ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް އިއްޔެ އައްޔަން ކުރެއްވި މުހައްމަދު ތޮލާލް އެމަގާމާ ހަވާލުވެވަޑައިގަތީ ޕީޕީއެމުން ވަކިވެވަޑައިގެންފައި ކަމަށް ޕީޕީއެމް އިން ބުނެފިއެވެ.

ޕީޕީއެމްގެ ރަޖިސްޓްރާ އަހުމަދު ހަމްދާން ނާސިރު ވިދާޅުވީ، ޕާޓީގައި ނުހުރެވޭނެ މާގަމަކަށް ވަޑައިގަންނަވާތީ، އިލެކްޝަންސް ކޮމިޝަންސް (އީސީ) ގައި އަމިއްލަ އަށް އެދިވަޑައިގެން ތޮލާލް ޕީޕީއެމުން ވަކިވެވަޑައިގެންފައިވާ ކަމަށެވެ.

ތޮލާލް ޕީޕީއެމުން ވަކިވެވަޑައިގެންނެވި އިރު ހުންނެވީ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައެވެ.

ތޮލާލު ސްޕޯޓްސް ކޮމިޝަނަރުގެ މަގާމާ އައްޔަން ކުރައްވާފައި ވާއިރު އޭނާ މި މަގާމަށް އައްޔަން ކުރައްވާފައި ވަނީ މިނިސްޓަރު ފެންވަރުގައެވެ.

ތޮލާލް މިހާތަނަށް ހުންނެވީ އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސްގެ މަގާމުގައެވެ. އޭނާވަނީ އެތުލީޓުން އުފެއްދުމާއި ރާއްޖެއިން ބޭރުން ތަމްރީނު ޕްރޮގްރާމުތައް ހޯއްދަވައި ދެއްވުމުގައި އިސް ދައުރެއް އަދާކުރައްވާފައެވެ.

ވެސްޕޯޓްސް ކޮމިޝަނާގެ އޮފީހަކީ 2015 ވަނަ އަހަރު ކުޅިވަރުގެ ގާނޫނުގެ ދަށުން ރައިސްލުޖުމްހޫރިއްޔާ އުފައްދަވާފައިވާ އޮފީހެކެވެ. ކުޅިވަރުގެ ގާނޫނުގައި ވާގޮތުން ސްޕޯޓްސް ކޮމިޝަނަރަކީ ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅިވަރު ކުލަބްތަކުގެ މަސައްކަތް ބަލަހައްޓާ ފަރާތެވެ.