މާލެ ސިޓީގެ މުނިސިޕަލް ހުރިހާ ހިދުމަތެއް މާލެ ސިޓީ ކައުންސިލަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ރައީސް އޮފީހުން ބުނީ، މާލެ ސިޓީގެ ހުރިހާ މުނިސިޕަލް ހިދުމަތެއް މާލެ ސިޓީ ކައުންސިލަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާއި ގުޅިގެން އެކަމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް މިއަދު ރައީސް އޮފީހުން ފަށާފައިވާ ކަމަށެވެ.

މިއަދު ގެންނަން މި ފެށި ބަދަލުތައް އެކީ ފުރިހަމަވުމުން، މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތްތައް ދެމުން ގެންދާނީ މާލެ ސިޓީ ކައުންސިލުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސް އޮފީހުން ބުނީ، ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި، ދެވަނަ ފިޔަވަހީގެ މައިގަނޑު މުނިސިޕަލް ހުރިހާ ހިދުމަތެއް މިހާރު ދެމުން ގެންދަނީ އާބަންކޯއިން ކަމަށެވެ.

މާލެ ސިޓީގެ މުނިސިޕަލް ހުރިހާ ހިދުމަތްތަކެއް، މާލެ ސިޓީ ކައުންސިލަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅެކެވެ. އެމަނިކުފާނު މިކަން މިގޮތައް ނިންމަވާފައި ވަނީ މާލެ ސިޓީގެ ވަރަށް ގިނަ ރައްޔިތުންގެ އެދުމުގެ މަތީންނެވެ.