ޑާކްރެއިން އެންޓަޓެއިންމަންޓުން އެ ކުންފުނިން ގެނެސްދޭ ފުރަތަމަ ހޮރޯ ކޮމެޑީ އިއުލާންކުރިއިރުން ފެށިގެންވެސް ފިލްމުގައި ކަންތައްތައް ވެގެންދާނެ ގޮތް ހިޔާލުކޮށްލެވުނެވެ. ހަމަގައިމުވެސް އެ ފިލްމުވެގެންދާނީ ހީހީ ގޮސް ރޮވޭވަރުގެ ފިލްމަކަށް ކަން އެނގިގެންދިޔައެވެ. ކަންދިމާކުރީވެސް ހަމައެހެންނެވެ. މިމަހުގެ ހަތް ވަނަ ދުވަހު ރެޑް ކާޕެޓް ހަފްލާއަކަށްފަހު އޮލިމްޕަހުގައި ޕްރިމިއާކުރި "ބިބީ"ގެ ފުރަތަމަ މަންޒަރުން ފެށިގެން ފަހު މަންޒަރާ ހަމައަށް މުޅި ސިނަމާ ހޯލްތެރެއިން ހުއްޓުމެއްނެތި އިވުނީ މީހުންގެ ހޭ އަޑެވެ. ބައެއް މަންޒަރުތަކުން ބައެއް މީހުން ހަޅޭއްލަވާ އަޑު އިވުނެވެ. ނަމަވެސް މެޖޯރިޓީ އިވުނީ ހަމަ ހޭ އަޑެވެ. ފިލްމު ބަލަން މިފަހަރު ދިޔައީ ކޮއްކޮ ގޮވައިގެންނެވެ. ކޮއްކޮ އަކީ މާ ގިނައިން ހޭ މީހަކަށްނުވާތީ، ފިލްމު ބަލަން އޭނާ ގެންދަން ކޮންމެހެންވެސް ބޭނުންވެއްޖެއެވެ. އެއީ ކޮއްކޮ އަށް ބިނދިބިނދިފަ ހެވޭނަމަ ފިލްމު ހަގީގަތުގައިވެސް މޮޅީ ކަމަށް ބެލޭނެތީއެވެ.

މައިގަނޑު ތަރިން

މަރިޔަމް މަޖުދާ (ޖަންނަތު)، ޝަރަފް އަބްދުﷲ (ޒިޔާން)، ޝީލާ ނަޖީބު (ނިޝާނާ)، އަމަން (ޒަޔާން)، އަހުމަދު ސައީދު (އަބްދުލް ސަލާމް)، ޝުހާ (އަމީރާ)، ފުބޫ (ރެކްސް)، ޝާއްކޮ އައްމަޑޭ (ނައީމު)، ހާޒިފް (ޝާހީން) އަދި މަލީހާ (ޔަޝްފާ)އެވެ.

މައިގަނޑު ވާހަކަ (ސްޕޮއިލާ ނުލާ)

ޖަންނަތު އާއި ޒިޔާން އަކީ ކައިވެނިކޮށްގެން ވަރަށް ލޯބިން އުޅެމުން އަންނަ ދެމަފިރިންނެވެ. ވަޒީފާގެ ގޮތުން ޒިޔާން، ޖަންނަތު އާ ދުރުގައި ހުރި ނަމަވެސް ޖަންނަތުގެ އެދުމުގެ މަތިން ޒިޔާން ހުޅުމާލެ ބަދަލުވަނީ ދެމަފިރިންގެ ކައިވެނީގެ ހަޔާތުގައި އާ ސަފްހާތަކެއް ލިޔެލުމަށެވެ. ދެމީހުންގެ ބަޖެޓަށް ހަމަވާ ވަރުގެ ގެއެއް ހޯދުމަށް މަސައްކަތްކުރަން ފެށީ ދެމަފިރިން އެއްކޮށް ދިރިއުޅުމުގެ ބޭނުމުގައެވެ. ކޮންމެއަކަސް ހުޅުމާލެއިން ދެމީހުންގެ ބަޖެޓަށް ފިޓުވާ ވަރުގެ ބޮޑު އެޕާޓްމަންޓެއް ލިބުނެވެ. އެ އެޕާޓްމަންޓާ ގުޅޭގޮތުން އިވިފައިވާ ވާހަކަތަކުގެ ސަބަބުން ޒިޔާން އޭރުވެސް ހުރީ ބިރުންނެވެ. ނަމަވެސް ޖަންނަތުގެ އެދުމުގެ މަތިން ޒިޔާންގެ ބިރު ކަނޑާލުމަށްފަހު އެ ގެއަށް ބަދަލުވެއެވެ. ޒިޔާން އާއި ރެކްސް އާ ދިމާވެއެވެ. ރެކްސް އަކީ މޮޅު ޖާދޫގަރެކެވެ. ޖަންނަތަކީ ޖާދޫގެ ކަންކަން މާ ގަބޫލުކުރާ މީހަކަށް ނުވުމާއެކު ރެކްސް އަށް ޖަންނަތު ދިޔައީ މަލާމާތްކުރަމުންނެވެ. ކޮންމެއަކަސް ޖަންނަތު އާއި ޒިޔާން އެގޭގައި ދިރިއުޅެން ފެށީ ވަރަށް ހަމަޖެހިގެންނެވެ.

ކަންތައްތައް ބަދަލުވާން ފެށީ މިހިސާބުންނެވެ. ގޮތް ނޭނގޭ އަޑުތަކެއް ގޭތެރެއިން އިވެއެވެ. އަބަދުވެސް މީހަކު ފަހަތުގައި ހުންނަހެން ހީވެއެވެ. ޖަންނަތުއަށް ފާޑެއްގެ ގޮތްތަކެއްވާކަން ޒިޔާނަށް އެނގެއެވެ. އެކަމާ ޒިޔާން ހުންނަނީ ވަރަށް ބިރުންނެވެ. ބިރުގަނެ ރޮވޭ ހިސާބަށް ދިޔުމުން ޒިޔާން ގުޅީ މަންމައަށެވެ. ގޭތެރެއަށް ފެން ކިޔަވާނީ ކިހިނެއްތޯ ބެލުމަށެވެ. މަންމަ ނިޝާނާ އާއި ކޮއްކޮ ޒަޔާން، ޒިޔާން މެންގެއަށް އާދެއެވެ. އެކަމާ އެންމެ ހިތްހަމަނުޖެހުނީ ޖަންނަތުއެވެ. މައިދައިތަ އާއި ޅިދަރީގެ ޖަގަޑާތައް ފެށެނީ މިހިސާބުންނެވެ. ދެމީހުންގެ މެދުގައި ތާށިވެފައިހުރި ޒިޔާނަށް ގޮތް ހުސްވެއެވެ. ޖަންނަތުގެ ބިރުވެރި ސިފަ ނިޝާނާއަށް ފެނެއެވެ. ނިޝާނާ ހީކުރަނީ ޖަންނަތު އޭނާއަށް ޖެއްސުމަށް ކުރާ ކަމެއްކަމަށެވެ. ވަގުތުން ނިޝާނާގެ ލޯބިވެރިޔާ އަބްދުލް ސަލާމަށް ގުޅައެވެ. އޭނާ ލައްވައި ގެއަށް ފެންކިޔަވާ މޮޅު ފަންޑިތަގަނޑެއް ހަދައެވެ. ނަމަވެސް ވަކި ރަނގަޅެއް ނުވެއެވެ.

ގޭތެރޭގެ ހާލަތު ދިޔައީ ގޯސްވަމުންނެވެ. ނިޝާނާގެ ގަޔަށް ޖިންނި ވަދެ އަބްދުލް ސަލާމް ބިރުގަންނަވާލައެވެ. ޓިކްޓޮކްގައި މަޝްހޫރު ނިޝާނާ ކުރާ ކޮންމެ ކަމެއް ދިޔައީ ޓިކްޓޮކްގައި ލައިވްކުރަމުންނެވެ. ޖަންނަތު ޖިންނީގެ ކިބައިން ސަލާމަތްކުރުމަށް ޒިޔާން ހޯދަނީ ރެކްސްގެ އެހީއެވެ. ނަމަވެސް ރެކްސް އަކީ ޖާދޫ ހަދާ މީހަކަށްވުމުން އެކަން ކާމިޔާބުވާ ގޮތެއްނުވިއެވެ.

އެޕާޓްމަންޓު މަތީގައި ދިރިއުޅޭ ނައީމު އާއި ހިސާބުގަނޑު މީހުންނާ ވާހަކަ ދައްކައިގެން ޒިޔާން މަސައްކަތްކުރަމުންދިޔައީ ކަންތައްތައް ވެގެންދާ ގޮތް ބެލުމަށެވެ. ނައީމުގެ އެހީތެރިކަމާއެކު ލިބުނު ފޮތަކުން ޒިޔާން އަށް ގިނަ ކަންތައްތަކެއް ހާމަވެގެންދިޔައެވެ. ޖިންނި ރޫހުގެ ކިބައިން ޖަންނަތު ސަލާމަތްކުރަން ޒިޔާން ކުރި މަސައްކަތް ފިލްމުގެ ޒަރިއްޔާ އިން ބަލާލާށެވެ. ހީހީ ގޮސް ރޮވޭވަރުގެ މަންޒަރުތަކަކީ ކޮބައިކަން ބެލުމަށް ފިލްމު ބަލައިލާށެވެ.

ޝަރަފް އަށް އެވޯޑު ދޭ ވަރުވޭ!

އާންމުގޮތެއްގައި ޝަރަފް ފެނިގެންދަނީ ވަރަށް ކަންކަން ކުރަންކެރޭ ކެރެކްޓާތަކުންނެވެ. މިސާލަކަށް ފިލްމު "ފުރޭތަ" އަށް ބެލި ނަމަވެސް ފެނިގެންދާނީ ޝަރަފް އަކީ ވަރަށް ޖެހިލުންކުޑަ ވަރުގަދަ ކެރެކްޓަރެއްގެ ގޮތުގައެވެ. ނަމަވެސް އޭނާ ކުޅުނު އެހެން ހުރިހާ ފިލްމުތަކާ ހިލާފަށް ފިލްމު ބިބީ އިން ޝަރަގް ފެނިގެންދިޔައީ ވަރަށް ތަފާތުކޮށެވެ. ކުޑަކޮށް ހިތްބަލި ކުޑަ ކަމެއްދިމާވިނަމަވެސް ބިރުގަންނަ މީހެއްގެ ކެރެކްޓާ ޝަރަފް ކުޅެދީފައިވާ ގޮތް ވަރަށް ވެސް ފުރިހަމައެވެ. ބުނެލާ މޮޅެތި ޖުމްލަތަކުން ހީހީ އަވަދިވެއެވެ. ޖައްސާލާ ޑައިލޮގުތަކުން ލޮލުން ފެންވެސް އާދެއެވެ. ފިލްމު ބިބީ އިން ޝަރަފް ދައްކުވައިދިނީ އޭނާ އަކީ ވާސަޓައިލް އެކްޓަރެއް ކަމަށެވެ.

ޝީލާ އަށް ސާބަސް!

ޝީލާ ކުޅޭ ކޮންމެ ރޯލެއް ވެސް އޭނާ ކުޅޭނީ އެންމެ ފުރިހަމައަކާ މެދު ޝައްކެތްނެތެވެ. ޝީލާ އަކީ ބެލުންތެރިންގެ އިތުބާރާ ލޯބި ހޯދާފައިވާ މޮޅު އެކްޓަރެކެވެ. ފިލްމު ބިބީ ގައި ޝީލާ ފެނިގެންދަނީ ޓިކްޓޮކް ކުޅޭ ޒުވާނީ މަންމައެއްގެ ގޮތުގައެވެ. ހެއްވާ މަޖާ ކަންތައްތައް ފިލްމުގައި ޝީލާގެ ކެރެކްޓާކޮށް އުޅޭއިރު ޝީލާ އުޅޭގޮތުން ބައެއްފަހަރު ހީހީ ބަނޑުގެ އެއްކައިރިއަށް ތަދުވެސް އަރައެވެ. ޑައިލޮގްތައް ޑެލިވާކޮށްދީފައިވަނީ އެންމެ ފުރިހަމައަށެވެ.

ޖުމްލަކޮށް ބުނާނަމަ ފިލްމުގައި ފެނިގެންދިޔަ ހުރިހާ ކެރެކްޓާތަކެއްގެ އެކްޓިންވެސް ވަރަށް މޮޅެވެ. ފިލްމުގައި މަޖުދާ އަދި ސައީދުގެ އެކްޓިން ފާހަގަކޮށްލަމެވެ. ޕޮސެސިވް ވެފައިވާ އަންހެނެއްގެ ރޯލު މަޖުދާ ޑެލިވާކޮށްދިނީ އެންމެ ފުރިހަމައަށެވެ. ފިލްމުގެ ޑައިރެކްޓަރު ޝަހުދާ މަހްމޫދުގެ އަލަތު ޑައިރެކްޝަން ހަގީގަތުގައިވެސް ވައިގައި ހިފައިފިއެވެ. ފިލްމުގެ ހުރިހާ މަސައްކަތެއްވެސް ފުރިހަމައެވެ. ފިލްމުގެ ޓީމުންކޮށްފައި މިއޮތީ ބުރަ މަސައްކަތެކެވެ.

މި ފިލްމަކީ މީގެ ކުރިން ބެލިފައިނުވާ ހެއްވާ މަޖާ ދިވެހި ހޮރޯ ކޮމެޑީއެކެވެ. ފިލްމު ބަލަން އޮލިމްޕަސް ސީޓުގައި އިށީނީއްސުރެ ފިލްމު ނިމެންދެން އިންނަން ޖެހުނީ ހޭށެވެ. މުޅި އޮލިމްޕަސް މާހައުލުން ހަޅޭކުގެ އަޑާއި މީހުން ހޭ އަޑު ހުއްޓުމެއްނެތި ދިޔައީ އިވެމުންނެވެ. ހަމަ ގައިމުވެސް ފިލްމު "ބިބީ" އަކީ މިހާތަނަށް ބެލުނު އެންމެ ސަޅި ދިވެހި ހޮރޯ ކޮމެޑީއެވެ. ދިވެހި އޯޑިއަންސް މިފަދަ ފިލްމަކަށް ބޭނުންވެފައި އޮއްވާ ޑާކްރެއިނުން ވަނީ "ބިބީ" ބެލުންތެރިންނާ ހަމައަށް ގެނެސްދީފައެވެ. ފިލްމު ވަރަށް ފުރިހަމައެވެ.