ނެޓްފްލިކްގެ ޓޮޕް 10 މޫވީ ލިސްޓުގައި މީހުން ފަސް ވަނަ އަށް އެންމެ ގިނަ މީހުން ބަލާ ފިލްމަކީ "ސީ ޔޫ އޮން ވީނަސް" އެވެ. އެހެންކަމުން އެ ފިލްމަށް ޝައުގުވެރިކަން އުފެދި ފިލްމުގެ ޕްރިވިއު ކުޑަކޮށް ބަލައިލީމެވެ. ސްޕެއިންގެ ހިތްގައިމު މަންޒަރުތަކެއް ފިލްމުގައި ފެންނާނީ ފިލްމު ބެލުމަށް ޝައުގުވެރިވިއެވެ. ވިސްނުމެއް ނެތި ފިލްމު ހުޅުވާލީ ފިލްމު ބެލުމަށެވެ.
- ތަރިން
ވާޖީނިއާ ގާޑްނާ (މިއާ)، އެލެކްސް އައިނޯ (ކައިލް)، އެލެކްސް ފެބްރާ (ޖޯޝް) އަދި މަރްޖޯރީ (މިސިޒް ރޮތްސްވެލް)އެވެ.
- މައިގަނޑު ވާހަކަ
ފިލްމު ފެށިގެންދަނީ ކައިލް ދުވާ މަންޒަރުންނެވެ. ދުވެ ނިންމުމަށްފަހު ގެއަށް ވަދެ ސްވިމިންޕޫލަށް ކައިލް ފުންމާލީ އެއްވެސް ވިސްނުމެއްނެތި ވެފައި ހުރި ވަރުބައްޔެއްގެ ސަބަބުންނެވެ. ޕޫލު އަޑިއަށް ގޮސް ލޯ މަރާލި ކައިލް އަށް ފެނުނީ މީގެ ކުޑަދުވަސްކޮޅެއް ކުރިން ކައިލް އަށް ދިމާވި ހިތްދަތި ހާދިސާގެ ފްލޭޝްބެކް ތަކެކެވެ. އެ ހިސާބުން ކައިލް ހަޅޭއްލަވައެވެ. ކައިލް ދުއްވަން އިން ކާރު އެކްސިޑެންޓެއްވެ ކައިލްގެ ރަހުމަތްތެރިޔާ ޖޯޝް އަށް ބޮޑު އަނިޔާތަކެއް ވީއިރު އެ އެކްސިޑެންޓްގެ ސަބަބުން ނޮއާ ކިޔާ ޒުވާނަކު މަރުވެސްވިއެވެ. އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ ކައިލްގެ ސަބަބުންކަން އޭނާ އަށް ގަބޫލުކުރެވި އެންމެންނާ އޭނާ ދުރުވެއެވެ. އަމިއްލަ އަށް މަރުވުމުގެ ހިޔާލުތައް ގެންގުޅެމުން ގޮސް ކައިލް ފަރުބަދަތައް ކައިރިއަށް ގޮސް ފުންމާލަށް ތައްޔާރަށް ހުއްޓާ އަންހެން ކުއްޖަކަށް ފެނެއެވެ. އެއީ މިއާއެވެ. މިއާ އަނީ ފޯސްޓާ އާއިލާ އަކުން ބަލަހައްޓަމުން އަންނަ ޒުވާން އުމުރުފުރައިގެ ކުއްޖެކެވެ. ކައިލް، ސަލާމަތްކޮށް އޭނާ ގޮވައިގެން މިއާ ސްޕެއިން އަށް ދަނީ އޭނާގެ މަންމަ ހޯދުމަށެވެ.
މަންމަގެ ނަން ހަމަ އެކަނި މިއާ އަށް އެނގޭއިރު މެޑްރިޑަށް މިއާ ކުރާ ދަތުރަކީ އޭނާ އާ އޭނާގެ އެންމެ ގާތް އެކުވެރިޔާއެކު ކުރަން ހަމަޖެހިފައިވާ ދަތުރެކެވެ. ދެމީހުން މި ދަތުރު ރޭވީ ދެ އަހަރު ދުވަސްކުރިންނެވެ. ރުފިޔާ އެއްކޮށް ދަތުރު ދާން ހަމަޖެހުނު އިރު މިއާގެ އެކުވެރިޔާއަށް ދެވޭގޮތްނުވީއެވެ. މިއާ އަށް ކައިލް ފެނި އޭނާ އަކީ މީހެއްގެ އެހީތެރިކަން ބޭނުންވާ ޒުވާނެއްކަން އެނގުމުން މިއާ މިދަތުރުގައި ބައިވެރިކުރީ ކައިލްއެވެ.
ކައިލްގެ އާއިލާ އިންވެސް މިއާ އާއެކު މިދަތުރު ދިޔުމަށް ބާރުއެޅީ އެކްސިޑެންޓްގެ ފަހުން ކައިލް މުޅިން އެކަނި ކޮޓަރި ތެރޭ އަބަދު އޮންނާތީއެވެ. ކޮންމެއަކަސް ކައިލް އާއެކު މިއާ ދަތުރު ފެށިއެވެ. މިއާގެ މަންމަ ކަމަށް ބެލެވޭ 10 މީހުންވެސް އޭނާގެ މަންމައަކަށް ނުވިއެވެ. މިއާ މުޅިން މާޔޫސްވިއެވެ. މިއާގެ ހަގީގަތް މިހިސާބުން ކައިލް އަށް މަޑު މަޑުން ފަޅާއަރައެވެ. ހަގީގަތުގައި މިއާ މި ދަތުރު އަންނަ އޮތް އޭނާގެ އެކުވެރިޔަކީ ނޮއާ ކަން ކައިލް އަށް އެނގެއެވެ. އެއީ އެކްސިޑެންޓުގައި މަރުވި ޒުވާނާއެވެ. މިއާ ކޮންމެ ދުވަހަކު ކާ ބޭސްގުޅައަކީ ކީއްވެގެން ކާ އެއްޗެއްކަން ކައިލް އަށް އެނގެއެވެ. ހިތުގެ ބައްޔަކަށް ފަރުވާ ކުރަމުން އަންނަ މިއާ، އަށް ދަތުރުކުރުން ވެސް މަނާކޮށްފައިވާއިރު އޭނާ މެޑްރިޑަށް އައީ އުފަން މަންމަ ހޯދުމަށެވެ. ކައިލް އަށް މިއާ ދެކެ ލޯބިވެއެވެ. 1 ގަޑިއިރާ 30 މިނެޓުގެ މި ފިލްމުގައި ދެން ކަންތައް ވެގެންދާނެ ގޮތް ބަލާލާށެވެ. މި ފިލްމު މިހާރު ނެޓްފްލިކްސް އިން ބެލޭނެއެވެ.
ފިލްމުގެ ސިނަމޮޓޮގްރަފީ ރީތިކަން ފާހަގަކޮށްލެވޭއިރު މެޑްރިޑްގެ ހިިތްގައިމު މަންޒަރުތައް ފުރިހަމައަށް މި ފިލްމުގައި ގެނެސްދީފައިވިއެވެ. ނަމަވެސް ހަމައެކަނި ފާހަގަކޮށްލަންޖެހެ ކަމުނުދާ ކަމަކީ ފިލްމު ކުރުގަޅުވައިގެން އަވަހަށް ނިންމަން އުޅުނުހެން ހީވުމެވެ. ބައެއް މަންޒަރުތައް ތަންކޮޅެއް ޑީޓެއިލްކޮށް ގެނެސްދިން ނަމަ ފިލްމު މާ ފުރިހަމަވީސްކަން ގައިމެވެ.