޝަހީދުވެފައި ވާއިރު, 'މަރާ ކުދިންގެ އަދަދު އަދިވެސް މަދީ ކަމަށާއި އިތުރަށް މަރަން ޖެހޭ' ކަމަށް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮމާބާގެ އެޑްވައިޒަރަކު ބުނެފިއެވެ.
ބަރަކް އޮބާމާގެ އެޑްވައިޒަރު ސްޓައުޓް ސެލްޑޮވިޒް މިހެން ބުނެ ވާހަކަ ދައްކާފައި ވަނީ އެމެރިކާގެ މެންހަޓަންގައި މުސްލިމުން ދިރިއުޅޭ ހިސާބެއްގައި ހުންނަ މަގުމަތީ ގާޑިއަލަކަށް އެއްޗެއް ގަންނަން ކައިރިވެފައެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓުމަންޓުގެ އިޒްރޭލާއި ފަލަސްތީން އެފެއާޒްގައި ގުޅޭ ކަންކަން ވެސް ބެލެހެއްޓި އެޑްވައިޒަރު އެހެން ބުނުމާއެކު ގިނަބައެއްގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ. އޭނާ އެހެން ބުނެ ވާހަކަ ދައްކާ މަންޒަރު ފެންނަ ވީޑިއޯ ވެސް މިހާރު ސޯޝަލްމީޑިއާގައި ދައުރުވަމުން އަންނަ އިރު އޭނާގެ މައްސަލަ ކަމާބެހޭ ފަރާތަތްތަކަށް ހުށަހަޅަން ތައްޔާރުވަމުން ދާ ކަމަށް ވެސް ބައެއް މީހުން ބުނެއެވެ.
އޭނާ އެ ގާޑިއަލާ ކައިރިވެ އެހެން ބުނުމާއެކު ޒުވާބެއްވެސް ހިނގާފައި ވާ އިރު, ރަސޫލާ އަށް ފުރައްސާރަ ކުރާ އަޑުވެސް އިވެއެވެ.
އިތުރަށް އޭނާ ވަނީ އެ ގާޑިއާ ހިންގާ މީހަކީ ޓެރަރިސްޓެއް ކަމަށާއި އޭނާގެ ވިޔަފާރި ބަންދު ކުރުވަން އޭނާގެ ކަނެކްޝަންސް [ގުޅުންތައް] ބޭނުން ކޮށްގެން މިސްރުގެ ސީކްރެޓް ޕޮލިސްގެ ބޭނުންވެސް ހިފާނެ ކަމަށެވެ.
އެއާއެކު ގާޑިއަލުގައި ހުރި މީހާ ބުނަމުން ދަނީ އޭނާ އަށް އިނގިރޭސިން ވާހަކަ ދައްކަން ނޭނގޭ ކަމަށާއި އޭނާ [އެޑްވައިޒަރު] އެތަނުން ދިޔުމަށެވެ.
އޭނާ އަށް އިނގިރޭސި ނޭނގޭ ކަމަށް ބުނުމުން އެކަމަށް ވެސް އެޑްވައިޒަރު ވަނީ ހަޖޫޖަހާ މަލާމާތް ކޮށްފައެވެ. އަދި ބުނީ އޭނާ ޑީޕޯޓް ކޮށްލާއިރު ފަސޭހަވާނެ ކަމަށާއި މިސްރަށް ދާތަނުން ހިފާ ހައްޔަރު ކޮށް ސުވާލު ކުރާނެ ކަމަށެވެ.
އެމެރިކާގައި އިސް ޑިޕްލޮމެޓަކަށް އުޅުނު މީހަކު މިފަދަ ގޮތަކަށް އަމަލު ކުރުމާއެކު ގިނަ ބައެއްފެ ފާޑުކިޔުން އަމާޒު ވުމުން އޭނާ ނިއުޔޯކް ޓައިްމސް އިން ވަނީ އޭނާ އާ ސުވާލު ކޮށްފައެވެ. އޭގެ ޖަވާބުގައި އޭނާ ބުނީ, ގާދިޔާގައި ހުރި މީހާ ފެނުނީމައި ކުއްލިއަކަށް ރުޅިއައީ ކަމަށާއި އޭނާއާ ވާހަކަ ދެއްކުނު ގޮތާމެދު ހިތާމަ ކުރާ ކަމަށެވެ. އަދި ރުޅި އަންނަން ޖެހުނީ ގާޑިއަލުގައި ހުރި މީހާ ފަލަސްތީނުގެ ރައްޔިތުންނަށް [ހަމާސް އަށް] ހަމްދަރުދީވާކަން ފާޅުކުރުމުން ކަމަށް ވެސް ބުނެފައި ވެއެވެ. ނަމަވެސް އެހާދިސާ ހިނގި އިރު ރެކޯޑް ކުރެވިފައިވާ އެއްވެސް ވީޑިއޯއެއްގައި ގާޑިއަލުގައި ހުރި މީހާ ހަމާސްގެ ނަން ބޭނުން ކުރާތީ ނީވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.