ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލުކުރަނީ ޕީއެންސީ ކަމަށް އިއުލާނުކޮށް، އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރަކީ ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު ކަމަށް، މަޖިލީހުގެ ރިޔާސަތުން އިއުލާނުކޮށްފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ، ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު ކަމަށް ފަޒުލް ހަމަޖައްސާފައިވާ ކަން އެ ޕާޓީން އަންގާފައިވާ ކަމަށް ވިދާޅުވެފައެވެ.

އޭރު އިދިކޮޅުގައި އޮތް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރަކީ މިހާރުގެ ޕަބްލިކް ވޯކްސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު އާދަމް ޝަރީފް އުމަރެވެ. ނަމަވެސް ވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށްޓަކައި އާދަމް ޝަރީފް ވަނީ މިދިޔަ ހުކުރު ދުވަހު އިސްތިއުފާދެއްވައިފައެވެ.

އާދަމް ޝަރީފްގެ އިތުރުން، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ބައެއް މެންބަރުން ވަނީ ސަރުކާރުގެ މަގާމުތަކާ ހަވާލުވެވަޑައިގަންނަވާތީ މަޖިލިސް މެންބަރު ކަމުން އިސްތިއުފާދެއްވައިފައެވެ. އޭގެ ތެރޭގައި ނައިބު ރައީސް އަދި ފަރެސްމާތޮޑާ ދާއިރާގެ ކުރީގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ހިމެނިވަޑައިގަންނަވައެވެ.

އެހެންކަމުން، މަޖިލީހުގައި ޕީއެންސީ ތަމްސީލުކުރައްވާނީ ފަޒުލްގެ އިތުރުން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމެވެ. އަދި ޕީޕީއެމް ތަމްސީލުކުރައްވާނީ އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމާއި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގެވެ. ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ޕީޕީއެމަށް ސޮއިކުރެއްވި ނަމަވެސް، މަޖިލީހުގެ ވެބްސައިޓުން ދައްކާ ގޮތުން އެއީ މިނިވަން މެންބަރެކެވެ.