ވެރިކަން ހިންގަމުންދާ ޕީއެންސީ ހިމެނޭ މައި ޕާޓީ ޕީޕީއެމްގެ ހިންގުން ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި ކުރީގެ ކަސްޓަމްސް ކޮމިޝަނަރު އައްބާސް އާދިލް ރިޒާއާ ހަވާލުކޮށްފިއެވެ.
މިރޭ ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އިސްކޮށް ހަރަކާތްތެރިވެފައި ވަނީ އެ ދެ ބޭފުޅުންނެވެ. "ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުގައި ޕީޕީއެމް ހިންގުން އެ ދެ ބޭފުޅުންނަށް ހަވާލު ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިރުޝާދުގެ ދަށުންނެވެ.
ޕާޓީގެ ހިންގުން މަލީހާއި އައްބާސްއާ ހަވާލުކޮށްފައި ވީ ނަމަވެސް ސެކެޓްރީ ޖެނެރަލްގެ މަގާމުގައި މިހާރުވެސް ހުންނެވީ މި ސަރުކާރުގެ ސްޕޯޓްސް ކޮމިޝަނަރަކަށް މިއަދު އަންޔަން ކުރި މުހައްމަދު ތޮލާލެވެ. ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެސްޖީގެ މަގާމުން ތޮލާލް ވަކިކުރެވޭނީ ސެނެޓުން ފާސްކޮށްގެންނެވެ.
ވެރިކަން ކާމިޔާބު ކުރުމަށްފަހު ދެ ޕާޓީގެ އިސްވެރިންގެ ދެމެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދިފައި ވާކަމުގެ ވާހަކަތައް ފެތުރިފައިވާ މި ދަނޑިވަޅުގައި ޕީއެންސީން ވަނީ ވަކި އޮފީހެއް ގާއިމުކޮށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ފަށާފައެވެ.
ޕީއެންސީގެ މަސައްކަތްތައް މީގެ ކުރިން ކުރަމުން ދިޔައީ ހ. ހުރަފާގައި ހުންނަ ޕީޕީއެމްގެ އޮފީހުގައި ނަމަވެސް ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަން ފަހުން ޕީއެންސީގެ މަސައްކަތްތައް ވަކި އޮފީހަކަށް ބަދުލުކޮށްފައި ވާއިރު މިހާރު އެ ޕާޓީގެ އޮފީސް ގާއިމުކޮށްފައި ވަނީ "ދިވެހީންގެރާއްޖޭ"ގެ މައި ޖަގަހަ ހިންގި، ކާނިވަލުގެ "ދޮންމަނިކު ސްކައިވޭ" ރެސްޓޯރަންޓުގެ ތިރީގައެވެ.
ޕީޕީއެމް މެންބަރުން ޕީއެންސީ އަށް ގުޅެމުންދާ ކަމަށް ވިދާޅުވެ މީގެ ކުރިން ޔާމީން ވަނީ ކަންބޮޑުވުންވެސް ފާޅު ކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން ކެންޑިޑޭޓުން ނެރުމަށް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ވަކި އޮފީހެއް ގާއިމު ކުރުމާއެކު ޕީޕީއެމްގެ އާންމު މެންބަރުން އަންނަނީ އަބްދުﷲ ޔާމީން ބާކީ ކޮށްލި ކަމަށް ބުނަމުންނެވެ.