ކޯރަމް ހަމަނުވެގެން މާލެ ސިޓީ ކައުންސިލްގެ އާންމު ރަސްމީ ޖަލްސާ ނުބޭއްވޭތާ ދެ ހަފްތާވެއްޖެ ކަމަށް މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސައިފް ފާތިހް ވިދާޅުވެއްޖެއެވެ.

އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން ސައިފް ވިދާޅުވީ ކޯރަމް ހަމަނުވެގެން ޖައްސަޖައްސައިގެން އާންމު ރަސްމީ ޖަލްސާ ކެންސަލުކުރި ދެވަނަ ހަފްތާވެފައިވާ ކަމަށާއި މިފަހުން ޖަލްސާ ބޭއްވުނީ އެންމެ ހަފްތާއަކު ކަމަށެވެ.

ސައިފް ވިދާޅުވީ ސިޓީ ކައުންސިލްގެ މަސައްކަތް ހިންގޭނެ ގޮތަކަށް ވެރިކަންކުރާ ކޯލިޝަނުން ކައުންސިލަރުންގެ މައްޗަށް ބާރު އެޅުއްވުން ކޮންމެހެން ބޭނުންތެރި ކަމަށާއި ކައުންސިލްގެ މަސައްކަތްތައް ހުރީ ފުނިޖެހިފައި ކަމަށެވެ. އަދި ސައިފް ވަނީ މާލެ ސިޓީ ކައުންސިލު ހުއްޓިފައި އޮންނަ އޮތުން ބަލައެއް ނުގަނެވޭ ކަމަށް ވިދާޅުވެފައެވެ.

ސިޓީ ކައުންސިލްގެ ޖައލްސާއަށް އެޖެންޑާކޮށްފައިވާ ކަންތައްތަކަށް ބަލާއިރު ވިލިމާލެ ދާއިރާގެ ކައުންސިލް މެންބަރު ނަހުލާ އަލީ ހުށަހަޅާފައިވާ ވިލިމާލޭގައި ފަތާ ޓްރެކެއް އެޅުމުގެ މަޝްވަރާތަކާއި ވިލިމާލޭ ހުޅަނގުފަރާތު މީހުން މޫދަށް އެރޭ ސަރަހައްދުގައި ސިޓީ ކައުންސިލުން ހަރަދުކޮށްގެން ފާހާނާ ބަރިއެއް ހެދުން ހިމެނެއެވެ.

އޭގެ އިތުރުން ވިލިމާލެ އާއި މާލެ ހިމެނޭހެން ގާއިމްކުރަން ހަމަޖެހިފައިވާ 2،000 ހައުސިން ޔުނިޓުގެ ތެރެއިން މަދުވެގެން 20 ޕަސެންޓް ދަފްތަރުގައި ހިމެނޭ ރައްޔިތުންނަށް ހާއްސަކޮށް ކަނޑައެޅުމަށް ކައުންސިލްގައި މަޝްވަރާކުރުމުގެ އިތުރުން ވިލިމާލެ ކޮމިއުނިޓީ ގާޑަން އެހެން ސަރަހައްދަކަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނު ކުރުން އެޖެންޑާކޮށްފައިވެއެވެ. އަދި ވިލިމާލޭގައި ސިޓީ ކައުންސިލްގެ ނާސަރީއެއް ނެތުމުން ދަތިވާ ކަމަށް ބުނެ ވިލިމާލޭގެ 4 ފަރާތަކުން ހުށަހަޅާފައިވާތީ އެކަން މަޝްވަރާކުރަންވެސް ވަނީ އެޖެންޑާކޮށްފައެވެ.

ވެރިކަން ބަދަލުވުމާ ގުޅިގެން ސަރުކާރުގެ އެކި އެކި މަގާމުތަކަށް ސިޓީ ކައުންސިލްގެ މެންބަރުން އައްޔަންކުރެއްވުމުން ސިޓީ ކައުންސިލްގެ މެންބަރުންގެ އަދަދު ވަނީ މަދުވެފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް ކަމުގެ މަގާމަށް އިންތިހާބު ކުރެއްވިއިރު ހުންނެވީ މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ މަގާމުގައި ކަމުން އެ މަގާމުވެސް ވަނީ ހުސްވެފައެވެ. ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ މަގާމަށް އެ ކައުންސިލްގެ ދެ މެންބަރުން ވަނީ އައްޔަންކުރައްވާފައެވެ. އެ ދެ ކައުންސިލް މެންބަރުންނަކީ މެދުހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒާއި މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނަސީރު (އަބުޅޯ) އެވެ. އޭގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރަކަށް ހުންނެވި ފާތިމަތު ޝަމްނާޒް އަލީ ސަލީމް ވަނީ ރައީސްގެ ރަސްމީ ގޭގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކޮށްފައެވެ.