ޕީޕީއެމްގެ ސެކެޓްރީ ޖެނަރަލް މުހައްމަދު ތޮލާލާއި އެ ޕާޓީގެ ސްޕޯކްސްޕާސަން ހީނާ ވަލީދު އިސްތިއުފާދެއްވި ކަމަށް ބުނާ ވާހަކަ ދޮގުކުރައްވައިފިއެވެ.

ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކަސްޓަމްސް ގެ ކުރީގެ ކޮމިޝަނަރު އައްބާސް އާދިލް ރިޒާ ވިދާޅުވީ ހީނާ ވަނީ ސްޕޯކްސްޕާސަންގެ މަގާމުން އިސްތިއުފާ ދެއްވާފައި ކަމަށެވެ.

އައްބާސް ވިދާޅުވީ ޕާޓީގެ ހިންގުމުން ތޮލާލު އުޒުރުވެރިވެ ވަޑައިގެންފައި ވާތީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން ކޮމިޓީއެއް އެކުލަވާލެއްވީ ވަގުތީ ގޮތުން ކަމަށެވެ. އެގޮތުން އެ ޕާޓީ ހިންގުން އައްބާސްގެ އިތުރުން ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލަށް ހަވާލުކުރައްވާފައިވާ ކަމަށެވެ.

ޕާޓީ ހިނގުމަށް ތޮލާލު އުޒުވެރިވާކަމަށް އައްބާސް ވިދާޅުވުމާ ގުޅިގެން އެ ނޫސްވެރިންގެ ބައްދަލުވުން ހިނގަމުން ދިޔަ ވަގުތު އޭނާ ވަނީ އެކަން ދޮގުކުރައްވާފައެވެ.

ސްޕޯކްސްޕާސަންގެ މަގާމުން ހީނާ އިސްތިއުފާ ދެއްވިކަމަށް ވިދާޅުވުމާ ގުޅިގެން ޕީޕީއެމް މީޑިއާ ގްރޫޕުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ އިސްތިއުފާ ދެއްވާފައި ނުވާ ކަމަށެވެ.

ޕީޕީއެމް އަދި ޕީއެންސީއިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކާ ގުޅޭ މައްުލޫމާތު ތޮލާލު ނުވަތަ ހީނާ މީޑިއާ ގްރޫޕުގައި ހިއްސާކުރެއެވެ. އެހެންނަމަވެސް ރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ އެއްވެސް މައުލޫމާތެއް މީޑިއާ ގްރޫޕުގައި ހިއްސާކޮށްފައެއް ނުވެއެވެ.