އާލިއާ ބަޓް އާއި ވެދާންގް ރެއިނާގެ "ޖިގްރާ"ގެ ޓްރެއިލާ ރިލީޒްކުރުމާއެކު ބެލުންތެރިންގެ ސަމާލުކަން ޓްރެއިލާއަށް ލިބުނެވެ. ފިލްމު ޕްރޮމޯޓްކުރަމުން ދިޔައީ މި ފިލްމަކީ އަހަރުގެ އެންމެ އުންމީދީ ފިލްމު ކަމަށް ބުނެއެވެ. އާލިއާ އާއި ވެދާންގް ރެއިނާ ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގައި ރެއިނާ ކުޅުނު ކެރެކްޓާއަށް ގިނަ ބަޔަކު އަންނަނީ ތައުރީފްކުރަމުންނެވެ. ފިލްމު ހިޓު ފިލްމަކަށް ހަދައިދިނީ ރެއިނާގެ މޮޅު އެކްޓިންގެ ސަބަބުން ކަމަށް ގިނަ ބެލުންތެރިން ބުނެފައިވެއެވެ. މި ފިލްމަކީ އާލިއާގެ އަމިއްލަ ފިލްމު ކުންފުނި، އިޓާނަލް ސަންޝައިން އާއި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ އިތުރުން ވައޮކޮމް 18 ގުޅިގެން ހަދާފައިވާ ފިލްމެކެވެ.

ޖިގްރާގެ ވާހަކަ: މި ޖަޒްބާތީ ފިލްމުގައި އަންހެން ދައްތައެއްގެ ކޮއްކޮ ނުޙައްގުން މަސްތުވާތަކެތީގެ ދަޢުވާއަކާ ގުޅިގެން ހައްޔަރުކުރެވުނެއެވެ. އޭނާ މިނިވަންކުރުމަށް ނުރައްކާތެރި މިޝަނަކަށް ދައްތަ ފުރައެވެ. ކޮއްކޮއަށް މަރުގެ ހުކުމް ތަންފީޒުކުރުމަށް އެންމެ ތިން މަސްދުވަސް ބާކީ އޮއްވާ ކޮއްކޮ އާ ބައްދަލުވެވޭނެ ކަމުގެ އުންމީދުގައި ދައްތަ ނުރައްކާތެރި ދަތުރު ފަށައެވެ.

ފިލްމުގައި ކަންތައްވެގެންދާގޮތް

ބަދަލުހިފުމާއި ޖަލުން ފިލުމުގެ ވަރުގަދަ ވާހަކައަކަށް މި ފިލްމު ބިނާވެފައިވާއިރު، ޑައިރެކްޓަރު ވަސަން ބާލާގެ ތްރިލާ ފިލްމު "ޖިގްރާ" ފެށެނީ ވަރަށް ވަރުގަދަކޮށެވެ. މިއީ ސަތްޔާ (އާލިއާ ބަޓް) ނަމަކަށް ކިޔާ، ހިތްވަރުގަދަ އަދި އިތުބާރު ހިފޭ ޒުވާން އަންހެނެއްގެ ވާހަކައެވެ. މިއީ އޭނާގެ ކޮއްކޮ އަންކުރު (ވެދާންގް ރައިނާ) ކޮންމެ އަގެއް ދީގެން ނަމަވެސް ސަލާމަތްކުރުމަށް މަސައްކަތްކުރާ ދައްތައެެއްގެ ވާހަކައެކެވެ.

އަންކުރު މަސްތުވާތަކެތީގެ ދަޢުވާއެއްގައި ދެކުނު އޭޝިއާގެ ނުރައްކާތެރި ރަށެއް ކަމަށްވާ ހަންޝީ ޑާއޯގައި ތާށިވެއެވެ. ކޮއްކޮ އަންކުރު އެ ރަށުގައި ތާށިވުމުގެ ސަބަބުން ކޮއްކޮ ސަލާމަތްކުރުމަށް ސަތްޔާ އަޒުމު ކަނޑައަޅައެވެ. އަދި ކޮއްކޮ ސަލާމަތްކުރުމުގެ މަސައްކަތް ފަށައެވެ. ނަމަވެސް ކަންތައްތައް ބަދަލުވެގެންދަނީ މިހިސާބުންނެވެ. ޤާނޫނީ ނިޒާމުން އިންސާފު ނުލިބުމުގެ ސަބަބުން، ގޭންގްސްޓަރެއް ކަމަށްވާ ބަތިއާ (މަނޯޖް ޕާވާ) އާއި ކުރީގެ ފުލުހެއް ކަމަށްވާ މުތު (ރާހުލް ރަވީންދްރަން) އާ ގުޅިގެން، ސަތްޔާ ރޭވީ ކޮއްކޮ ޖަލުން ނެރުމަށެވެ. އެ ޕްލޭނަކީ އުނދަގޫ ބިރުވެރި ޕްލޭނެއް ނަމަވެސް ކޮންމެ ހާލެއްގައިވެސް ކޮއްކޮ ސަލާމަތްކުރަން ސަތްޔާ ބޭނުންވެއެވެ. ކޮއްކޮ ސަލާމަތްކުރުމަށް ސަތްޔާގެ އަނިޔާވެރިންނާ އެތައް ފަހަރެއްގެ މަތިން ކުރިމަތިލައެވެ. އަދި އެކަންތައްތައް ދިޔައީ ފިލްމުގައި ތަކުރާރުވަމުންނެވެ. އަންކުރު ސަލާމަތްކުރުމުގައި ގިނަ ގޮންޖެހުންތައް ސަތްޔާއަށް ކުރިމަތިވެއެވެ. ސުވާލަކީ ދައްތަ އަށް ކޮއްކޮ ސަލާމަތްކުރެވުނުބާވައެވެ؟ ސުވާލުގެ ޖަވާބު ހޯދުމަށް ފިލްމު ބަލާލައިށެވެ.

މި ފިލްމުގެ މަންޒަރުތައް ފުރިހަމަވެފައި ވަރުގަދައެވެ. ފިލްމުގެ ސިނަމޮޓޮގްރަފީވެސް ފުރިހަމައެވެ. އެކްޝަން ޑައިރެކްޓަރު ވިކްރަމް ދަހިޔާގެ ހުނަރުވެރިކަމުގެ ސަބަބުން ވަރަށް ފުރިހަމައަށް ފަރުމާކުރެވިފައިވާ ސްޓަންޓްތަކާއި އެކްޝަން މަންޒަރުތައް ފިލްމުން ވަރަށް ރީތިކޮށް ފެނިގެންދިޔައެވެ. ހާއްސަކޮށް ސަތްޔާ ލެނބިފައިވާ ފުރާޅަކުން ވެއްޓިގެންދާ މަންޒަރާއި އަލިފާނުގެ މަންޒަރުތައް ވަރަށް ފުރިހަމައެވެ.