ދިވެހި ރާއްޖޭގައި ދެމުންދާ ތެލެސީމިއާ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ސައިޕްރަސްއާއެކު އެއްބަސްވެއްޖެއެވެ.

ސްވިޒަލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 78 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގެ ހަވާސާގެ ތެރެއިން ސޮއި ކުރި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމްއެވެ.

އަދި ސައިޕްރެސްގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުގެ ހެލްތު މިނިސްޓަރު މައިކަލް ދަމްޔަނޮސް އެވެ.

ދެ ގައުމުގެ ދެމެދުގައި މިއަދު ވެވުނު އެއްބަސްވުމުގައިވާ ކަންތައްތަކަކީ:

  • ސިއްހީ ހިދުމަތްތެރިންގެ އިންސާނީ ވަސީލަތްތައް ހަރުދަނާކުރުން
  • ތެލެސީމިއާ ބަލިން ރައްކާތެރިވުމާއި ބަލި ދެނެގަތުމާއި ފަރުވާދިނުމުގައި ސައިޕްރަސްގެ ތަޖުރިބާކާރު ފަންނީ ބޭފުޅުންގެ އެހީތެރިކަން ހޯދުން
  • މޯލްޑިވިއަން ބްލަޑް ސާވިސަސްއިން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުން
  • ޓެލެކޮންފަރެންސިން މެދުވެރިކޮށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ ހިދުމަތް ދިނުން

މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު ނާޒިމް ވިދާޅުވީ، ސައިޕްރަސް ފަދަ ތެލެސީމިއާ ކޮންޓްރޯލް ކޮށްފައިވާ ގައުމެއްގެ ފަންނީ އެހީތެރިކަން ލިބިގެންދިޔުމަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

އަދި ހަމައެހެންމެ މި އެއްބަސްވުމުގެ ދަށުން ކްލިނިކަލް އަދި ފަންނީ ތަޖުރިބާ ހިއްސާކުރުން ފަދަ މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރު ކުރުމަކީ އަމާޒެއް ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.