ޕީޕީއެމްގެ މެންބަރުން ޕާޓީ ދޫކޮށް ދާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ޕާޓީގެ ރައީސް، އަބްދުﷲ ޔާމީން ވެސް އެދިވަޑައިގަންނަވަނީ ދެ ޕާޓީގެ ގުޅުން ވަރުގަދަ ކުރުމަށް ކަމަށް ކުރީގެ ކަސްޓަމްސް ކޮމިޝަނަރު އައްބާސް އާދިލް ރިޒާ ވިދާޅުވެއްޖެއެވެ.
ޔާމީންގެ އިރުޝާދުގެ މަތިން ޕީޕީއެމް ހިންގުމާ ހަވާލުވެ ހުންނެވި އައްބާސް މިހެން ވިދާޅުވެފައި ވަނީ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އެ މޭރުމުން ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ ގައުމަށް ހެޔޮ ގޮތްތައް ގެނައުމަށް ކުރާ މަސައްކަތުގައި އަބަދުވެސް ޕީޕީއެމް ދެމި އޮންނާނެ ކަމަށެވެ.
އަދި ހަމައެހެންމެ ޔާމީނަކީ ގައުމަށް ދެރައެއް ދެއްވާނެ ބޭފުޅެއް ނޫންކަމަށާއި ޔާމީންގެ އެދިވަޑައިގަތުމަކީ ވެސް ދެ ޕާޓީގެ ގުޅުން ވަރުގަދަ ކޮށް ކުރިއަށް ދިއުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އަދި ރައީސް އަބްދުﷲ ޔާމީންގެ އިރުޝާދުގެ ދަށުން 13 މެމްބަރުންގެ ފޯކަލް ޕޮއިންޓެއް ކަނޑައަޅައި މަސައްކަތް ފަށާފައި ވާކަމަށާއި ޕީޕީއެމަށް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ކުރަމުން ދަނީ، ރައީސް ޔާމީންގެ ލަފައާއި އެއްގޮތަށް ކަމަށް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެފައި ވެއެވެ. ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މަލީހު ވިދާޅުވީ ކުއްލި ޕްރެސް އެއް ބޭއްވީ އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށާއި މިއީ ޕީޕީއެމްގެ ފިކުރު ހާމަ ކުރުމަށް ބޭއްވި ޕްރެސް އެއް ކަމަށެވެ.
ވެރިކަން ކާމިޔާބު ކުރުމަށްފަހު ދެ ޕާޓީގެ އިސްވެރިންގެ ދެމެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދިފައި ވާކަމުގެ ވާހަކަތައް ފެތުރިފައިވާ މި ދަނޑިވަޅުގައި ޕީއެންސީން ވަނީ ވަކި އޮފީހެއް ގާއިމުކޮށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ފަށާފައެވެ.
ޕާޓީގެ ހިންގުން މަލީހާއި އައްބާސްއާ ހަވާލުކޮށްފައި ވީ ނަމަވެސް ސެކެޓްރީ ޖެނެރަލްގެ މަގާމުގައި މިހާރުވެސް ހުންނެވީ މި ސަރުކާރުގެ ސްޕޯޓްސް ކޮމިޝަނަރަކަށް މިއަދު އަންޔަން ކުރި މުހައްމަދު ތޮލާލެވެ. ނަމަވެސް އޭނާ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމަށް އުޒުރުވެރިވެ ވަޑައިގަންނަވާކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި މިރޭ އައްބާސް ވަނީ ވިދާޅުވެފައެވެ.
ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެސްޖީގެ މަގާމުން ތޮލާލް ވަކިކުރެވޭނީ ސެނެޓުން ފާސްކޮށްގެންނެވެ.