ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުން ފަރުވާ ދޭ އުމުރުފުރާއަކީ 16 އަހަރުން ދަށުގެ ކުދިން ކަމުގައި ހެލްތް މިނިސްޓްރީ އިން ކަނޑައަޅައިފިއެވެ.

ހެލްތް މިނިސްޓްރީއިން ބުނީ އާންމު އުސޫލެއްގެ ގޮތުން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުން ބެއްލެވުމާއި، ފަރުވާ ދެއްވުމަށް ވަކި އުމުރުފުރާއެއް ކަނޑައަޅާފައި ވަނީ ސިއްހީ ހިދުމަތްދޭ ތަންތަނުގައި ހިދުމަތް ދިނުމުގައި ގެންގުޅޭ އުސޫލްތައް އެއްގޮތް ކުރެވިފައި އޮތުމަކީ މުހިންމު ކަމަކަށް ވާތީ ކަމަށެވެ.

ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުން ފަރުވާ ދޭ އުމުރުފުރާއަކީ 16 އަހަރުން ދަށުގެ ކުދިން ކަމުގައި ކަނޑައަޅާފައި އޮތް ނަމަވެސް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުން، އެ ޑޮކްޓަރެއްގެ ކޮންޕިޓެންސީ، ސްކޯޕް އޮފް ޕްރެކްޓިސް އަދި ކޯޑް އޮފް ކޮންޑަކްޓާ ހިލާފު ނުވާ ގޮތުގެ މަތިން 16 އަހަރުން މަތީ އުމުރުފުރާގެ ކުދިން އަދި މީހުން ބެއްލެވުމަށާއި، ފަރުވާ ދެއްވުމަކަށް ހުރަހެއް ނެތް ކަމަށް ހެލްތް މިނިސްޓްރީ އިން ބުނެއެވެ.

ހެލްތް މިނިސްޓްރީއިން އިތުރަށް ބުނީ އެހެނިހެން ސްޕެޝަލިޓީ ނުވަތަ ސަބްސްޕެޝަލިޓީ ދާއިރާތަކުން ތަމްރީނު ލިބިވަޑައިގެން ތިއްބެވި ސްޕެޝަލިޓް ޑޮކްޓަރުންނަކީ އެ ދާއިރާއަކުން ކުޑަކުދިންނަށް ހާއްސަ ޑޮކްޓަރުން ކަމުގައި ނުވިނަމަވެސް އެ ޑޮކްޓަރެއްގެ ކޮންޕިޓެންސީ، ސްކޯޕް އޮފް ޕްރެކްޓިސް އަދި ކޯޑް އޮފް ކޮންޑަކްޓާ ހިލާފު ނުވާ ގޮތުގެ މަތިން 16 އަހަރުން ދަށުގެ ކުދިން ބައްލަވާ، އެކުދިންނަށް ފަރުވާ ދެވިދާނެ ކަމަށެވެ.